ads
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު
މުދާ އެތެރެކުރުމަށް ބޭރު މީހުންނަށް ބަރޯސާވެގެން ތިބޭކަށް ދެން ނުޖެހޭނެ
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުދާ ގައުމަށް އެތެރުކުރުމަށް ދެން ބޭރު މީހުންނަށް ބަރޯސާވެގެން ތިބެން ނުޖެހޭނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

އެމްއެސްއެސް ހިދުމަތް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ ގައުމީ ޝިޕިން ލައިނެއް ފެއްޓުމުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ މުދަލެއް އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނެ ކަމަށެވެ.

ގައުމީ ޝިޕިން ލައިނެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ، މިޝިޕިން ލައިންގެ ފައިދާ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އަދި ސަރުކާރަށް ކުރާނެ ކަމަށެވެ.

އެމްއެސްއެސް ޝިޕިން ލައިންގެ ސަބަބުން ދިވެހި ފަޅުވެރިންނާއި ދިވެހި އޮފިސަރުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވި، ރާއްޖޭގައި ކުރިން އޮތް ޝިޕިން ލައިންގައި މަސައްކަތް ކުރައްވާފައި ތިބި މީހުންނަށް އަލުން އަނބުރާ އެ ސިނާއަތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މީގެ ސަބަބުން ރައްޔިތުންނަށް އާ އުންމީދުތަކެއް ލިބިގެންދާނެ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ޒުވާނުންނަށް އާ ސިނާއަތެއްގައި މަސައްކަތްކުރުމުގެ ފުރުސަތި ލިބި މަސައްކަތެރި އާޖީލެއް އުފެއްދޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ އެމްއެސްއެސް ގެ ބޯޓު މިދަތުރުގައި ރާއްޖެ އައިސްފައި މިވަނީ ރާއްޖެއަށް ބޭނުންވާ ބޭހާ ކާޑުގެ ބާވަތްތައް ހިފައިގެން ކަމަށެވެ. ލައްކާ އާއި ރައްޖެއާއި ދެމެދު ދަތުރުތައް ރޭވިފައި އޮތްނަމަވެސް ޝިޕިން ލައިން ފުޅާކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ކުންފުނީގެ ކޮންޓެއިނަރު ތަކާއި އުޅަނދުތައް ދަތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި މިއީ ގްލޯބަލް ލައިނާ ސާވިސްއެއް ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ދުނިޔޭގެ ކޮންމެ ތާކުންވެސް އެތެރެކުރަން ބޭނުންވާ މުދާ ރާއްޖެއަށް އެތެރެ ކޮށްދޭނެ ކަމަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ ވަނީ ގައުމީ ޝިޕިން ލައިންގެ ސަބަބުން މުދަލިގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އައިސް ވިޔަފާރިވެރިންނާއި އާންމުންނަށް ގިނަ ފައިދާތަކެއްކޮށް ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ޝިޕިން ލައިނެއް ހިންގައިފައވާ ކަން ފާހަގަކޮށް ޝަހީދު ވަނީ އަލަށް ފެށި މި ޝިޕިން ލައިން ވެސް ކާމިޔާބު ކަމާއެކު ހިންގުމުގެ ހިތްވަރާއި ހުނަރު ދިވެހިންގެ އެބަހުރިކަމަށް ވިދާޅުވެފައެވެ.  

މިދުވަސްވަރަކީ ބަލިމަނޑު ކަމެއްގެ ދުވަސްވަރުކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ ރާއްޖެއަށް އަންނަ ފްލައިޓްތައް އައުން މަޑުޖައްސާލާފައި ވުމުން ރާއްޖެއަށް އަންނަ ހުރިހާ މުދަލެއް ކަހަލައިން މިހާރު އެތެރެވަނީ ކަނޑުމަގުން ވިދާޅުވެފައެވެ. މިދަނޑިވަޅުގައިވެސް ރައްޔިތުނަށް ބޭނުންވާ ޒަރޫރީ މުދާ އެއްވެސް ދަތިކަމެއް ނެތި މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ކުރާ ކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ. އަދި މުދާ ބޭލުމަށް ބޯޓުތަކަށް އަރާ މުވައްޒަފުން ބޯޓުތަކަށް އަރަނީ ޑަބްލިއުއެޗްއޯ އާއި އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެމްއެސްއެސް ގެ ހިދުމަތް ކާމިޔާބު ކަމާއެކު ފޯރުކޮށްދިނުމަށް އެމްޕީއެލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ވަނީ އަރުވާފައެވެ.

އެެމްއެސްއެސް އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް