
ހޫނު ގަދަވެ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައިވާތީ މިދިޔަ މޭމަހުގެ 9 ވަނަދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އެންގިއެވެ.
ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ.
ތިމާވެއޓާއި ބެހޭ ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވީ ގާ ހުދުމުގެ މައްސަލަ ދިމާވެގެން ހުއްޓާލި މަޝްވަރާތައް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އޭރު މަޑު ޖައްސާލި 200 އެއްހާ މަޝްރޫއުގެ މަސައްކަތް މިހާރު ފެށޭނެކަމަށް ތާރިގު ވިދާޅުވިއެވެ.
ގާ ހުދުވާތީ ބިން ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލަން އެންގިނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އީޕީއޭއިން ކުރިން ފާޅުކުރިއެވެ. އަދި މަސައްކަތް ހުއްޓާނުލާ ކުރި ފަރާތްތަކުގައި މައްސަލަ ބަލާނެކަމަށްވެސް އީޕީއޭއިން ބުނިއެވެ.
ރާއްޖޭގެ ފަރުތަކުން ގިނަ އަދަދެއްގެ ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް ފާހަގަކުރެވުނީ 1998 ގައެވެ. އޭގެ ފަހުން ގާ ހުދުވުމުގެ ހާދިސާތައް ފެންނަމުންގޮސް އެންމެ ބޮޑަށް ގާ ހުދުވުމުގެ މަސއްސަލަ ދިމާވީ 2016 ވަނަ އަހަރުއެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފަހު އެއަހަރު ނެރުނު ރިޕޯޓުގައިވަނީ 2016 ވަނަ އަހަރުގެ ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވިކަމަށެވެ.