ޔޫރޯ 2024 ގެ ހުރިހާ މެޗެއް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބުނު ލޯކަލް މީޑިއާއަކީ ޕީއެސްއެމް އެވެ. އެގޮތުން މުބާރާތުގެ މެޗުތައް ދެއްކުމުގެ އިތުރުން ޕީއެސްއެމް ފޯރި 2024 ގައި މެޗް ކަވަރޭޖާއި ކޮމެންޓްރީ އަދި އިތުރު ހާއްސަ ސެގްމެންޓްތައް ވެސް ހިމެނޭނެ އެވެ.
ޔޫރޯ 2024 އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހަށް ޖަރުމަނުގަ އެވެ. ޔޫރޯ 2024 ގެ 51 މެޗު ވެސް ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަދި ޔެސް ޓީވީން ދައްކާނެ އެވެ. މީގެ އިތުރުން ޔޫރޯގެ ފޯރި ކުޑަކުދިންގެ މެދުގައި އާލާކުރުމުގެ މަގުސަދުގައި ހުކުރު ދުވަހުގެ ހުޅުމާލެ ސެންޓްރަލް ޕާކުގައި "ކުޑަކުދިންގެ ޔޫފޯރިއާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހަރަކާތްތަކުގައި މުޖުތަމައުގައި ޝާމިލްވާ ފަރާތްތަކަށް އެއްބާރުލުން ފޯރުކޮށްދިނުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.