ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފަރާތްތަކާއި ގޯތި ހަވާލުކުރަންޖެހޭ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު، އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ބިލު މަޖިލީހުން ބޭރު ކޮށްލުމުގެ ކުރިން ބަހުސް މަރުހަލާގައި ސައުދާ ވިދާޅުވީ، މި ސަރުކާރުގެ ހުށަހެޅުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް "ޓޯޓަލް ސޮލިއުޝަނެއް" ކަމަށެވެ.
މާލޭގައި ދިރިއުޅޭ އެންމެންނަށް މި ދައުރުތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒުވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ގައުމީ މަސްލަހަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަން ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ވައުދުފުޅާ އެއްގޮތަށް މި ފަސް އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ހުޅުމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ސަރުކާރުން ދީފައިވާ ތަންތަނުން ގޯއްޗާއި ފްލެޓް ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް ފަރާތެއްގެ ނަން އުނިވާން ބޭނުންފުޅުނުވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
.
ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެހެންވެ އެ ހުށަހެޅުން ފާހެއް ނުވި އެވެ. އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ.
އެ ބިލު ބޭރުކުރިޔަސް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު ރައީސް މުއިއްޒު ފުއްދަވާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީން ބުންޏެވެ. އަދި ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށްވެސް އެތަންތަން ހަވާލުކުރާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި އެވެ.