މި މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯއިން އިންނެވެ. އެ ކުންފުނިން ބުނީ މީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ނިއު އެންޑް ރިނިއުވަބަލް ހަކަތައަށް ދިއުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ނިންމި މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ކުރީ އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީ ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހުޅުމާލޭ މަސްޖިދުލް ވާލިދައިން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެކަމަނާގެ މައިންބަފައިންގެ ހަނދާނުގައި ރައީސް ޔާމީން ވެރިކަމުގައި އިމާރާތްކުރި މިސްކިތެކެވެ.
ރާއްޖޭގައި އަލަށް އިމާރާތްކުރާ ހުރިހާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމަކީ މިސްކިތްތައް އޭސީ ކުރުމުގައި ލިބިގެންދާނެ ބޮޑު ލުޔެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެ މަސައްކަތަށް ބޭނުންވާ ސޯލަރ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމަށްވެސް މިދިޔަ ސަރުކާރުގައި އިއުލާންކުރިއެވެ.
155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތްކުރާނެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.