މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އުޅަނދުބުރުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފަ އެވެ. އަދި "ހަނގުރާމަ ހުއްޓާލާ" ޖަހާފައިވާ ބޯޑުތައް ގިނަ ބަޔަކު ވަނީ ދައްކާލާފަ އެވެ.
ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް އެތަކެއް ދިވެހިންނެއް ވަނީ އަޑު އުފުލާފައެވެ. މުޅި ވެހިކަލް ބުރުން ވެސް ފެނިގެން ދިޔައީ ފަލަސްތީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯއްބެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ ވެހިކަލް ބުރުތަކާއި އެއްވުންތަކާއި ހިނގާލުންތައް ބާއްވާފައިވެ އެވެ. ފަލަސްތީނަށް ލިބެމުންދާ އަނިޔާތަކަށް ދިވެހިން އަބަދުވެސް އަޑު އުފުލައެވެ. މިއަދުގެ ހުކުރު ހުތާބާގައި ވެސް ހާއްސަވީ ފަލަސްތީނަށެވެ. ފަލަސްތީނަށް އެހީވުމާ ގުޅޭ ގޮތުން މިއަދުކީ ހުތުބާގައި ބުނީ، މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރަންޖެހޭ އަހުލާގީ ވާޖިބުތަކެއްވާ ކަމަށެވެ.
މި ހުސްވި މޭމަހުވެސް "ފަލަސްތީނާ އެކު ދިވެހީން" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ހާއްސަ ހަަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ނާއި ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބޭރު މީހުންވެސް ވަނީ ބައިވެރިވެފަ އެވެ.
އިޒްރޭލުގެ ގަތުލުއާންމަށް ދުނިޔޭގެ "ވެރިން" ބީރު ކަންފަތެއް ދިން ނަމަވެސް އާންމުން ނުކުމެ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ އިޒްރޭލު ކުށްވެރިކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މި ސަރުކާރު އައި ފަހުން އަޑު އުފުލުން ވަނީ އިތުރުކޮށްފަ އެވެ. ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރިކަން ސީދާ ރައީސް މުއިއްޒު އިސްވެ ކުށްވެރި ކުރެއްވުމާއި އދ. ގެ އެކިއެކި ބައްދަލުވުންތަކުގައި ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލުމާއި ވޯޓު ދިނުން ފާހަގަކުރެވެ އެވެ. އަދި ހާއްސަކޮށް އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ބޮޑު ގަތުލްއާންމެއް ހިންގާތާ މިއަދަށް މިވީ ހަތް މަސް ދުވަހެވެ. ހަނގުރާމައިގައި މިހާތަނަށް 37،186 މީހުން މަރުވެ، 83،074 މީހުން ޒަހަމުވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިސްރާއީލު މީހުންގެ އަދަދު ވަނީ 1139 އަށް އަރައިފަ އެވެ.
ގާޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. ނަމަވެސް ހަމާސް ބަލިކޮށް ހަނގުރާމައިގެ މަގުސަދުތައް ހާސިލުނުވާނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެ އެވެ.