އާސިޔާއަށް ދިނުމަށް ސިވިލްކޯޓުން އަމުރު ކޮށްފައިވާ ލިޔުންތަކަކީ ހަންބޯ ކުންފުންޏާ ދެކޮޅަށް އޭނާ ހުށަހަޅާ މައްސަލާގައި ބޭނުންވާ ލިޔެކިޔުންތައް ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.
އާސިޔާ އެޗްޑީސީން ހޯދުމަށް އެދިފައިވާ ލިޔެކިޔުންތަކަކީ:
އެޗްޑީސީއާއި ހަންބޯއާ އެކު 2016، ގައި އެކުލަވާލި ފުރަތަމަ އެއްބަސްވުމުގެ ކޮޕީ
ފުރަތަމަ އެއްބަސްވުމަށް ފަހުން އިސްލާހެއް ގެނައި ނަމަ، އެ އިސްލާހެއްގެ ކޮޕީ
ޕްރޮޖެކްޓް ސެކުއިރިޓީއެއް ހިމެނޭ ނަމަ، އެ ކަމާ ގުޅޭ ލިޔުމުގެ ކޮޕީ
އެއްބަސްވުމުގައިވާ ކަމެއް ތަންފީޒުކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާނަމަ އޭގެ ލިޔުމުގެ ކޮޕީ
ހުޅުމާލޭން އިމާރާތް ވިއްކުމުގެ ހުއްދަ، އެޗްޑީސީން ހަންބޯއަށް ދީފައިވާ ލިޔުމުގެ ކޮޕީ
ފްލެޓްތައް އަޅަން ދިން މުއްދަތުގައި ހަންބޯއިން އެ ކަން ނުކުރުމުގެ އެޅި ފިޔަވަޅެއްގެ ތަފުސީލު
މިމައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުން ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ 14 ދުވަހުގެ ތެރޭގައި އެދިފައިވާ ލިޔެކިޔުންތަކުގެ ކޮޕީ އާސިޔާއަށް ދިނުމަށެވެ. އަދި މި ހުކުމްގައި ބުނެފައި ވަނީ އަންނަ ޖުލައި މަހު 30، ގެ ކުރިން މައްސަލަ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެ އެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.
އެޗްޑީސީއާ، ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ހަދާ، ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ކޮޕީ ހޯދުމަށް ކޯޓުގައި އެދުނީ ލ. ފޮނަދޫ، ރޯޝަންވިލާ، ފާތިމަތު އާސިޔަތެވެ. އޭނާގެ ފަރާތުން ކޯޓުގައި އެދިފައިވަނީއެޗްޑީސީއާއި ހަންބޯއާ އެކު 2016، ގައި އެކުލަވާލި ފުރަތަމަ އެއްބަސްވުމުގެ ކޮޕީއާ، ފުރަތަމަ އެއްބަސްވުމަށް ފަހުން އިސްލާހެއް ގެނައި ނަމަ، އެ އިސްލާހެއްގެ ކޮޕީއާ، ޕްރޮޖެކްޓް ސެކުއިރިޓީއެއް ހިމެނޭ ނަމަ، އެ ކަމާ ގުޅޭ ލިޔުމުގެ ކޮޕީ އަދި އެއްބަސްވުމުގައިވާ ކަމެއް ތަންފީޒުކުރުމުގެ ބާރު އެހެން ފަރާތަކަށް ދީފައިވާނަމަ އޭގެ ލިޔުމުގެ ކޮޕީއާ ހުޅުމާލޭން އިމާރާތް ވިއްކުމުގެ ހުއްދަ، އެޗްޑީސީން ހަންބޯއަށް ދީފައިވާ ލިޔުމުގެ ކޮޕީ އަދި ފްލެޓްތައް އަޅަން ދިން މުއްދަތުގައި ހަންބޯއިން އެ ކަން ނުކުރުމުގެ އެޅި ފިޔަވަޅެއްގެ ތަފުސީލެވެ.