މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.8 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި އެ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 0.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެ އެވެ.
މީރާއިން ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު، ނިމުނު މަހު ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން އެ އަހަރުގެ މެއި މަހު ގިނަ ފަރާތްތަކުން ދައްކާފައިވާތީ، މެއި 2023 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައި ކަމަށް މީރާއިން ބުނެ އެވެ. މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކާފައިނުވާ ފައިސާ ކަމުގަ އެވެ. މެއި މަހުގެ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބަކީ ޖީއެސްޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކާފައިނުވާތީ ކަމަށް މީރާއިން ބުނެ އެވެ. އެ އޮތޯރިޓީން ބުނީ އެޕްރީލް 2023 އާއި އަޅާބަލާއިރު މި އަހަރުގެ އެޕްރީލް މަހު ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9 ދަށްވެފައިވާތީ، އެއާޕޯޓް ޓެކުހާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށެވެ.
މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވެފައި ވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓްއިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން ބުނެ އެވެ. މީރާއިން ބުނެފައި ވަނީ އެކަމުގެ ސަބަބަކީ މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކާފައިވާ އަދަދު އިތުރުވެފައިވާތީ އާއި ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކާފައިވާތީ ކަމަށެވެ.
މި އަހަރުގެ މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެގޮތުން މެއި މަހު މީރާއަށް،
- ޖީއެސްޓީ: 1.10 ބިލިއަން ރުފިޔާ (66.19 އިންސައްތަ)
- އިންކަމް ޓެކްސް: 149.35 މިލިއަން ރުފިޔާ (9 އިންސައްތަ)
- އެއާޕޯޓް ޑިވެލޮޕްމެންޓް ފީ: 96.55 މިލިއަން ރުފިޔާ (5.83 އިންސައްތަ)
- ޑިޕާޗަ ޓެކްސް: 93.68 މިލިއަން ރުފިޔާ (5.66 އިންސައްތަ)
- ގްރީން ޓެކްސް: 25.85 މިލިއަން ރުފިޔާ (5.15 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީ: 135.30 މިލިއަން ރުފިޔާ (8.17 އިންސައްތަ)
މެއި މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.