ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޖޯކު ޖެހިޔަސް، ހޫނުވުމުން ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެ: ތައުލީމީ ވަޒީރު
ދެއްކި ވާހަކަ މާނަ އޮޅުވާލާ ޖޯކު ޖެހިޔަސް ހޫނުވުމުން ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެކަމަށް ތައުލީމާ ބެހޭ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ މި ހަފްތާގައި ފެށި "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ސަބަބުން ބުލީ ކުރުން ހުއްޓޭނެކަމަށް ވިދާޅުވި ވިދާޅުވުމަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަމަށް ރައްދު ދެއްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރު ވިދާޅުވީ އެމަނިމުފާނު ދެއްކި ވާހަކަ އެހެން މާނައެއްގައި ސިޔާސީ ބޭނުމަށް ބޭނުންކުރީ އެއީ، އެފަރާތްތަކަށް ދޭހަވުމުގައި ދިމާވި މައްސަލައަކުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ހޯދުން މުހިންމު ކަމުގައި ދެކޭކަމަށްވެސް ވަޒީރު ވިދާޅުވެ ކުރެއްވި ދިރާސާއެއްގެ ވާހަކަ ވަނީ ހިއްސާކުރައްވާފައެވެ. 

" 2019ވަނަ އަހަރު ދިރާސާއަކަށް އަޅުގަނޑު ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ޓެމްޕަރޭޗަރު ބެލިން. އޭރު ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ކުލާސްރޫމް ތަކުގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ ގާތްގަޑަކަށް 37 ޑިގްރީ ސެލްސިއަސްކަމަށް ފާހަގަކުރެވުނު. ނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ހޫނުމިން މަތިވެ، ބައެއް މަސްމަހު، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަށްވުރެ މަތިވެފއިވާކަމީ ހަގީގަތެއް. މިއީ އޭގެ ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެ ކަމެއް" ވަޒީރު ވިދާޅުވިއެވެ.

ތައުލީމީ ވަޒީރު ވިދާޅުވީ އެންމެ ފަހުން ލަންޑަންގައި ބޭއްވުނު، ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް އަންނަ ބަދަލާ ބެހޭގޮތުން އިލްމީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔަކަމަށެވެ. ފާޑުކީ ފަރާތްތަކަށް ރައްދުދެއްވަމުން ވަޒީރު ޝަފީއު ވިދާޅުވީ މާ ބޮޑު ދިރާސާއެއް ނުކޮށް ގޫގްލް ބެލުމުންވެސް މި މައުލޫމާތު އެނގޭނެކަމަށެވެ. 

" މާމޮޅު ދިރާސާވެރިއަކަށް ނުވިޔަސް ހޫނުކަން އިތުރުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ކުރާ ނޭދެވޭ އަސަރު ގޫގުލް ސާޗަކުންވެސް އެނގޭވަރުވެދާނެ. ޕިއަރރިވިއުޑު ސައިންޓްފިކް ދިރާސާތައް ބެއްލެވުމަށް ބޭނުންވާ ބޭފުޅުން ސްކޯޕަސްފަދަ ޑާޓާބޭސްތައް ބެއްލެވުން ރަނގަޅުކަމުގައި ދެކެން." ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެމަނިކުފާނު ދެއްކެވި ވާހަކަ މަފްހޫމް އޮޅުވާލާ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދެއްކެވުމުން އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. 

" ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނޭ، ނުވަތަ ސްނޯ އަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަކަމެއް. ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމްތައް ފުރުއްވާފައިވާ ގައުމުގެ ނައިބުރައީސް ފެންވަރުގެ ބޭފުޅުންވެސް އެބޭފުޅުންނާއި އިލްމީގޮތުން އަދި އަޚުލާގީ ގޮތުންވެސް އެކަށީގެންނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއްނެތި ވެންނެވުން. " ވަޒީރު ދެއްވި ރައްދުގައި ވެއެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ސްކޫލްތަކުގެ ވެށި ހިތްފަސޭހަކޮށް އުނގެނުމާއި އުނގަންނައިދިނުމަށް ވީހާވެސް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮޖެކްޓެއްކަމަށް ތައުލީމާ ބެހޭ ވަޒީރު ޝަފީއު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ސްކޫލް ކޮމިއުނިޓީގެ ދުޅަހެޔޮކަމަށް ހާއްސަ ހަރަކާތްތައް ހިންގޭނެކަމަށައި. ސްކޫލްތައް ހިތްހަމަޖެހޭ މާހައުލުތަކަށް ބަދަލުކޮށް "ކޫލް ސްކޫލް" ތަކަށް ބަދަލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ކޫލް ސްކޫލް ތަކުގައި ބުލީ ނުކުރާނެއެވެ. އެހެނީ ބުލީ ކުރުމަކީ ކޫލް ކަމެއް ނޫނެވެ. އަދި މިފަދަ ސްކޫލްތަކުގައި އެންމެން މަސައްކަތް ކުރާނީ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށެވެ. މިއީ އަޅުގަނޑު އެދުވަހު ދެއްކި ވާހަކައިގައި ބަޔާންކުރި ކޫލް ސްކޫލްގެ މަފްހޫމް." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް 2 އަހަރު ދުވަހުގެ ތެރޭގައި އޭސީކުރުމަށް ސަރުކާރުން އިއުލާންކުރި މަޝްރޫއު މިދިޔަ އާދިއްތަދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއު ފެށީ ހުރިހާ ހަރަދެއް ކައުންސިލުން ކޮށްގެން މުޅި ސްކޫލް އޭސީ ކުރަން ނިންމި މާފުށީ ސްކޫލުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް