ads
ފުވައްމުލަކު ހޮސްޕިޓަލް
އިހުމާލުވުމުން ނިޔާވި ކުއްޖާގެ މައްސަލަ ކޯޓުން ބޭރަށް ގެންދަން ދައުލަތުން ދެކޮޅު
މީގެ ތިން އަހަރެއްހާ ދުވަސްކުރިން، ފުވައްމުލަކު ހޮސްޕިޓަލުގައި ޑޮކްޓަރުންގެ އިހުމާލުން އުމުރުން ހަ އަހަރުގެ ކުއްޖަކު ނިޔާވި މައްސަލާގައި މަދަނީ ބަދަލު ހޯދުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދައުލަތުން ދެކޮޅު ހަދައިފިއެވެ.
Advertisement

ފުވައްމުލަކު މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުންދިޔަ އުމުރުން އެންމެ ހަ އަހަރުގެ ތުއްތު ކުއްޖަކު ނިޔާވީ، ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޮކްޓޯބަރު 3، 2021 ގަ އެވެ. އާއިލާއިން އޭރު ތުހުމަތުކުރީ އެ އަންހެން ކުއްޖާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހީ ކަމަށެވެ.

މި މައްސަލަ އެ ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން އެ ކުއްޖާގެ އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިކަލް ކައުންސިލަށް މައްސަލަ ދިއުމުން، އިހުމާލުވެފައިވާ ދެ ޑޮކްޓަރުންގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ފުލުހުން ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން މައުލޫމާތު ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގުކޮށް ނިންމައި އޭގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނިންމާފައިވެ އެވެ. އަދި ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން އެ ކުއްޖާ ނިޔާވަފެއި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް އާއިލާއަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އާއިލާގެ ފަރާތުން ދައުލަތާ ދެކޮޅަށް މި މައްސަލައިގައި ދައުވާ އުފުލުމުން، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މި ހަފްތާގައި ބޭއްވި އެވެ. އިބްތިދާއީ އަޑު އެހުމުގައި އާއިލާގެ ވަކީލު ވިދާޅުވީ އިހުމާލަށް ދައުލަތުން އިންކާރު ނުކުރާ ނަމަ، ކޯޓުން ބޭރުގައި ވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ މަޝްވަރާ ކުރެވިދާނެ ކަމަށެވެ. އެ މަޝްވަރާކށްގެން ކޯޓުން ބޭރުގައި ހައްލު ކުރެވިދާނެތޯ ބެލުމަށް، ސުޕަވައިޒަރުންނާ މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް، ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށް ފަހު ގާޒީ ނިންމެވީ ދެ ދުވަހުގެ ފުރުސަތެއް ދައުލަތަށް ދިނުމަށެވެ.

އެ ދުވަހު ދިން ދެ ދުވަހުގެ މުއްދަތު ހަމަވެ، މިއަދު އަލުން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރުމަށް ދައުލަތުން އިންކާރުކޮށް، ދައުލަތުން އެދުނީ ކޯޓުން އެކަމުގައި ގޮތެއް ކަނޑައެޅުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް