ފެނަކައިން މިއަދު ބުނީ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިއަކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީއަށް ފޮނުވާ ދެ ޖެނެރޭޓަރާއި ހދ. ހަނިމާދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖެނެރޭޓަރުތައް އެ ރަށްތަކަށް ފޮނުވަން މިހާރު ލޯޑުކޮށްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ކުޅުދުއްފުއްޓަށް ފޮނުވާނީ 800 ކިލޯވޯޓާއި 1،200 ކިލޯވޯޓުގެ ދެ ޖެނެރޭޓަރު ކަމަށެވެ. އަދި ހަނިމާދޫއަށް ފޮނުވަން ނިންމާފައި ވަނީ 1،200 ކިލޯވޯޓުގެ ޖެނެރޭޓަރެއް ކަމަށް ފެނަކައިން ބުނެ އެވެ.
ފެނަކައިން ބުނި ގޮތުގައި އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެމުން އަންނަ އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުއްޓަކީ މިފަހުން ކަރަންޓުގެ މައްސަލަ އެންމެ ބޮޑަށް ދިމާވި އެއް ރަށެވެ. ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވި ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހި، ކަރަންޓުގެ ހިދުމަތް ނުލިބި ގިނަ ވަގުތުތަކެއް ވެސް އެ ސިޓީގެ ރައްޔިތުންނަށް ހޭދަކުރަން ޖެހުނު ދުވަސްވަރެއް ދިޔަ އެވެ. އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މީގެކުރިން 800 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކޮށްފައިވާއިރު، ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތަކާ ހުރެ ފެނަކަ އާއެކު ސްޓެލްކޯގެ ޓީމަކުން ވެސް ކުޅުދުއްފުށީގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
ރަށްރަށުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ފެނަކައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންޖީނުގެތަކުގެ ހާލަތު ދަށްވުން ކަމުގަ އެވެ. އެގޮތުން ޖެނެރޭޓަރު ސެޓްތަކާއި އެހެނިހެން އާލާތްތައް އިންޖީނުގެތަކުގައި ނުބަލަހައްޓައި، މަރާމާތު ނުކޮށް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަން އެހެން ހުރުމާ އެކު އެތައް ރަށެއްގައި އެ ތަކެތި ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެކި ރަށްރަށުގައި ބަދަލު ކުރަން ޖެހިފައި ހުރި ޖެނެރޭޓަރުތައް ބަދަލު ކުރުމާއި އާ ޖަނެރޭޓަރު ސެޓްތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.