ފެނަކައިގެ އެމްޑީ މުއާޒު "ސީއެންއެމް" އަށް ވިދާޅުވީ މި ސަރުކާރުން މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ނިމޭއިރަށް އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން 270 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުގެ މަސައްކަތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ. މުއާޒު ވިދާޅުވެފައި ވަނީ އެމްޑަބްލިއުއެސްސީ އާ ހަވާލުކުރެވުނު އެ ޕްރޮޖެކްޓުގެ ދަށުން ސްޓޯރޭޖް ބޮޑު ކުރުމާއި އާރުއޯ ޕްލާންޓުތައް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މުއާޒު ވިދާޅުވި ގޮތުގައި ފެނަކައިން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން މައްސަލައަށް ހައްލެއް ލިބިފައި ވީނަމަވެސް ޑިމާންޑާ އެއްވަރަށް އެ ކުންފުންޏަށް ފެން ފޯރުކޮށްދެވެނީ ކިރިޔާ ކަމުގަ އެވެ. އިތުރު ޕްރޮޖެކްޓެެއްގެ ގޮތުގައި ސަރުކާރުން އެމްޑަބްލިއުއެސްސީ އާ މަސައްކަތް ހަވާލުކޮށްފައި ވަނީ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް މުއާޒު ފާހަގަކުރެއްވި އެވެ.
މުއާޒު ވިދާޅުވީ އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ނިމި، ފެނަކަ އާ ހަވާލުކުރާ ހިސާބުން އެއްވެސް މައްސަލައެއް ނުޖެހި ފެން ފޯރުކޮށްދޭން ފެށި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އައްޑޫ ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލު ކުރުމަށް އެ ސިޓީއަށް ގެންދިޔަ ބޯހޯލް ޕަމްޕް އިންސްޓޯލް ކުރެވިފައިވާ ކަމަށް ފެނަކައިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނީ ޕަމްޕް ހަރުކުރުމުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
ފެނަކައިން މީގެކުރިން ބުނެފައި ވަނީ އައްޑޫ ސިޓީގެ އަބާދީ ބޮޑުވުމާ އެކު އެ ކުންފުނިން ފެން އުފައްދާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. މިހާރު ބަހައްޓާފައިވާ ޕްލާންޓުން އުފެއްދޭ ފެނަށް ވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް އިތުރުވެފައިވާ ކަމުގައި އެ ކުންފުނިން ބުނެ އެވެ. ފެނަކައިން ބުނި ގޮތުގައި އައްޑޫ ސިޓީގެ ފެނުގެ ހާލަތު ދަށަށް ދިޔައީ ނިމިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން ކަމުގަ އެވެ.