ފެނަކައިން ބުނީ އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރަން ހޯދުނު ބޯހޯލް ޕަމްޕް އެ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ސިޓީއަށް ގެންދިޔަ ޕަމްޕް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ފެނަކައިން ބުނެ އެވެ. ފެނަކައިން ބުނެފައި ވަނީ ބޯހޯލް ޕަމްޕް އިންސްޓޯލް ކުރުމުން އައްޑޫގެ ފެނުގެ ނިޒާމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
އައްޑޫ ސިޓީގެ އަބާދީ ބޮޑުވުމާ އެކު އެ ކުންފުނިން ފެން އުފައްދާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. ފެނަކައިން ބުނި ގޮތުގައި މިހާރު ބަހައްޓާފައިވާ ޕްލާންޓުން އުފެއްދޭ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާ ކަމުގަ އެވެ. އައްޑޫ ސިޓީގެ ފެނުގެ ހާލަތު ދަށަށް ދިޔައީ ނިމިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ މި މަސައްކަތް ނިމޭއިރު އެ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތި ކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ.
އައްޑޫ ސިޓީގެ ރަށްތަކަށް ސާފު ބޯފެން ނުލިބޭތީ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ވަނީ ބަހުސް ކޮށްފަ އެވެ.