ފްރާންސްގެ ޕެރިހުގައި މި ފަހަރުގެ އޮލިމްޕިކްސް ކުރިއަށްދާނީ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ފުރަތަމަ ފަހަރަށް ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ޓޭބަލް ޓެނިހާއި ބެޑްމިންޓަންގެ އިތުރުން ކުރިން ވެސް ފުރުސަތު ލިބެމުން އަންނަ ސްވިމިން އަދި އެތުލެޓިކްސް އެވެ. މި އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އެންމެ ގިނަ ކުޅިވަރުތަކުން އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ވާދަކުރާނެ ފަހަރެވެ.
މި ފަހަރުގެ އޮލިމްޕިކްސްއަކީ ރާއްޖެއަށް ވަރަށް ހާއްސަ ގޭމްސްއެކެވެ. އެއީ، ފުރަތަމަ ފަހަރަށް ދިވެހި އެތްލީޓަކު އޮލިމްޕިކްސްއަށް ކޮލިފައިވުމުން ލިބުނު ހާއްސަކަމެކެވެ. އެއީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ. ދީމާ، އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އޮލިމްޕިކްސް އަށް ކޮލިފައިވެގެން، ވާދަކުރާނެ ފުރަތަމަ އެތުލީޓެވެ. މިއާ އެކު ދީމާ އަށް މި ވަނީ ރާއްޖޭގެ ކުޅިވަރުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މީގެ ކުރިން ރާއްޖެ އަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ.
މީގެ އިތުރުން ޕެރިހުގައި މި ފަހަރު ބާއްވާ އޮލިމްޕިކްސް އިން ފުރުސަތު ހޯދައި، ބެޑްމިންޓަން ކުޅުންތެރިޔާ، ފާތިމަތު ނަބާހާ (ނަބާ) ވެސްވަނީ ހާއްސަ ޝަރަފެއް ހޯދާފައެވެ. ނަބާ އަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ވެސް އޮލިމްޕިކްސްގެ ދެ މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ވާދަކުރީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން ރަޝީދު އެވެ. އޭގެ ފަހުން، ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ނަބާ ވާދަކުރި އެވެ.
ރާއްޖެ އަށް 1988 ވަނަ އަހަރުން ފެށިގެން އަންނަނީ އޮލިމްޕިކްސް އިން ފުރުސަތު ލިބެމުންނެވެ. އެކަމަކު، އެއީ ކޮލިފައިނުވާ ގައުމުތަކަށް، އެކި ކުޅިވަރުތަކުގައި އެތުލީޓުން ދައްކާ ޕާފޯމަންސަށް ބަލާފައި ލިބޭ ޓްރައިޕާޓައިޓް ފުރުސަތެވެ. ރާއްޖެ އަށް 2012 އާ ހަމައަށް ސްވިމިން އާއި އެތުލެޓިކްސް އިން ފުރުސަތު ލިބުނެވެ. އޭގެ ފަހުން، 2012 ވަނަ އަހަރާއި 2020 އަދި މި ފަހަރުގެ އޮލިމްޕިކްސް އިން، ސްވިމިން އާއި އެތުލެޓިކްސް އަދި ބެޑްމިންޓަނަށް ވެސް ފުރުސަތު ވަނީ ލިބިފަ އެވެ.
އޮލިމްޕިކްސްގެ ދިވެހި ވަފުދުގެ އިސްވެރިޔަކަށް އައްޔަ ހަމަ ޖެއްސިއިރު، އައްޔައަކީ، 2016 ވަނަ އަހަރުން ފެށިގެން ޓީޓީ އެސޯސިއޭޝަންގެ ރައީސްއެވެ. އޭގެ ކުރިން އައްޔަވަނީ އެ އެސޯސިއޭޝަންގެ ނާއިބު ރައީސްކަން ކުރައްވާފައެވެ.