ads
ފަލަސްތީނަށް އެހީވުމަށް ފެށި ތެލެތޯންގައި ރައީސް، މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާ ފަލަސްތީނަށް އެހީވާން ބޭއްވި ޓެލެތޯން ނިންމާލައިފި
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯން މިރޭ 12 ޖެހުމާއިއެކު ނިންމާލައިފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޓެލެތޯން ބޭއްވީ އިއްޔެގެ ހެނދުނު 8:00 އިން އިން ދަންވަރު 12:00 އާ ހަމައަށެވެ.

މި ޓެލެތޯން ރޭ ނިންމާލިއިރު ބޭންކު އެކައުންޓް މެދުވެރިކޮށް 9،390،647 ރުފިޔާ އާއި 31،732 ޔޫއެސް ޑޮލަރު ވަނީ ލިބިފަ އެވެ.

ފަލަސްތީނަށް އެހީވުމަށް މާލޭގެ 13 ސަރަހައްދުގައި ފަންޑު ފޮށިތައް ބެހެއްޓި އިރު، އެ ފޮށިތައް ގުނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ފަންޑު ފޮށިތައް ގުނާ ނިމުމުން މި ޓެލެތޯނަށް ލިބުނު ފައިސާގެ އަދަދު މިއަށް ވުރެ ވެސް އިތުރުވެގެން ދާނެއެވެ.

މި ފަންޑަށް ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ވަރަށް ގިނަ ދިވެހި އާންމުންގެ ފަރާތުން މި ފަންޑަށް ދަނީ އެހީ ލިބެމުންނެވެ. މި ފަންޑަށް އެންމެ ގިނަ އިން ފައިސާ ހަދިޔާ ކުރީ ދިވެހި ސިފައިންނެވެ. ދިވެހި ސިފައިން ވަނީ 2.1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. މިއީ ރިކޯޑު އަދަދެކެވެ. ދެން އެންމެ ބޮޑު އެހީއެއް ދިން ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ފަސް ލައްކަ ރުފިޔާ ދިނެވެ. 

މި ޓެލެތޯނާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޓެލެތޯންގެ ކަވަރޭޖު މިވަގުތު ނިންމާލިނަމަވެސް، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އެގޮތަށް ހަމަޖެއްސީ އަދިވެސް ފައިސާ ޖަމާކުރަން ބޭނުންވާ އެތައް ބަޔަކު ތިބުމާއި ގުޅިގެން ގިނަ ބައެއްގެ އެދުމުގެ މަތީންކަމަށް ޒީނާ ވިދާޅުވި އެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފަ އެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯނަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ މިނިވަން އޮޑިޓަރެއްގެ ގޮތުގައި "ކްރޯ މޯލްޑިވްސް އެލްއެލްބީ" ބެލުމުގެ ދަށުންނެވެ.

މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ހާރިޖިއްޔާ މެދުވެރިވެ، ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް