ads
ސީއެމްޑީއޭއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ހުއްދަނެތި އިންވެސްޓްމަންޓް ފަންޑު ހިންގާ ފަރާތްތަކަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:ސީއެމްޑީއޭ
ހުއްދަނެތި އިންވެސްޓްމަންޓް ފަންޑު ހިންގާ ފަރާތްތަކަށް ސަމާލުވާން ސީއެމްޑީއޭއިން އެދެފި
ހުއްދަނެތި އިންވެސްޓްމަންޓް ފަންޑު ހިންގާ ފަރާތްތަކަށް ސަމާލުވާން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

ސީއެމްޑީއޭއިން ބުނީ އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ވިޔަފާރިކޮށް، އެ ވިޔަފާރިން މާލީ މަންފާއެއް ހޯދައިދިނުމުގެ ހިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކެއް ހަރަކާތްތެރިވަމުން އަންނަކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓް ކުރުމަށް ލަފާ ދިނުމުގެ ހިދުމަތް އަދި ފަންޑު މެނޭޖުކޮށްދިނުމުގެ ހިދުމަތް ދިނުމަކީ އެ އޮތޯރިޓީން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ސީއެމްޑީއޭއިން ބުނެ އެވެ.

ސީއެމްޑީއޭއިން ބުނެފައި ވަނީ އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓް ކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖުކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ އެ އޮތޯރިޓީ ކަމަށްވާއިރު، ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓް ކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން އެ އޮތޯރިޓީގެ ލައިސަންސް ނުނަގާ ހިދުމަތް ދިނުމަކީ، މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

"ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓް ކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާ ފަރާތަކީ ރާއްޖޭގެ އިންވެސްޓްމަންޓް ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ އޮތް ފަރާތެއްތޯ އާއި ނުވަތަ އެފަދަ އިންވެސްޓްމަންޓް ފަންޑުތަކަކީ މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށް ފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓް ނުކުރުމަށް އިލްތިމާސް ކުރަމެވެ،" ސީއެމްޑީއޭއިން ބުނެފައިވެ އެވެ.

ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓް ކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު، އެ އޮތޯރިޓީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށް ސީއެމްޑީއޭއިން ބުނެ އެވެ.

ސީއެމްޑީއޭއިން ބުނި ގޮތުގައި ލައިސަންސް ނުނަގައި އެފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް އެ އޮތޯރިޓީގެ ސަމާލު ކަމަށް ގެނެސްދިނުމަށް އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމަށް އެދޭ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް