ads
މޯދީ ވަނީ ކެމްޕޭނުތަކުގައި ބޭނުންކުރައްވާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ -ފޮޓޯ: އޭއެފްޕީ
ބީޖޭޕީ ކޯލިޝަނަށް ލިބުނު ގޮނޑިތަކުން މޯދީއަށް ތިންވަނަ ދައުރެއް ކަށަވަރު
އިންޑިއާގެ އާންމު އިންތިޚާބުގެ ނަތީޖާ ސާފުވާން ފަށާފައިވާއިރު އެގްޒިޓް ޕޮލްތަކުން އަންދާޒާކުރި މިންވަރުގެ ބޮޑު އަޣުލަބިއްޔަތެއް ވެރިކަންކުރާ ބީޖޭޕީއަށް ނުލިބޭނެކަން މިހާރުވަނީ ސާފުވެފަ އެވެ. ނަމަވެސް މޯދީގެ ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ގޮނޑިން ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއް ވަނީ ކަށަވަރުކޮށްފަ އެވެ.
Advertisement

ޕާޓީއަކަށް މެޖޯރިޓީ ލިބޭނީ ލޮކްޝަބާގެ 543 ގޮނޑީގެ ތެރެއިން 272 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ނަތީޖާ ދައްކާ ގޮތުން މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއަށް ލިބޭނީ 240 ގޮނޑި އެވެ. 

މިދިޔަ މަހު ފަށައި މި މަހު ނިންމާލި ބިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކުރަމުން ދާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ބީޖޭޕީއަށް ވަނީ ކުރިއަށްވުރެ މާ ބޮޑަށް ކުޑަވެފަ އެވެ. އެކަމަކު ކުރިން ލަފާކުރަމުން އައީ 543 ގޮނޑީގެ ތިން ބައިކުޅަ ދެ ބައި މޯދީގެ ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ލިބޭނެ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 291 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ބީޖޭޕީގެ 239 ގޮނޑި ހިމެނޭއިރު މަޖިލީހުގެ އަގުލަބިއްޔަތު 272 ގޮނޑިން ލިބެއެވެ.

އިންޑިއާގައި ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި 642 މިލިއަން މީހުން ވޯޓު ލާފައިވާއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިއާ ކޯލިޝަނަށް މިހާތަނަށް ލިބިފައިވަނީ 234 ގޮނޑިއެވެ.

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި މިފަހަރުގެ އާއްމު އިންތިހާބުގައި ވޯޓުލާން ރެކޯޑް އަަދަދަކަށް މީހުން ނުކުތެވެ. އެކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި 642 މިލިޔަން މީހުން ވޯޓުލި އެވެ.

your imageއިންތިހާބުގައި 543 ގޮނޑިއަކަށް މެމްބަރުން އިންތިހާބުކުރާއިރު، 969 މިލިއަނެއްހާ މީހުންނަށް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ - ފޮޓޯ: އޭއެންއައި

ސާފު މެޖޯރިޓީ ގެއްލުނު ނަމަވެސް، މޯދީ ވަނީ ބީޖޭޕީގެ މައި ހަރުގެއަށް ވަޑައިގެން ޕާޓީގެ އިސްވެރިންނާއެކު އިންތިހާބުގެ ކާމިޔާބީ އިއުލާނުކުރައްވާފަ އެވެ. އެގޮތުން ކާމިޔާބީގެ ހިތާބުގައި މޯދީ ވަނީ އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޭނާގެ ޕާޓީއަށް އެބައޮތް ކަމަށާއި މިއަދުގެ ނަތީޖާއަކީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ. 

އަދި މިއީ ވަރަށް ތާރީހީ ކާމިޔާބީއެއް ކަމަށް ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއް މޯދީއަށް ކަށަވަރުކުރެވުނު ނަމަވެސް، ބީޖޭޕީއަށް މި އިންތިހާބުގައި ހަގީގަތުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބީއެކެވެ. މި އިންތިހާބުގައި ބީޖޭޕީއަށް 239 ގޮނޑި ލިބުނުއިރު 2019 ވަނަ އަހަރުގެ އިންތިހާބުގައި އެ ޕާޓީން އެކަނި ވެސް 303 ގޮނޑި ހޯދާފައިވެ އެވެ.

ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިތާ 10 އަހަރު ފަހުން ނަރެންދުރަ މޯދީގެ އަމާޒަކީ ތާރީހީ ތިން ވަނަ ދައުރެއް ކާމިޔާބު ކުރައްވާ، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު، ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރައްވާ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަށްވުމެވެ. އެކަން އުމުރުން 73 އަހަރުގައި މޯދީ ކާމިޔާބުކޮށްފި އެވެ. ހަރުކަށި ހިންދޫ ވަތަނީ ސިޔާސަތެއް ގެންގުޅުއްވާ މޯދީ އަކީ އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި ވެސް މިހާރު ވަރަށް މަގުބޫލު ސިޔާސީ ލީޑަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް