ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް، އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގަ އެވެ.
މިއަދު ގެ ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވަނީ ރާއްޖޭގައި ނެތެމުންދާ ގަސްތަކަކީ ކޮބާތޯ ދިރާސާކޮށް، އެ ގަސްތައް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގަސްތައް އިންދައި، މޮނީޓާކޮށް، ފަސް އަހަރު ތެރޭގައި ގަސްތަކުގެ ކަންކަން ބަލައި، އިންދާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން މި މަޝްރޫއުގައި ބައިވެރިވާނެ ކަމަށް ވެސް މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރިސޯޓްތަކުގަ އާއި ރަށްތަކުގައި ވެސް ގަސް އިންދުމުގެ މަޝްރޫއު ފެށިގެން ދާނެ އެވެ. މިއަދު ލޮނުޒިޔާރަތް ޕާކުގައި ވަނީ ރާއްޖޭގައި ނެތެމުންދާ 22 ވައްތަރެއްގެ ގަސް އިންދާފަ އެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު އިންދަވާފައި ވަނީ ދިވެހި ބޭސް ފަރުވާއަށް ބޭނުން ކުރާ ބާވަތެއް ކަމަށްވާ "ކާބުލި އަރޮޅި" ގަހެއް ކަމަށްވާއިރު ރައީސްގެ އަނބިކަނބަލުން އިންދެވީ "ކާމިނީ ޕޫލް" ގަހެކެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ރައީސްގެ ނައިބުގެ ދެކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ ވެސް އިފުތިތާހުކޮށްދެއްވާފަ އެވެ.
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބަ އާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
މިފަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ލޭންޑް ރީސްޓޯރޭޝަން، ޑީސެޓިފިކޭޝަން އެންޑް ޑްރޯޓް ރެސިލިއެންސް" ކަމަށް ވާއިރު މި ގަސް އިންދުމުގެ ޕްރޮގްރާމް ވަނީ މި ޝިއާރާ ގުޅިފަ އެވެ. ފަސް މިލިއަން ގަސް އިންދުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ.