އެންސީއޭގެ ފަރާތުން އައިމިނަތު ޖަނާ "ސީއެންއެމް" އަށް ވިދާޅުވީ "ފެނުން ދިރުން" އާޓް ކޮމްޕެޓިޝަންއަކީ ފެނުގެ ދުވަހާއި ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ކޮމްޕެޓިޝަންއެއް ކަމަށެވެ. މި އާޓް ކޮމްޕެޓިޝަން ބޭއްވުމުގެ މަގުސަދަކީ ކްރިއޭޓިވިޓީ އެކްސްޕްލޯ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމާ އެކު ކްރިއޭޓިވް ސެކްޓާއެއްގެ ގޮތުގައި ޑިވެލޮޕް ކުރުމާ އަދި ފެނަކީ ރާއްޖެއަށް ކިހާ މުހިންމު އެއްޗެއްކަން ބައިވެރިންގެ އާޓް ވޯކްތަކުން ފެންނަ ގޮތަށް ދައްކުވައިދިނުން ކަމަށް ޖަނާ ވިދާޅުވި އެވެ.
ޖަނާ ވިދާޅުވެފައި ވަނީ މި ކޮމްޕެޓިޝަންގައި ބައިވެރިވެވޭނީ އަށާރަ އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. ކޮމްޕެޓިޝަންގައި ބައިވެރިވާ ފަރާތްތަކުގެ އާޓް ވޯކްތައް އެގްޒިބިޝަނެއްގައި ޑިސްޕްލޭ ކުރާނެ ކަމަށާއި ޑިސްޕްލޭ ކުރާނެ އާޓް ވޯކްތައް ކަނޑައަޅާނީ ޖަޖިން ޕެނަލަކުން ބެލުމަށް ފަހުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޖަނާ ވިދާޅުވި ގޮތުގައި އާޓް ވޯކްތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ އާޓް ވޯކްތައް ޖަޖިން ޕެނަލުން ނިންމާނެ ކަމުގަ އެވެ. އާޓް ވޯކްތައް ދައްކާލާ އެގްޒިބިޝަން ބާއްވާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.
"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަންގެ ވަނަވަނައަށްދާ ފަރާތްތަކަށް ލިބޭ އިނާމުތައް:
- އެއް ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ
- ދެ ވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ
- ތިން ވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ
މިރޭ 8:00 ޖަހާއިރު ރަސްރަނި ބަގީޗާގައި ބާއްވާ ހާއްސަ އިވެންޓުގައި "ފެނުން ދިރުން" އާޓް ކޮމްޕެޓިޝަނަށް ހާއްސަ ކުރެވިފައިވާ ވެބްސައިޓް ލޯންޗް ކުރާނެ އެވެ. އާޓް ކޮމްޕެޓިޝަނުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން ރަޖިސްޓާ ކުރެވޭނެ އެވެ. މި އިވެންޓުގައި ކޮމްޕެޓިޝަނާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރާނެ އެވެ.
"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން ލޯންޗް ކުރުމަށް ބާއްވާ މި އިވެންޓުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހީމާއި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވާހަކަ ދައްކަވާނެ އެވެ.
ޓީ-ޝާޓް ޕެއިންޓިން، ލައިވް އާޓް، މެޖިކް ޝޯއަކާ އަދި އިތުރު ހަރަކާތްތަކާ އެކު އެމްޑަބްލިއުއެސްސީ އާއި އެންސީއޭ ގުޅިގެން މިއަދު ހަވީރު ރަސްރަނި ބަގީޗާގައި "ފެނުން ދިރުން" ގެ ޕްރީ-އިވެންޓެއް ވަނީ ބާއްވާފަ އެވެ.