ވޯލްޑްކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ އަތުން މިދިޔަ ނޮވެމްބަރު މަހު ހަތް ލަނޑު ސުން ލަނޑުން ބަލިވި ޓީމު އަމިއްލަ ދަނޑުގައި މިއަދު އޮސްޓްރޭލިއާ އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. ވޯލްޑްކަޕްގައިވެސް ކުޅެފައިވާ އޮސްޓްރޭލިއާއާ ދެކޮޅަށް ބަންގްލަދޭޝްއިން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ކުޅުނެވެ. އެކަމަކު މައިގަނޑު ގޮތެއްގައި ބަންްގްލަދޭޝްގެ ގޭމް ޕްލޭން އޮތީ ޑިފެންސް ކުރުމުގައެވެ.
ނޮވެމްބަރު މަހު، މެލްބަންގައި، ބަންގްލަދޭޝް އޮސްޓްރޭލިއާ އަތުން ބޮޑު ތަފާތަކުން ބަލިވިނަމަވެސް މިއަދު ފެނުނީ މުޅިން ތަފާތު ބަންގްލަދޭޝްއެކެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އޮސްޓްރޭލިއާ ދެކޮޅަށް ބަންގްލަދޭޝް ކުޅެން ޖެހުނީ، ރާއްޖެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓަކުންނެވެ.