ads
ދޫކޮށްފައި ނުދާށޭ.. - 11 ވަނަ ބައި
އެޕިސޯޑް 11
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ތެދެކެވެ. އައިޝާއަށް އަލީޒީ އިތުބާރު ނުކުރާނަމަ، އެދެމެދުގައި އޮތް ގުޅުމަށް  ދޭނީ ކޮން މަގާމެއް ހެއްޔެވެ؟ ނުވަތަ އެ ގުޅުމަށް ދޭނެ ނަމެއް އެބައޮތް ހެއްޔެވެ؟ އައިޝާއަށް އާއިލާއަކީ އަލީޒީކަމަށްވަންޏާ، އަލީޒީއަށްވެސް އާއިލާއަކީ އައިޝާ އެވެ. 

ނިދިފައި އޮތް ދަރިފުޅު މޯޅިއަކަށްދެމިލާ ލޯބިގޮތަކަށް ލޯ ހުޅުވާލީ އެވަގުތުއެވެ. އަލީޒީއާއި އައިޝާއަށް އެއްފަހަރާ ހިނިތުންވެވުނީ ހިތަށް ލިބުނު ފިނިކަމުގެ ސަބަބުންނެވެ. ކުށެއްނެތް މައުސޫމް ލޯބި ދަރިއެކެވެ. އަނިޔާވެރި ދުނިޔެ އެދަރިފުޅަށް ދޭނެ ހުތުރު ނަމަކާއިމެދު ވިސްނާކަށް އަލީޒީ މިއަދު ބޭނުމެއް ނޫނެވެ. މެދުވެރިވި ކޮންމެ އިމްތިހާނަކަށް ކުރިމަތިލައި އޭގެން ފާސްވުން ނޫން ގޮތެއް ނެތެވެ.

"މިހާރުދެން މާ ގިނައިރު އުރާލަންވެސް ނުލިބި ތިއޮތީ.. މަންމަގެ ހޫނު މިއަދަށް ވާވަރަށް ލިބިފަ ހުންނާނީ.. ބޮޑުދައިތަގެ އަޔާން އުރާލާފަ ނޫނީ މިއަދު އެއްކަމެއްވެސް ކުރެވޭކަށް ނެތް.."

ލޯބި އަޑަކުން ވާހަކަ ދައްކަމުން އަޔާން ނަގާފައި އައިޝާގެ މޭގައި ބޮނޑިކޮއްލިއެވެ. ދުނިޔޭގެ ހުރިހާ ރިހުމެއް އައިޝާ ހަނދާން ނެތިއްޖެއެވެ. އައިޝާގެ ކޮންމެ ހަރަކާތަކަށް ޝުކުރުވެރިކަމާއެކު އަލީޒީ ބަލައިލިއެވެ. އައިޝާގެ ދެމަފިރިންނަކީ އަލީޒީގެ ދެމައިންނަށްޓަކައި ﷲ މިންވަރު ކުރެއްވި ނިޢުމަތެކެވެ. 

"އެޑްރެސް ބަދަލުކުރުމުން ބަދަލުވަނީ ލިޔެކިޔުމުގައި ފެންނަން އޮންނަ މައުލޫމާތު.. އެކަން އަހަރެންވެސް ގަބޫލުކުރަން.. ދިރިއުޅޭ ތަނާއި މުޖުތަމައުގެ ވައްޓަފާޅި ބަދަލުކުރިޔަސް، ތަގުދީރެއް ބަދަލެއް ނުކުރެވޭނެ.. އެއީ އަހަރުމެން އިންސާނުންނަށް ލިބިގެންވާ ބާރެއް ނޫން.. ބިރުވެރި މާޒީ ދޫކޮށް، ދުނިޔެއާއި ކުރިމަތިލައި މި ހަގީގަތާއެކު ދިރި ހުންނާން އަހަރެން ޢަޒުމުކަނޑައެޅީ، ހަމައެކަނި މި ދަރިފުޅަށްޓަކައި!" އަލީޒީގެ އަޑު މަޑެވެ. ވަރަށް ވިސްނައިގެން ހުރި މީހަކަށް ނޫނީ އެ ޖުމުލަތައް ފާހަގަކުރާކަށް ނޭގޭނެ އެވެ.

ނަމަވެސް އެދެއްކި ވާހަކަ ސާފުކޮށް، އައިޝާއަށް އިވުނީ އޭނާގެ ހިތައް ލިބިދިން ފިނިކަމެއްގެ ގޮތުގައެވެ. ލިބުނު ބޮޑު ކާމިޔާބުގައި ހިނިތުންވެލާފައި އަލީޒީއާއި ދިމާއަށް އައިޝާ ބަލައިލިއެވެ. އިތުރަށް ބުނެދިނުމަށް އައިޝާގެ ދެލޯ އިޝާރާތްކުރި އެވެ. ޝުކުރުވެރިވުމުގެ ހިނިތުންވުން އެ މޫނުން ސާފުކޮށް ފެނެ އެވެ. 

"ފުރާނަ ގެންދެވުންއެދި ﷲގެ ހަޒްރަތުގައި ދުޢާ ދެންނެވުނު އަދަދު ބުނެދޭން ނޭގޭ.. އިންސާނާގެ ނަފުސު ބަލިކަށިވެގެންދާ ވަގުތުތަކުގައި އެފަދަ ކިތަންމެ ގޯހެއް ހެދޭނެ.. އަހަރެންގެ އަނދިރި ދުނިޔޭގައި އެދުވަހު، ހަމައެކަނި އަލިކަމެއްގެ ގޮތުގައި ފެނުނީ އައިޝާ.. ތި  ދެމަފިރިން ނޫން އެހެން އެއްވެސް މީހަކު އަހަރެންގެ ނެތް.. އައިޝާ އެހީ ނުވިނަމަ، މިއަދު އަހަރެންގެ ހާލަކީ ކޮބައިކަން ހިތައް އަރުވާންވެސް ބިރުގަނޭ.. ތި ދަރިފުޅު ދުނިޔެއަށް އަމާންކަމާއެކު ނޭވާލުމުގެ ހިތްހަމަޖެހހުން، އައިޝާއަށް ހައްޤުނުވާނެ އެއްގޮތެއްވެސް ނެތް... ނާއުއްމީދުވެފައިވާ މަޔަކަށް، ދިރިހުރުމުގެ މަޤްޞަދު އިހްސާސްކޮށްދިނީވެސް އައިޝާ.."

އޮށޯވެ އޮތް އަލީޒީގެ ދެލޮލުގެ ހިމަކޮޅުން، ބާލީސް މައްޗަށް ކަރުނައިގެ ކޯރު ދެމިގަތެވެ. 

މާޒީގެ ހައެއްކަމަސް ފަހަތައް އަލީޒީގެ ހަނދާންތައް ދަތުރުކޮށްލި އެވެ. 

ފެންފުށީގައި ދިރިއުޅެން ފެށިފަހުން އަލީޒީގެ ދިރިއުޅުމަށް ހަމަޖެހުމުގެ ބަދަލު މަޑުމަޑުން އަންނާން ފެށިއެވެ. ކޯހުގައި ތަމްރީނު ހޯދި ބައިވެރިންގެ އިތުރުން ރަށުގެ އެކިއެކި މީހުންނާއި މަދުމަދުން ވާހަކަދައްކައި އުޅެން މަޖުބޫރުވާ އެތތައް ހާލަތެއް ކުރިމަތިވެއެވެ. ރަށު ރައްޔިތުންނަށް ގޮވައިލާ ކަންކަމުގައި ބައިވެރިނުވެ، ވާނެގޮތެއް ނޯވެއެވެ. މީހުން ގިނަވާ ތަންތަނަށް ކޮންމެވެސް ވަރަކަށް ނުގޮސް ވާނެގޮތެއްވެސް ނޯވެ އެވެ. ރަށުގައި ދިރިއުޅޭނަމަ، އިޖްތިމާއި ބައިވެރިވުންތަކުގައި ޝާމިލުވެ، އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކަތްތެރިވާންވެސް ޖެހެ އެވެ. 

ހެނދުނު ދިހައެއް ޖަހާއިރަށް އިޖުތިމާއި މަރުކަޒުދޮށަށް ހުރިހައި އަންހެނުން އެއްވާން ގޮވީ ހެނދުނު ސައި ނިންމާލިތަނާއެވެ. މާލެއިން ސަރުކާރުގެ އިއްޒަތްތެރި ވަފުދެއް ޒިޔާރަތްކުރާތީ ރަށް ޒީނަތްތެރިކުރުމުގައި ހުރިހައި އަންހެންވެރިންގެ ބައިވެރިވުން ކައުންސިލުން ބޭނުންވަނީ އެވެ. އެކަމުގައި އަމަލީގޮތުން ވީހައި ގިނަބަޔަކު ބައިވެރިވާން އެދިއްޖެ އެވެ. ވަގުތުކުޑަވުމާއި ކުރާން އޮތް މަސައްކަތްތައް ގިނައީ އެވެ. 

އެއްވެފައިވާ އަންހެންވެރިންގެ ތެރޭގައި އަލީޒީވެސް މަޑުމަޑުން ހުރީއެވެ. ކުރަންޖެހުނު ކޮންމެކަމެއްގައި ބައިވެރިވުމުގެ އަޒުމުގައެވެ. އަލީޒީއަށް ބައެއް ލޯތައް އަމާޒުވަމުންދިޔަކަން އޭނާއަށް އިނގެއެވެ. އުއްމީދުވެސް ނުކޮށް ހުއްޓައި ދާދިގާތުން ބަންޑުންކޮށްލީ ސުވާލު ގޯންޏެކެވެ.

"ތިއީ މާލެ ކުއްޖެއްދޯ..! މަގޭ ހީކުރީ ކޯސް ނިމުނީމައި ފުރައިގެން ދިޔާކަމަށް.. ފިރިމީހާ ނުވެސްއާދޭތަ؟ މާބަނޑުއިރުވެސް އެކަނި ހާލަށް ދޫކޮށްލާފައި އަޅައިވެސްނުލައިދޯ..! މިހައި ދުވަސްވާންދެން މިރަށުގައި އަސްލު ތިހުންނަނީ ކީއްވެގެން..؟ މާލޭ މީހަކާތަ އިނދެގެން އުޅެނީ..؟ ބަނޑަށް ކިހައި ދުވަހެއް ވެއްޖެ؟"

ކުރިމަތިވި ސުވާލުތަކާއެކު އަމާޒުވަމުންދިޔަ ލޯތަކުގެ ސަބަބުން އަލީޒީގެ ދެ ކަންފަތާއި ބޮލުން އާވިއަރަން ފެށި އެވެ. ނިއްކުރިން ދާތިކިތައް ބޮކިޖަހައިލިއެވެ. ހަށިގަނޑުގެ ލޭހިނގުން އަވަސްވާންފަށައިފި އެވެ. އެއްވެފައިވާ މީހުންގެ ތެރޭގގައި ހުރުން އަލީޒީއަށް ފަސޭހައެއް ނުވި އެވެ. ޖަވާބެއް ނުދިނުމަކީ ނުރައްކަލަށް ދައުވަތުދިނުންކަން އަލީޒީއަށް ޔަގީނެވެ.

"ރަށްފުށުގެ މާހައުލު މާބޮޑަށް ހިތްހަމަޖެހޭތީ ދުވަސްކޮޅަކު މަޑުކޮށްލަން ބޭނުންވީ.."

އެންމެ ފަސޭހައިން ދުލަށްއައި އިބާރާތް ބުނެލާފައި އަލީޒީ ހިތްވަރުކުރީ އެހެން މީހަކަށް ފާހަގަނުކުރެވެނީސް ވީއެންމެ އަވަހަކަށް ގެއަށް ދާށެވެ. ދެފަޔަށް ބާރުލާފައި ގެއަށް އާދެވުނީ ކިހިނެއް، ކިހައިއިރަކުން ކަމެއްވެސް ނޭގެ އެވެ. ކޮޓަރިއަށް ވަދެވުމާއެކު ދޮރުލެއްޕުނުކަން އެނގެ އެވެ. އަރަމުންދިޔަ ހޫނާއިއެކު އުފެދެމުންދިޔަ ބިރުވެރި އިހްސާސްތައް މައިތިރިކުރެވޭނެ ގޮތެއް ހޯދުމަށް އަލީޒީކޮޓަރީގައި ތެޅިފޮޅެނީ އެވެ. ފަހަން ގެނެސްފައި އޮތް ބެޑްޝީޓެއް މުޅިގައިގައި އޮޅައިލެވުނީ ކިހިނެއްކަމެއްވެސް ނޭގެ އެވެ.

އޭގެ ސަބަބުން ނޭވާނުލެވި އިތުރަށް ހާސްވާންފެށުމުން އަތުކޮޅަށް އެވެސް އެއްލާލި އެވެ. ކެތްނުކުރެވޭ ބާރުގަދަ ދިލަޔަކުން މުޅިހަށިގަނޑު އަނދަމުންދާހެން ހީވަނީއެވެ. ކޮޓަރީގެ ހަތަރު ފާރުވެސް ވަށައިގެން އެނބުރޭހެން ހީވަނީ އެވެ. ދެން ފެނުނީ ހެނދުނު ފަތްކޮށަން ގެންގުޅުނު ވަޅި އެވެ. އޭގެ ނުރައްކަލެއް ނުވަތަ ކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން އަންދާޒާކޮށްލެވޭނީ، އަމިއްލަ ސިކުނޑިއާއި ހިތައްވެސް ބާރެއް ފޯރުވާނެ އިހުތިޔާރެއް އަލީޒީ ކިބައިގައި ހުރިނަމަތާއެވެ. ވަޅިނަގާފައި އަތުގެ އެތަން މިތަނުގައި ޅިޔަޖަހައިލެވުނު އިރެއް އަލީޒީއަށް ނުވެސްއެނގެ އެވެ. ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގައި އަޅަމުންދިޔަ ވޭން ކުޑަކުރެވޭތޯ އޭނާއަށް ކުރެވުނު ކޮންމެ ކަމެއް ކުރާން ބޭނުންވީ އެވެ. ހޯސްލާފައި ދެމިގަތް ލޭގެ ރޮނގުތައް ފެނުމުން އަލީޒީގެ ނޭވާ އަދިވެސް އެބަހިނގާކަމުގެ އިހްސާސް މަޑުމަޑުން ކުރެވެން ފެށި އެވެ. އެއް ރިހުން ލުއިކުރުމަށްޓަކައި އެއަށްވުރެން ގަދަ ރިހުމަކަށް ދަޢުވަތުދެވުނީ ކިތަށްފަހަރުކަމެއް ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟

ބޮލުގެ އިސްތަށިގަނޑުގައި އައިޝާ ފިރުމައިލުމުން އަލީޒީ ސިއްސައިގެން ދިޔަ އެވެ. ހިޔާލްގެތެރޭގައި އުޅެވުނީކަން އެނގުމުން ކަރުނުން ދެ ލޯފުރުނެވެ. އެއީވެސް ބާރުގަދަ ޕެނިކްއެޓޭކެއްގެ ޝިކާރައަކަށް އަލީޒީވާންޖެހުނު ދުވަހެކެވެ. ކިތަންމެ ވިސްނައިގެން އުޅުނަސް އެފަދަކަންކަމުން ދުވަހަކުވެސް މިންޖުވެވުމެއް ނެތްކަން ގަބޫލުކުރުން ނޫންގޮތެއް އަލީޒީއަށް ނެތީ އެވެ. 

ތުންފަތް ތުރުތުރުލާން ފެށިއެވެ. ހިތްދަތިކަން ފޮރުވާން އެއްވެސް މަސައްކަތެއް މިފަހަރު އަލީޒީ ނުކުރި އެވެ. 

"ބައެއް ފަހަރު ކަރުނައަކީ އަމާންކަމެއް.. މިއީ އެފަދަ ވަގުތެއްކަމަށް ހީކޮށްލާ..! ރުއިމަކީ ފަރުވާއެއް.. ހިތާއި ސިކުނޑިއަށް ލުއި ލިބެންދެން ރޯލާ.. އަލީޒީ ބޭނުން ކޮންމެ ވަގުތަކު ބޭނުން ކޮންމެ ވާހަކައެއް އަހަރެންގާތު ދެއްކޭނެ.. އަހަނންނަކީވެސް މާ އުފާވެރި ދިރިއުޅުމެއް އުޅުނު މީހެއް ނޫން.. އެކަމަކު މުންޝިރުގެ ސަބަބުން އަހަރެންގެ ދިރިއުޅުން އުއްމީދުގެ އަލިކަމަށް ގެނެސްދިނީ.. އަލީޒީއާއި ނުލައި އަހަރެންގެ އާއިލާ ފުރިހަމައެއް ނުވާނެ" ގުދުވެލާފައި މަޑުމަޑުން އައިޝާ ބުނެލީ އަލީޒީގެ ލޮލަށް ބަލައިލާފައެވެ. 

ކިތަންމެ ހިތްވަރު ގަދަކަމަށް އައިޝާ ދެއްކިޔަސް، އޭނާގެ ދެލޮލުގެ ކަރުނަ އަލީޒީއަށް ސިއްރެއް ނުވިއެވެ. ހިތްވަރުކޮށްފައި އަލީޒީ ތެދުވެލާފައި އުނަގަނޑަށް ބާލީސް ހުރަސްކޮށްލިއެވެ. ދެއަތް ވިއްދާފައި ފަހަތައް ޖެހިލީ ފާރުގައި ބުރަކަށިޖައްސާފައި ހަމަޖެހިލުމަށެވެ. 

"ދިރިއުޅުމައިގެން ދެވަނަ ފަހަރައް ތެދުވެ މިހުރީ ވަރަށް އުނދަގުލުން.. ދުނިޔެއާއި ކުރިމަތިލާނަން.. ދުވަހަކުވެސް ހިތްވަރު އެލުނަ ނުދޭނަން .. ދެން، ވަރުބައްޔެއްވެސް ނުވާނެ.. ދިރިއުޅުމުން ދެއަތް ފޮޅާވެސް ނުލާނަން.. އަނިޔާވެރި ލޯތަކަށް ފިލައިގެންވެސް ނޫޅޭނަން.. އެހެން މީހަކަށް އަހަރެންގެ ދެފައި ބިންދައެއްވެސް ނުލެވޭނެ.. އެ ބިރުވެރިކަމާއި ނާންމާންކަމުގެ ހިޔަނި އަހަރެންގެ ދިރިއުޅުމަށް އެޅުނަނުދިނުމަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން.. ހަމައެކަނި އަޔާން އަށްޓަކައި.. މިދަރިފުޅަށްޓަކައި އަހަންނަކީ ފޫއަޅުވާނުލެވޭފަދަ އައްޑަނައަކަށް ވެދޭނަން.. އެނޫން އުއްމީދެއް ނެތް!"

ހުއްޓަމުން ހުއްޓަމުން އަލީޒީ ވާހަކަ ދެއްކިއެވެ. މާޒީގެ ހިތިރަހަ އަލީޒީގެ ކަރުގައި ހުއްޓަސް، ހިންދިރުވާލާފައި އެރަހަ ފިލުވާލި އެވެ. ހިތްވަރުކުރީ އަދިވެސް ބުނެދިނުމަށެވެ.

"ހަގީގަތުގައި މިރަށަށް އާދެވުމަކީ އަހަރެންގެ ނަސީބު! އަމިއްލަ، އުފަން ރަށް މާލޭގައި ރެފިއުޖީއެއްހެން ދިރިއުޅެނިކޮށް ރައްޓެއްސެއް މެދުވެރިކޮށް މިރަށަށް އާދެވުނީ.. ބައްޕައަކީ މަޝްހޫރު ވިޔަފާރިވެރިޔަކަށް ވާތީ އަހަރުމެންގެ ކުޑަކުޑަ އާއިލާ ގިނަބަޔަކު ދަންނާނެ.. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އާންމު ލޯތަކަށް ގެއްލިގެން، ސޯޝަލް މީޑިއާއަށް ފިލައިގެން އުޅުން.. ހަގީގަތެއް ބެލުމެއްނެތި އިންސާނުންގެ އަބުރުކަތިލަނީ ހިންދެމިނުލެވޭ ވަރަށް.. އިންސާނީ ކަރާމަތުގެ އަގެއް މިހާރަކު ނޯވޭ.." 

ކުރިމަތިވި އެތައް އުނދަގުލެއް ކަޑައްތުކުރި ހާދިސާތައް އަލީޒީގެ ލޮލުން ސިފަވި އެވެ. ދުލާ ހަމައަށް އެވާހަކަތައް ގެނައުމަކީ ފަސޭހަކަމަކަށް ނުވި އެވެ.

"ކިތަންމެ ފައިސާއެއް އޮތަސް، ބައްޕައަކީ އަބަދުވެސް މަސައްކަތްކުރުމަށް ލޯބިކުރި މުރާލި، ހީވާގި މީހެއް.. ފެހުމާއި ފަށުވީގެ މަސައްކަތް ދަސްވީ ބައްޕަ ކައިރިން.. އަބަދުވެސް ބުނާނެ، ކިތަންމެ މޮޅަށް ކިޔެވިޔަސް، ޑޮކްޓަރަކަށް ވިޔަސް، ގޭގައި ހުރެގެން ކޮއްލެވޭނެ މަސައްކަތެއް ދަސްކުރަންވާނެޔޭ.." އަލީޒީގެ އަޑަށް އައި ބަދަލު އައިޝާ ފާހަގަކުރި އެވެ.

ތެދެކެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކުމަކީ ކުށެއް ނޫނެވެ. އެކަން ހާސިލް ނުވުމަކީ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. ހިތްވަރުދިނުމުގެ ގޮތުން އަލީޒީގެ ބޮލުގައި އައިޝާ ފިރުމާލި އެވެ. 

"ފެހުމާއި މާޖެހުމަކީ ބައްޕަގެ ހުސްވަގުތުގައި އަހަރެން ބައިވެރިކޮށްގެން ކުރަމުންދިޔަ މަސައްކަތެއް.. ވަރަށް ފަސޭހައިން އެކަން ދަސްވި.. އެއީ ވަރަށް ކުރާހިއްވާ މަސައްކަތަކަށްވީ... ބައްޕައަކީ ދެވަނައެއް ނެތްފަދަ މުދައްރިސަކަށްވާތީ އެކަންކަން ދަސްކުރުމަށް އުނދަގުލެއް ނުވި... ކިޔަވާ ވަގުތުތައް ނޫން، ހުރިހައި ވަގުތެއް ހޭދަކުރީ  ބައްޕައާއެކު... ބައްޕައާއި ނނުލައި ދުނިޔޭގައި އުޅޭނެ ދުވަހެއް އަހަރެން ހުވަފެނުންވެސް ނުދެކެން.. އެއަށްވުރެން ލޯބި ބައްޕައެއް މި އުޑުދަށުގައި ލެއްވިކަމެއް ނޭގެ..." އަލީޒީއަށް ރޮވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި އައިޝާ ފިރުމާލާފައި ހިއްވަރު ދިނެވެ. 

"މިހާރު ހިތަށްއަރާ، ބައްޕަ އަހަރެން ތައްޔާރުކުރަމުން އައީ މިފަދަ ކޮންމެ ޠޫފާނަކާއި ކުރިމަތިލާނެ ހިތްވަރު ހޯދައިދިނުމަށޭ.." އަލީޒީއަށް މާބޮޑަށް ރޮވިއްޖެ އެވެ.

އައިޝާގެ އުރުތެރޭގައި އަޔާން ބޮޑާހާކާލީ އެވަގުތު އެވެ. 

"ދަރިފުޅާ! ދަރިފުޅުގެ މަންމަ ރޮނީއެއް ނޫނޭ ދޫންޏާ.. މަންމައާއި ބޮޑުދައިތަ ވާހަކަ ދައްކާލަނީއޭ.. ބަނޑުހައިވެގެންކަންނޭގެ ރޮވެނީ ދޯ.." އަޔާންގެ ކޮލުގައި ލޯބިކޮށްލަމުން އަލީޒީގެ އަތަށް އަޔާން ދިއްކޮށްލި އެވެ. 

"ދިރިހުރިކަމުގެ އިހްސާސްކުރެވުނީ ވޯކްޝޮޕް ނިމިގެން، އައިޝާގެ އެހީގައި އެ ކުލީ ކޮޓަރި ހަމަޖެހި އަހަންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ދުވަހު.... ވޯކްޝޮޕުން ލިބުނު ފައިސާއިން  ފަހާފޮށިގަނެ، އެންމެ އަވަހަށް އައި ބޯޓުން އޭތި ލިބޭނެ ގޮތް ހަމަޖައްސައިދިނީވެސް އައިޝާ ދޯ!.." ޝުކުރުވެރިކަމާއެކު އައިޝާއަށް އަލީޒީ ބަލައިލިއެވެ. ހިނނިތުންވަމުން އަލީޒީގެ ބޮލުގައި އައިޝާ ފިރުމާލިއެވެ. 

"ކާން ދާންވީނުން.. އަނެއްކާވެސް އަޔާންއަށް އެ ނިދެނީ.." ހިނިތުންވާން މަސައްކަތްކުރަމުން އަލީޒީ ބުންޏެވެ.

މުޅި ދުވަހު އައިޝާ އެހުރީ އެއްޗެއް ނުކައިކަން އަލީޒީއަށް ޔަގީނެވެ. އައިޝާ އެންމެ އުފާވީ ކެއުމަށް އަލީޒީ އިސްނެގީތީއެވެ. ލިބުނު އުފަލުގައި އަވަސްއަވަހަށް ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި އައިޝާ ދުއްވައިގަތީ ބަދިގެއަށެވެ. ދެމީހުންނަށް ކާއެއްޗެއް ތައްޔާރުކުރުމަށެވެ. 

..............

ވިއްސާރަ މޫސުމެއްނަމަވެސް އުޑުމަތި ސާފު ވިލާ މަދު ރެއެކެވެ. ހަނދުގެ ފުރިހަމަ އަލިކަން ނެތަސް، ތަރިތަކުގެ ވިދުން ހިތްތަކަށް އަމާންކަން ގެނެސްދެއެވެ. މުޅި ރިސޯޓް ނިދާފައި އޮތަސް، މުންޝިރުގެ ލޮލަކަށް ނިންޖެއް ނައެވެ. އައިޝާގެ އަޑު އަހައިނުލައި އޭނާ ނިދާނީ ކިހިނެއް ހެއްޔެވެ؟

ގުދުރަތީ ވައިގެތެރޭގައި ނޭވާލާން މުންޝިރު ބޭނުންވި އެވެ.  

ކޮޓަރީން ނިކުމެގެން ތަންކޮޅަކަށް ހިނގާލިތަނާ ލޮލުގައި އަޅައިގަތީ ދާދި ގާތުގައި ހުރި ރުކެކެވެ. ރުއް ބުޑުގައި އިށީނީ ދުރުންފެންނަ މަންޒަރު ޗާލުވެގެނެއް ނޫނެވެ. ސިކުނޑިއަށް ލުޔެއް ލިބޭތޯ އެވެ. ހިތްހަމަނުޖެހުނުކަން ދައްކާލލުމަށް ފޯނު ބޭއްވުމުންވެސް އައިޝާ އަލުން ގުޅާނުލުމަކީ މުންޝިރު އިތުރަށް ވިސްނާލަންޖެހުނު ކަމެކެވެ. ކުރިން މުންޝިރަށް ޝައްކުވީއެވެ. ނަމަވެސް މިހާރު ޔަގީން ވެއްޖެ އެވެ. އައިޝާ އެހުރީ ބޮޑު ހާސްކަމެއްގަ އެވެ. ކޮންމެވެސް ކަމެއް ނުވަތަ ބޮޑުކކަމެއް ވެއްޖެއެވެ. މިފަދަ ވަގުތުތަކުގައި މުންޝިރަށް ލިބޭ ހިތްހަމަޖެހުމަކީ ކޮންމެ ކަމެއް ކުރިމަތިވިޔަސް އައިޝާ އެކަމަކާ ކުރިމަތިލައި އެކަމެއް ހައްލުކުރާނެ ކަމުގެ ޔަގީންކަމެވެ. އެކަމެއް ހައްލުކުރުމުގެ ހިތްވަރު އައިޝާގެ ހުންނާނެކަން މުންޝިރުގެ ހިތުގެ އަޑީން ގަބޫލުކުރެ އެވެ. 

މިވަގުތަށް އޮތް ހާސްކަމަކީ އަލީޒީއާއި އަޔާންއެވެ. އަލީޒީގެ ހަޔާތުގެ ދަތުރު އޮއެގަދަވެ ނަގާރާޅު ބޮޑެތިވާނެކަން މުންޝިރަށް ޔަގީނެވެ. ނަމަވެސް މިވަގުތު ވަކިގޮތެއް ނިންމުމުގައި އުނދަގޫވަނީ އެވެ. އައިޝާއަށް ގުޅާފައިނޫނީ މުންޝިރުގެ ނާރުތަކަށް ހިމޭންކަމެއް ނުލިބޭނެ އެވެ. 

ހިތްގައިމު ވައިރޯޅީގެ ފިނިކަން މުންޝިރާއި މައްލަވަކުރަމުން ދިއަޔަސް، ހިތާއި ހަމައަށް އެ އަރާމު ދަތުރެއް ނުކުރެ އެވެ. މާދަމާއަކީ މުންޝިރަށް ބުރަ ދުވަހެކެވެ. ރަށަށް ދާންވެސް ބޭނުމެވެ. އެކަމަކު ދެވޭކަށްވެސް ނެތެވެ. ރިސޯޓް އޮތީ ގެސްޓުން ފުރިފަ އެވެ. ފުލުފުލުގައި ޑައިވިންގ ދަތުރުތައް އޮތީ ތާވަލުކޮށްފަ އެވެ. 

ޖީންސްގެ ޖީބުން ފޯނު ނަގާފައި ސްކްރީނަށް ބަލައިލި އެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް