މި މިސްކިތް ހުޅުވަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ. އަދި ކުރަނީވެސް އެންމެ ނަމަދާކެވެެ. އެހެންނަމަމަވެސް މި ނަމާދުގައި މިލިއަނުން މީހުން ކޮންމެ ފަހަރަކުވެސް ބައިވެރިވެއެވެ.
މީ ސައުދީ އަރަބިއްޔާގެ މައްކާގެ ވާދީ އުރާނާގައި ހުންނަ މި މިސްކިތަކީ ނަމީރާ މިސްކިތެވެ. ގިނަ ބަޔަކަށް މި މިސްކިތް އެނގޭނީ އަރާފާތު މިސްކިތޭ ބުނުމުންނެވެ. މައްކާގެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި މި މިސްކިތް ހިމެނެއެވެ.
މި މިސްކިތް ހުޅުވަނީ އަހަރަކު އެއްފަހަރުއެވެ. އެއީ ހައްޖު ދުވަހު ނުވަތަ އަރަފާތު ދުވަހު އެކަންޏެވެ. މި މިސްކިތް ހާއްސަވަނީ ހައްޖުގެ އަޅުކަމަށް އެކަންޏެވެ.
މަސްޖިދުއްނަމިރާ ހުންނަނީ އަރަފާތު ބިމުގެ ހުޅަނގު ފަރާތުގައެވެ. މި މިސްކިތަށް އިބްރާހިމް ހަލީލުގެ ނަމުންވެސް ނަން ކިޔާ އުޅެއެވެ. ސަބަބަކީ މި މިސްކިތް ހުރި ސަރަހައްދުގައި އިބްރާހީމްގެ ގެފާނުވެސް ނަމާދުކުރެއްވިކަމަށް ރިވާޔަތްތައް ހުރުމެވެ.
އަރަފާތު ދުވަހު އެ ބިމުގައި ތިބީ ގިނަ އަދަދެއްގެ ހައްޖުވެރިން މި މިސްކިތުން ޖާގަ ހޯދުމަށް މަސައްކަތް ކުރެއެވެ. އެއްބަޔަކު ވަރަށް ކުރިން މިސްކިތަށް ވަދައެވެ. އަދި ފަހުން ދެވޭ މީހުން މަގުތައް ފުރުމުން މިސްކިތުގެ ފާރުމަތީ އަރައިގެން މިސްކިތް ތެރެއަށްް ވަންނަން މަސައްކަތް ކުރާތަންވެސް ހައްޖު ދުވަހު ފެނެއެވެ. ހައްޖު ދުވަހުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ޤަސްރުކުރާނީ މި މިސްކިތުގައެވެ. އަދި ހައްޖު ދުވަހު ދޭ ހައްޖު ހުތުބާވެސް ދޭނީ މި މިސްކިތުގައެވެ.
މީ މާތްވެގެންވާ ދެ ހަރަމްފުޅު ނަގާފައި ދެން ދުނިޔޭގައި ހުރި އެންމެ ބޮޑުމިސްކިތެވެ. މައްކާގައި ހުންނަ އެންމެ ބޮޑު ދެވަނަ މިސްކިތެވެ. މި މިސްކިތަށް އެއްފަހަރާ 400،000 މީހުންނަށް ނަމާދަށް އެރޭވަރުގެ ޖާގައެއް އޮވެއެވެ. މިސްކިތުގެ ދިގުމިނުގައި 340 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 240 މީޓަރު ހުރެއެެވެ.
މިސްކިތުގައި 6 މުންނާރު ހުރެއެވެ. ކޮންމެ މުންނާރެއްގެ ދިގުމިނުގައި 60 މީތަރު ހުރެއެވެ. އަދި މިސްކިތުގައި ތިން ގުއްބު ހުރެއެވެ. މިސްކިތަށް ވަދެ ނުކުތުމަށް މައި ދޮރުގެ ގޮތުގައި 10 ބައި ހުންނައިރު މި ހުރިހައި ބައެއް އއްކޮށްލާ ޖުމްލަ 64 ދޮރު މިސްކިތައް ވަދެ ނުކުތުމަށް ހުރެއެވެ.
އެހެންނަމަވެސް ހައްޖަށް އެތައް މިލިއަނުން މީހުން ޖަމާވިނަމަވެސް އަދި މި މިސްކިތުގެ ޖާގަ ކިތަންމެ ބޮޑުވެފައި އެތަނުގައި އެންމެ ނަމާދެއް ކުރާއިރުވެސް މިއޮތް ބޮޑު މިސްކިތް އެއްކޮށް ބޭނުން ނުކުރެވެއެވެ. ސަބަބު އެނގޭހެއްޔެވެ.
މިސްކިތުގެ އެއްބަޔަށް ނަމާދަށްް އެރުން މަނާ
ހައްޖު ދުވަހު ހުރިހާ ހައްޖުވެރިން މެންދުރުން ފެށިގެން ތިބޭނީ އަރަފާތުގައެވެ. އަދި އަރަފާތް ނުލިބުނު މީހަކަށް ހައްޖެއް ނުލިބެއެވެ. ކަން މިހެން އޮތްނަމަވެސް ނަމީރާ މިސްކިތުގައި ހައްޖު ދުވަހު ހުތުބާ ދޭ އިމާމު ހުންނާނީ އަރަފާތު ބިމުން ބޭރުގައެވެ.
ސަބަބަކީ މިސްކިތުގެ އެބައި އިމާރާތްކޮށްފައި އޮންނަނީ އަރަފާތު ބިމުން ބޭރުގައެވެ. އެއީ ގިބުލައާއި ދިމާލުން އޮންނަ ބައެވެ. އެބައިގެ ބޮޑު ބައެއް އިމާރާތްކޮށްފައިވަނީ އަރަފާތުން ބޭރުގައެވެ. އެ ބައި އޮންނާނީ ދެހި އަލި ދިއްލާ ބޯޑުތަކުން ހައްޖާޖީންނަށް ފާހަގަކޮށްދީފައެވެ. އެހެންކަމުން ހައްޖު ދުވަހު މިލިއަނުން މީހުން އެ މިސްކިތަށް ނަމާދަށް ދިޔަސް އެ ބަޔަކަށް ނާރާނައެވެ. މިސްކތިގެ އެބައި އެއްކޮށް އޮންނާނީ ނޫނީ ބޮޑު ބައެއް އޮންނަނީ ހުސްކޮށެވެ.
މި މިސްކިތް އިމާރާތްކުރީ އައްބާސީ ހަލީފަތުގައިކަމަށް ބުނެވެއެވެ. މިސްކިތް ބޮޑު ކުރިއިރު މި ސްކިތް ވަނީ ދެބަޔަކަށް ބަހާލާފައެވެ. ކުރިމައްޗަށް ފެންނަ ހުރި ބަޔަކީ ކުރިން މިސްކިތް ހުރިތަނުގައި އަޅާފައިވާ ބައެވެ.