ads
ފޮޓޯ:ޕީއެސްއެމް
މާޗް މަހު ޖެންޑާ މިނިސްޓްރީއަށް ހުށައެޅި އަނިޔާގެ މައްސަލަތައް މަދު: ޖެންޑާ މިނިސްޓަރު
މާޗް މަހު ޖެންޑާ މިނިސްޓްރީ އަށް ހުށައަޅާފައިވާ ގެވެށި އަނިޔާ އާއި ކުޑަ ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކުގެ އަދަދު މަދުކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދަރުބާރޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށައަޅާފައި ހުރި މައްސަލަތަކާއި އަޅާބަލާއިރު މާޗް މަހު އެ މިނިސްޓްރީއަށް ހުށައަޅާފައި ހުރި މައްސަލަތަކުގެ އަދަދު މަދު ކަމަށެވެ. 

އެގޮތުން ގެވެެށި އަނިޔާގެ 34 މައްސަލައެއް ޖެނުއަރީ މަހު އެ މިނިސްޓްރީ އަށް ހުށައަޅާފައި ވާއިރު، ފެބްރުއަރީ މަހު ގެވެށި އަނިޔާގެ 39 މައްސަލައެއް އެ މިނިސްޓްރީއަށް ހުށައަޅާފައި ވަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާޗް މަހު ހުށައަޅާފައި ވަނީ ގެވެށި އަނިޔާގެ 26 މައްސަލައެއް ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ. 

މީގެ އިތުރުން، ކުޑަ ކުދިންނަށް ކުރާ އެކި ބާއްވަތްތަކުގެ އަނިޔާގެ 131 މައްސަލަ ޖެނުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައި ވާކަމަށާއި ފެބްރުއަރީ މަހު ހުށައަޅާފައި ވަނީ 161 މައްސަލަ ކަމަށާއި މާޗް މަހު ހުށައަޅާފައި ވަނީ 101 މައްސަލަކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވަނީ މާޗް މަހު އެ މިނިސްޓްރީއަށް ހުށައަޅާފައިވާ އަނިޔާގެ މައްސަލަތަކުގެ އަދަދު މަދުވެފައިި އެ ވަނީ ހަގީގަތުގައި ވެސް އަނިޔާ ކުރާ މިންވަރު މަދުވެގެން ކަމަށް ގަބޫލުކުރައްވަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އަނިޔާދޭ މީހަކާއެކު އުޅެން ޖެހުމުން އެމައްސަލަ ރިޕޯޓްކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން މިފަދަ ދަނޑިވަޅެއްގައި މާލީ ގޮތުން ބަރޯސާ ވެފައި ހުންނަ މީހެއްގެ ފަރާތުން ލިބޭ އަނިޔާ ރިޕޯޓް ކުރަން އުދަގޫ ވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އަނިޔާގެ އެއްވެސް މައްސަލައެއް އޮތް ނަމަ މިިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ގުޅާ ރިޕޯޓް ކުރުމަށް މިނިސްޓަރު ވަނީ އެދިފައެވެ. 

މިނިސްޓަރު އައިޝަތު ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށައަޅާ ހުރިހާ މައްސަލައެއް ވެސް ބަލާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް