މޯދީ ވެރިކަމުގެ ހުވާ ކުރެއްވީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މެންބަރުން ވެސް ހުވާކުރެއްވިއެވެ.
ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއިރު ހުވާ ކުރެއްވުމަށް ފަހު މޯދީ ވަނީ ރަސްމިއްޔާތަށް ވަޑައިގެންނެވި އަވަށްޓެރި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، އެކުގައި ފޮޓޯއެއް ނަންގަވައިފަ އެވެ.
އެ ރަސްމިއްޔާތުގައި މި ސަރަހައްދުގެ ހަތް ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ހިމެނެ އެވެ.
ރައީސް މުއިއްޒު މި ރަސްމިއްޔާތަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މި ދަތުރުފުޅަކީ، އެމަނިކުފާނު 2023 ނޮވެންބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޯދީ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ މި ގައުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.
މޯދީއަކީ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫއަށް ފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރެއްވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ. ހަރުކަށި ހިންދޫ ވަތަނީ ސިޔާސަތެއް ގެންގުޅުއްވާ މޯދީ އިންޑިއާގައި ބޮޑުވަޒީރުކަން ކުރައްވަމުންދަނީ 2014އިން ފެށިގެންނެވެ. މޯދީއަކީ ދުނިޔޭގެ މުސްލިމުންނާ މެދު ނަފުރަތު އުފެދޭ ގޮތަށާއި، އެގައުމުގެ އާބާދީގެ 14 ޕަސެންޓު ހިއްސާކުރާ މުސްލިމުންނަކީ ނުރައްކަލެއްގެ ގޮތުގައި ސިފަވާ ގޮތަށް ވާހަކަދައްކަވައި މުސްލިމުންގެ ހަސަދަވެރި އެކެވެވެ.