މިއީ، ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭ، ތޫނު އެއްޗެހިން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ދެ މީހުންގެ އިސްތިއުނާފު މައްސަލައެވެ. މި މައްސަލަ ހައިކޯޓުގައި މީގެ ފަސް އަހަރު ކުރިން އިސްތިއުނާފުކޮށްފައިވަނީ އެ ދެ މީހުންގެ ފަރާތުންނެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ މައްސަލައިގެ އިސްތިއުނާފު ހިނގައިގަންނަ ގޮތެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭ، ތޫނު އެއްޗެހިން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު (ބޮބީ) އަށް ހަމާލާދީ މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ގްރޫޕަކުން ވަޅިން ދިން އެ ހަމަލާތަކުގައި މުހީތުގެ ހަށިގަނޑުގެ 20 ތަނެއް ޒަހަމުވެފައި ވެއެވެ. އެމައްސަލާގައި އޭރު 18 އަހަރު ނުވާ ތިން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން މަރުގެ ހުކުމް އިއްވީ ދެ ކުއްޖަކު، މިހާރު 18 އަހަރުވެފައިވާއިރު އެ ދެ މީހުންގެ މައްސަލަ ހިންގުމަށް މިއަދުވެސް ހައިކޯޓުން މަސައްކަތް ކުރިއެވެ. އެ ދެ މީހުންނަކީ، ޅ. ނައިފަރު، ޒައިތޫނިގޭ މުހައްމަދު މައިމޫން އަދި ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުއެވެ.
އެ މައްސަލާގެ ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ދެ މީހުންގެ ވަކީލުން އެދުނީ އެ މައްސަލާގެ އިސްތިއުނާފް ފޯމް އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އެ ފުރުސަތު ނުދިނުމަށެވެ. މި މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންނަކީ އަބްދުލްމާނިއު، ހުސެއިން ޝަހީދު އަދި ފާތިމަތު ފަރުހީޒާއެވެ.
އިސްތިއުނާފް ނުކުތާތައް މިއަދު ހުށަހަޅަން ތައްޔާރު ނުވެވޭ ކަމަށް ވަކީލުން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް ދެން އޮންނަ އަޑުއެހުމެއްގައި ނުކުތާތައް ހުށަހަޅަން ޖެހޭނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.