ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ވިލިމާލޭގައި ބޭއްވި ޑިސްކަވާ ޑައިވް ހަރަކާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކަނޑުން ހޯދާ ނަފާ އިތުރު ކުރަމުން އަންނަ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސައްކަތްތަކަކަށް ހެދުން މުހިންމު ކަމަށެވެ. އެގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަކީ އިޔާދަކުރަނިވި ހަކަތަ އާއެކު ދުއްވޭ އުޅަނދުތަކަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ އަހަރެމެންގެ މުޅި ދިރިއުޅުން ބިނާވެފައި ވަނީ ކަނޑުން ލިބޭ ކަނޑު ރޯދީގެ ނަފާއަށް ކަމަށެވެ. އަހަރެމެންގެ ދިރިއުޅުމަށް ޒަމާނުއްސުރެ ކަނޑުން މި ލިބޭ ނަފާ އާ މެދު ވިސްނައި އެކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ކަނޑުން ލިބޭ ނަފާއަށް ޝުކުރުވެރިވުމުގެ ގޮތުން ފަރުދީ ހައިސިއްޔަތުން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފަރުދީ ހައިސިއްޔަތުން ކުރެވެން ހުންނަ ކަންތައްތައް އަހަރެމެންގެ ތެރެއިން ކޮންމެ ފަރުދަކު ކުރާ ކަމަށް ވަނީ ނަމަ، އެ ކުރެވެނީ ވަރަށް ބޮޑު މަސައްކަތެއް ކަމުގައި ޝިޔާމް ފާހަގަކުރެއްވި އެވެ.
ޑިސްކަވާ ޑައިވްގެ ނަމުގައި ބޭއްވި މި ހަރަކާތަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފުރަތަމަ ފަހަރަށް ސްކޫބާ ޑައިވިންގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތުގައި 46 ކުދިން ވަނީ ބައިވެރިވެފަ އެވެ.