ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ބިނާވަނީ ސަރުކާރުން ދައްކާ ވާހަކަތަކުގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުން މަޝްރޫތައް ހިނގާކަން ނުވަތަ ނޫންކަން އެނގެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ގައުމުގެ އަސްލު މަންޒަރު ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ ކަމަށާއި ރައްޔިތުން ކައިރީ ހަގީގަތާ ކުރިމަތިލުމަށް ބުނުމަށް ނާޒިމް ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ އެކްސްޕެކްޓޭޝަން އާ ހުރިހާކަމެއް ބިނާވަނީ އެ ވާހަކަތަކަށް."
އަވަށްޓެރި ސްރީލަންކާ 2022 ވަނަ އަހަރު ބަނގުރޫޓްވިއިރު ވެސް ދުނިޔޭގެ ބޮޑެތި އެއްވެސް ގައުމަކުން އެހީ ނުދިނީ އިގްތިސާދުގައި ހުންނަންޖެހޭ އެންމެ މުހިންމު ކަންކަން ލަންކާގައި ފުރިހަމަ ނުކުރެވި ހުރުމުންކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް ވެސް އަޅައިދެވެން ނޯންނާނެ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ އިގްތިސޯދު އޮތް ގޮތް ހޯދަން ވެއްޖެ ކަމަށާއި އެގޮތަށް ބަލާއިރު ރަނގަޅަށް އިގްތިސޯދު އޮތް ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ. މާލީ ހާލަތު އެނގެން ވީހާ ވެސް އަވަހަކަށް ފިނޭންސް މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ނާޒިމް އެދިވަޑައިގަތެވެ. ކޮމެޓީން ވަނީ ޖޫން 10ގައި މިނިސްޓްރީއާ ބައްދަލު ކުރުމަށް ފާސްކޮށްފަ އެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން މިހާރު އަޅާފައިހުރި ފިޔަވަޅުތަކަށް އައިއެމްއެފްގެ ޑިރެކްޓަރުންގެ ބޯޑުން މިފަހުން ވަނީ މަރުހަބާ ކިޔަފަ އެވެ. އަދި އާމްދަނީ ބޭނުންކުރުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ވަށައިޖެހޭ ސިޔާސަުތަކާ އެކު ބޭރު ފައިސާގެ ރިޒާވް ފުޅާކުރުން އަވަސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.
ހަމައެއާ އެކު މިހާރަށް ވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިގެންް އެކްސްޗޭންޖް ރޭޓް ހެފެހެއްޓޭނެ ކަމަށް ޑިރެކްޓަރުން އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި ބޭރު ފައިސާ ޗާޕުކުރުން ހުއްޓާލި ހުއްޓާލުމަށް މަރުހަބާ ކިޔައި، އެއާ ވިދިގެން ލިކުއިޑިޓީ މެނޭޖުކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް އެގްޒެގެޓިވް ބޯޑުން ވަނީ ލަފާދެއްވާފަ އެވެ.
ދަރަނި އަދާކުރަން މި އަހަރު ޖުމްލަ 6.3 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހެ އެވެ. އަދި އަންނަ އަހަރު ދަރަނި އަދާކުރަން 8.7 ބިލިއަން ރުފިޔާ އަންބުރާ ދައްކަން ޖެހެ އެވެ. އަދި އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ 2026 ވަނަ އަހަރު 15 ބިލިއަން ރުފިޔާ ދަރަންޏަށް އަނބުރާ ދައްކަން ޖެހެ އެވެ.
ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.
މިދިޔަ ސަރުކާރުން އެކަނި ނެގި ދަރަނީގެ އެންމެ ބޮޑު ބައެއް އިންޑިއާ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ އިރު ޖުމްލަ ނެގި ލޯނުގެ އަދަދު ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ވެސް ހިމެނެ އެވެ.
އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެއިން ގުޅީފަޅާ ހަމައަށް ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ މާލީ ސްޓެބިލިޓީއާ މެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. މާލީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތީގައި އޮތްކަން ހިސާބުތައް ބަލައިލުމުން ވަރަށް ސާފެވެ. އެކަމަށް އިއުތިރާފް ވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ރާއްޖޭގެ ދަރަނީގެ މައްސަލަ އާއި ކުރީ ސަރުކާރުން ހަމައެއް ލަމައެއް ނެތި ހަރަދުތައް ކޮށްފައި ހުރުމެވެ.
މިނިސްޓަރު ޝަފީގު އެންމެ ބޮޑަށް އިސްކަން ދެއްވަނީ، ދަރަނި ނަގަން ޖެހޭ ހާލަތްތަކުގައި ވެސް ދައުލަތަކަށް ސަސްޓެއިން ކުރެވޭނެ ނުވަތަ ދެމެހެއްޓެނިވި ގޮތަކަށް ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ދަރަނި ހޯދުމަށެވެ.
ޝަފީގު ވިދާޅުވީ، 2026 ގައި ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އިރު މިހާރުން ފެށިގެން ވެސް ނަގާ ދަރަންޏަކީ އެ މުއްދަތުގައި އަނބުރާ ދައްކަން ނުޖެހޭނެ ދަރަންޏަށް ހެދުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ވިދާޅުވީ ދަރަނީގެ ނުރައްކާ ބޮޑުކަން މީގެ ކުރިން އައިއެމްއެފްއިން ނެރުނު ރިޕޯޓުތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް ތަކުރާރުކޮށްފައިވާ އެވެ.
ޝަފީގުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ދަރަނީގެ މައްސަލަ ހަމަ މަގަށް އަޅުވައި، ހަރަދު ކުރުމުގައި ވަކި ޕްލޭނެއްގެ ތެރެއިން ބުރަބޮޑު ނުވާނެ ފަދަ ގޮތަކަށް ކަންކަން ރޭވުމެވެ.