ads
ބަރުދަން ލުއިކުރުމުގެ ވާހަކަ އަކީ ދިވެހިންގެ މުހިއްމު މައުލޫއެއް
ބަރުދަން ލުއިކުރެވިދާނެ ބައެއް ކާނާއާއި އިރުޝާދު
މުޅި ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ މީހުންނަކީ ބަރު މީހުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާއި ދިރާސާކުރާ ފަރާތްތަކުން މިފަހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ދައްކާފަ އެވެ. މިއީ ވަރަށް ބޮޑު ސިއްހީ ނުރައްކަލުގެ ރަގަބީލެކެވެ. ފަލަވުމުން ނުވަތަ ބަރުދަން ލުއިކުރުމުގެ ގޮތުން ކެއުމުގެ ކަންކަން ރާވާއިރު ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ. ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބަދަލުކޮށް ހަށިގަނޑު ހިއްކާލުމަށް އެންމެ ފުރަތަމަ ވެސް ކުރަން ސިއްހީ މާހިރުން ބުނާ އެއް ކަމަކީ ކެއުމުގެ އާދަތައް ބަދަލުކޮށް ރަނގަޅު ކާނާ ކެއުމެވެ.

އަލުވި 

ބައެއް މީހުންނަށް ޑައެޓް ކުރަން ދަތިވާ ކަމަކީ ނަގާ ޑައިޓުން ބަނޑުހައިކަން ނުފިލުމެވެ. އެހެންވެ މިކަމަށް އޮތް ހައްލަކީ ލޯ އެނަޖީ ޑެންސިޓީ ކާނާ ކެއުމަށް އިސްކަން ދިނުމެވެ. އެގޮތުން ތަރުކާރީގެ ތެރޭގައި ހިމެނޭ ކެރޮޓާއި އަލުވި ފަދަ ބާވަތްތައް ކެއުން މުހިއްމެވެ. ބަރުދަން ލުއި ކުރަން ނުވަތަ ހިކެން ބޭނުން ނަމަ އަލުވި ކެއުމަކީ ވެސް ނަތީޖާ ނެރެން އެހީއަކަށް ވާނެ ކަމަށް ފަހުގެ ދިރާސާތަކުން ވެސް ދައްކައެވެ. އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އަލުވި ފަދަ ބާވަތްތައް ކެއުމުން ބަނޑުހައިވުން ކުޑަކޮށް ދެ އެވެ. ނަތީޖާއަކީ ތަފާތު އެކި ކަހަލަ ޖަންކްފުޑްތަކުން މީހާ ދުރުކޮށް ދިނުމެވެ.

ޕާސްތާ 

ޕާސްތާއަކީ ދިވެހިންގެ ސުފުރާމަތިން ވަރަށް ފެންނަ ތައްޔާރުކޮށްލަން ވެސް ފަސޭހަ ރެސިޕީއެކެވެ. ފަހުގެ ދިރާސާއެއްގައި ބުނަނީ ޕާސްޓާ ކެއުމުން ބަރުދަން ލުއިކޮށް ދޭނެ ކަމަށެވެ. ދިރާސާގައި ބުނާ ގޮތުން ކޮންމެ ހަފުތާއަކު ތިން ދުވަހު ޕާސްތާ ކާ ނަމަ، 12 ހަފުތާގެ ތެރޭގައި ބަރުދަނުން 500ގ ލުއިކޮށްދެ އެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯހައިޑްރޭޓްސް އެކުލެވޭ ކެއުމުގެ ބާވަތްތަކަށް ބަލާއިރު، ޕާސްތާ އާއި މެކްރޯނީ އަދި ސްޕެގެޓީ ފަދަ ބާވަތްތަކުގައި ކާބޮހައިޓްރޭޓްސް އެކުލެވޭ މިންވަރު ނިސްބަތުން ދަށެވެ. އެހެންވެ ފެޓްގެ ބިރު ވެސް ނެތުމާ އެކު، ޕާސްތާއަކީ ހަގީގަތުގައި ޑައެޓަށް ވެސް ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު ބާވަތެއް އަދި ބަރުދަން ލުއިކޮށްދޭން ބާރުއަޅާ އެއްޗެކެވެ.

އޯޓް މިލްކް

ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންނަށް ނިއުޓްރިޝަނިސްޓުން ދޭ އެންމެ އާންމުކޮށް އިރުޝާދުތަކުގެ ތެރޭގައި ޑައިޓްގެ އެތެރެއަށް އޯޓްސް ގެންނަން ބާރު އަޅަ އެވެ. ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އޯޓްސް ކާން އުނދަގޫ ނަމަ، މި ބޭނުން ކުރެވިދާނެ އެހެން ގޮތެއް ވެސް އެބަ އޮތެވެ. އެއީ އޯޓްސް މިލްކް ނުވަތަ ކިރު ތައްޔާރުކޮށްގެން ބުއިމެވެ.

އޯޓްސް އިން ކިރު ތައްޔާރު ކުރުމަށް ބްލެންޑަރަކަށް އޯޓްސް އާއި ފެން އަޅައި ގިރައިލާފައި، ފުރާނާލުމުން އެހެރީ އޯޓްސް މިލްކް ތައްޔާރު ކުރެވިފަ އެވެ. އޯޓް މިލްކަކީ ހަށިގަނޑުގެ އިމިއުނިޓީ ނުވަތަ ދިފާއީ ނިޒާމު ވަރުގަދަކޮށް ދޭން ބާރު އަޅާނެ ބުއިމެކެވެ. މީގެ ސަބަބުން އެކި ކަހަލަ އާދައިގެ ބަލިތަކާއި އިންފެކްޝަންތަކުން ވެސް ދުރުހެލިކޮށް ދޭނެ އެވެ.

އޯޓް މިލްކްގެ އެންމެ ހާއްސަ ކަމަކީ މީގައި ކެލޮރީޒް އެކުލެވޭ މިންވަރު ދަށްވެފައި ޕްރޮޓީނާއި ފައިބާގެ ސަބަބުން ބަރުދަން ލުއިކޮށްދޭން ބާރަކަށްވުމެވެ. މި ކިރު ބުއިމުން، ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް މީހާއަށް ކުރެވޭނެ އެވެެ. އެހެންވެ މިއީ ބަނޑުހައިވުން ކުޑަކޮށް ދޭނެ ލުއި ބުއިމެކެވެ.

ކައްޓަލަ އާއި ސަނާމުގު

ކައްޓަލަ އާއި ސަނާމުގަކީ ސިއްހީ ފައިދާތައް ގިނަ ރާއްޖޭން ފަސޭހަކަމާ އެކު ލިބެން ވެސް ހުރި ދެބާވަތެވެ. ސަނާމުގަކީ އެ ކެއުމުން ބަނޑު ފުރިފައިވާކަން އިހުސާސްކޮށް ދޭނެ އެއްޗެކެވެ. މީގެ ނަތީޖާއަކީ ބަނޑުހައިވުން ކުޑަކޮށްދީ، އެހެން އެއްޗެހި ކެއުމާ ދުރުކޮށް ދިނުމެވެ. މާނައަކީ ބަރުދަން ލުއިވާން ސަނާމުގު މުހިއްމު ދައުރެއް އަދާކުރުމެވެ. ރާއްޖޭގައި ވެސް އާންމުކޮށް ހައްދާ ފަލަމަޑީގެ ބާވަތެއް ކަމަށްވާ ކައްޓަލަ ކެއުމުން ބަނޑުހައިވުން ކުޑަކޮށް ދެނީ މީގައި އެކުލެވޭ ފައިބާއިންނެވެ. ހަށިގަނޑަށް ފައިދާ ނޫން ކާނާތަކާ ދުރުވާން ބޭނުން ނަމަ، ކައްޓަލަ ކަހަލަ އެ އެއްޗެއް ކެއުމުން މީހާ ފުރިފައި ހުންނަ އިހުސާސް ކުރެވޭ ކަހަލަ ކާނާތަކަށް ސަމާލުކަން ދޭން ޑައިޓިޝަނުން ވެސް އަބަދު ލަފާ ދެ އެވެ. އެހެންވެ ކައްޓަލައަކީ ދޫކޮށްލެވޭ ވަރަށް މުހިއްމު ބާވަތެކެވެ. ކައްޓަލަ އާއި ސަނާމުގު އެއްކޮށްލައިގެން ވެސް ރަހަމީރު އެއްޗެއް ތައްޔާރުކޮށްލެވިދާނެ އެވެ.

ކުރުބާ

ބަރުދަން ލުއިކުރަން ކުރުނބާ ފެނަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށާއި މިއީ ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ހަށިގަނޑު ތާޒާކޮށްލަން ވެސް ބޭނުންކުރެވިދާނެ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެއް ކަމަށް ސިއްހީ މާހިރުން އަބަދުވެސް ލަފާ ދެއެވެ. މިފަހުން މެޑިކަލް ނިއުސް ޓުޑޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކުރުނބާ ފެނުގެ އެންމެ ހާއްސަ ކަމަކީ ގުދުރަތީ ފޮނިކަން ގެނެސްދޭ ބުއިމަކަށްވުމެވެ. އަދި ކުރުނބާ ފެނަކީ ބައޯ-އެކްޓިވް އެންޒައިމްސް އިން މުއްސަނދި އެއްޗަކަށްވާތީ މީގެ ސަބަބުން ހަޖަމުކުރުމާއި މެޓަބޮޒިޒަމް ވެސް ރަނގަޅުކޮށްދެ އެވެ. ރިޕޯޓްގައި ބުނީ ބަރުދަން ލުއިކުރަން ކުރުނބާ ފެން ބޭނުންކުރާ ނަމަ ހެނދުނު ހުސް ބަނޑާ ހުރެ ބުއިމުން ނަތީޖާ ފެނުން އަވަސްވާނެ ކަމަށެވެ.

ބިސް

ކުކުޅު ބިހަކީ ވެސް މުހިއްމު އެއްޗެކެވެ. ބިހަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ލިއްބައިދޭ އެއްޗެކެވެ. އާންމުކޮށް ހެނދުނުގެ ނާސްތާގައި ގިނަ ބަޔަކު ބިސް ބޭނުން ކުރަނީ ވެސް މިއީ ޕްރޮޓީނުން މުއްސަނދިވެފައިވާ އެެއްޗަކަށްވާތީ އެވެ. އަދި މިކަމާ ގުޅެނީ ބަރުދަން ލުއިވުމާ އެވެ.  

މެޑިޓެރޭނިއަން ޑައިޓް

ކައި ނިންމާ ގޮތަށް ކުޑަކޮށް ހިނގާލުމުން ތަފާތު އެކި ކަހަލަ ބަލިތަކުން ސަލާމަތްވުމަށް އެހީތެރިވެ ދޭ ކަމަށް ސައިންސު ވެރިންގެ އަދަދުވެސް އިރުޝާދު ދެއެވެ. އެގޮތުން އެމެރިކާގެ ސައިންސުވެރިންތަކެއް ކޮށްފައިވާ "މެޑިޓެރޭނިއަންގެ ޑައިޓް" އިރުޝާދު ވަރަށް މުހިއްމެވެ. މެޑިޓެރޭނިއަން ޑައިޓް އާއި ކެއުމުގެ ލައިފްސްޓައިލަކީ މެޑިޓެރޭނިއަންގެ މީހުންގެ މެދުގައި އެތައް ޒަމާނެއް ވަންދެއް ގެންގުޅުނު އެއް އާދައަކީ ބަރުދަން ލުއިކުރުމުގެ މުހިއްމު އުކުޅެކެވެ. މެޑިޓެރޭނިއަންގެ ޑައިޓްގައި ހާއްސަވަނީ ކެއުމަށް ފަހު ގެންގުޅޭ އާދަތަކެވެ. މެޑިޓެރޭނިއަންގެ ޑައިޓަކީ ގިނަ ފަހަރަށް ލުއި ޑައިޓަކަށް ވާއިރު ކެއުމަށްފަހު އާއިލާ އާއި އެކުވެރިން ގިނަ ފަހަރަށް އެކީގައި ހިނގާލަން ގޮސް އުޅޭނެ އެވެ. މި އާދައަކީ ސިއްހަތަށް ފައިދާ ހުރި އާދައެއް ކަމަށް ސައިންސްގެ ދިރާސާއިން ތަކުން ވަނީ ދައްކާފަ އެވެ. 

ކެއުމަށްފަހު ހިނގާލުމުން ހަކުރުބައްޔާ ދުުރުކޮށްދިނުމަށް އެހީތެރިވާއިރު ކޮލެސްޓްރޯލްގެ މިންވަރު ވެސް ކުޑަކޮށްދޭ ކަމަށް ދިރާސާގައި ބުނެ އެވެ. އޭގެއިތުރުން ބަރުދަން ލުއި ވުމަށް ވެސް މި އާދަ އެހީތެރިވާ ކަމަށް ސައިންސުވެރިން ބުނެ އެވެ. ހިނގާލުމަށްފަހު ކުޑަކޮށް ސްޓްރެޗް ކޮށްލުމަކީ ވެސް ރަނގަޅު ކަމެކެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ހަފްތާގެ ހަތް ދުވަހުގެ ތެރެއިން ހަތަރު ދުވަހު، މަދުވެގެން 30 މިނެޓަށް ނަމަވެސް ހެލިފެލިވެ، އެދެވޭ ހެޔޮ ބަދަލެއް ކެއުމަށް ގެންނަން ޖެހެ އެވެ. ބަޓަރު ޖެހި ޓޯސްޓާއި ސޮސެޖް އަދި ފިޒީ ޑްރިންކް ފަދަ ތަކެއްޗާ ދުރުވާން ޖެހެ އެވެ. ނިއުޓްރީޝަނުން ލަފާ ދޭ ކަމަކީ ގަޑިގަޑިއަށް ކެއުމަށެވެ. އެއްވެސް ގޮތަކަށް ކާ ގަޑި އެޅުން ރަނގަޅެއް ނޫނެވެ. އަދި އޭގެ ސަބަބުން އިންސާނާގެ ކެއުމުގެ އާދަތަކަށް ބަދަލު އަންނާނެ އެވެ. އެހެންވީމާ އަބަދުވެސް އެއް އާދައެއްގެ މައްޗަށް ކޮންމެ ދުވަހަކު ކާ ގަޑިތަކުގައި ކެއުން ވަރަށް މުހިއްމެވެ. 

އެކަމަކު ހަނދާންކުރާށެވެ. ބަރުދަން ލުއިކުރުން ފަދަ ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ޑޮކްޓަރެއްގެ ލަފާ ނުހޯދާ އެއްވެސް ކަމެއް ނުކުރާށެވެ. އަބަދު "ގޫގޫލް ދޮންބެ" އަށް ބަރޯސާ ނުވާށެވެ. ކައްޓާއިން ދައްކާ ބަރުދަނަކީ ހަށިގަނޑުގައި ހުރި ސިއްހީ މައްސަލައެއްގެ ނިޝާން ކަމުގައި ވެސް ވެދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް