މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިންގި މިހާދިސާގައި ކަރަންޓްގައި ޖެހުނު ކުދިން ސަލަމާތްކުރަން މަސައްކަތް ކުރި އުމުރުން 18 އަހަރުގެ އަތީކް މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް އިއްޔެވަނީ ނިޔާވެފައެވެ. އަތީކުގެ އާއިލާއިން ވަނީ އިންސާފު ބޭނުންވާކަމަށާއި މައްސަލަ ބަލައި ދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ރަސްމީކޮށް ހުށަހަޅާނެކަމަށް ބުނެފައެވެ.
ފުލުހުން ބުނީ އުނގޫފާރުގައި3 ކުއްޖަކު ކަރަންޓްގައި ޖެހުނު މައްސަލާގައި އިހްމާލުވި ފަރާތް ހޯދުމަށްް ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅާނެކަމަށެވެ.
މި ހާދިސާ ދިމާވީ މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް އައިސްގެންނެވެ. މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ކަރަންޓްގައި ޖެހިފައެވެ. އެހެންނަމަވެސް މި ދެކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ކުދިން ވަނީ އެދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި ހާދިސާގައި ފަރުވާދެމުން ދަނިކޮށް ހޭނާރާ އޮވެ ނިޔާވީ އުމުރުން 18 އަހަރަކުގެ އަތީކްއަކީ ކަރަންޓްގައި ޖެހުނު 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން ފެންގަނޑަށް ފޭބި ޒުވާނާއެވެ. އަދި އެނގިފައިވާ ގޮތުން އެ ކުއްޖާ ގަޔަށް ކަރަންޓް އައީ ކަރަންޓް ލީކްވެފައިހުރި ހޮޅިދަނޑީގައި އަތްލެވިގެންކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.