ނޫ އިގުތިސޯދު ހަރުދަނާ ކުރުމަށް މަގުފަހިކުރަން އީޔޫއިން ދިނުމަށް ހަމަޖެހިފައިވާ 6.5 މިލިއަން ޔޫރޯގެ ފައިނޭންސިން އެގްރިމެންޓުގައި ސޮއިކޮށްފައި ވަނީ ރާއްޖެ އާއި އީޔޫގެ އިސް އޮފިޝަލުން އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރުންތަކުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔޫރަޕިއަން ޔޫނިއަން އެކްސްޓާނަލް އެކްޝަންސް ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ އާއެކު އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގުޅުމަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާއި ނިރުބަވެރިކަމާ ދެކޮޅަށް އީޔޫ އާ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި ޒަމީރު ވަނީ ރާއްޖޭގެ އިގުތިސޯދަށް ދެމުން އަންނަ އެހީތެރި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް އީޔޫއިން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ރާއްޖޭގެ ނޫ އިގުތިސޯދު ހަރުދަނާ ކުރުމަށް މަގުފަހިކުރަން އީޔޫއިން ދިނުމަށް ހަމަޖެހިފައިވާ 6.5 މިލިއަން ޔޫރޯގެ ފައިނޭންސިން އެގްރިމެންޓުގައި ސޮއިކުރިކަން ވެސް ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ޒަމީރު ވަނީ ޝެންގެން ވިސާގެ ޝަރުތުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ދިވެހި ސަރުކާރުން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.
މިނިސްޓަރުގެ އަރިހުގައި މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހްމަދު ހާނީ ނައީމުގެ އިތުރުން ޗީފް ޑެސްކް އޮފިސަރު އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޔޫރަޕިއަން ޔޫނިއަން އެކްސްޓާނަލް އެކްޝަންސް ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީ ކޯޗެއާ ކުރައްވާ ގޮތަށް ރާއްޖެ އާއި އީޔޫ އާ ދެމެދު އިސްވެރިންގެ ފަސް ބައްދަލުވުން ފޮރިން މިނިސްޓްރީގައި އާދިއްތަ ދުވަހު ވަނީ ބާއްވާފަ އެވެ.