ބުރާސްފަތި ދުވަހުގެ ބަޔާއި ގުޅޭ
"މަންމަގެ ބަނޑު ބޮޑުކަން ރަށު މީހުންނަށް ނޭގެނީސް މަންމަގެ ކައިވެނިކުރުވާން މާމަ ބޭނުންވި.. ކިތަންމެ ވަރަކަށްވެސް އެކައިވެންޏަށް މަންމަ ނުގަބޫލުކަމަށް މާމަ ބުނި.. އެތައް އުނދަގުލަކުން މަންމަ ރުއްސައިގެން މާމަ، މަންމަގެ ކައިވެނިކުރުވީ އަހަރެންގެ ބައްޕައާ.... އެހެންމީހުންގެ ދުލުން، އެއީ ދޮންބައްޕަ.... ނުވަތަ ހުއްދަ ނޫން ކައިވެންޏެއްގެ މަތީގައި މަންމަ ބިނާކުރި ނުހައްގު ދިރިއުޅުމެއް... މާމަގެ މަގްސަދަކަށްވީ ފަހުންވާނެ ގޮތެއް ނުބަލައި، ހަމައެކަނި އެވަގުތަށް އެހެންމީހުންގެ ދޫތައް ބަންދުކުރުވުން.... އެކަމަކު، މާމަގެ އެ އަމަލުގެ ސަބަބުން މި މުޖުތަމައުގައި އަހަރެން އުފުލަންޖެހުނު ލަދުވެތިކަމާއި އެ ވޭނަށް ޒިންމާވާނީ ކާކުކަމެއް އަހަންނަކަށް ނޭގޭ.. އަހަރެންގެ ކުށަކީ ކޮބައިކަން އަދިއަދަށްވެސް އަހަންނަކަށް ނުވިސްނޭ.."
އައިޝާގެ ވާހަކަ މެދުކަނޑާލި އެވެ. މީގެކުރީން ދުވަހަކުވެސް މީހަކާ ހިއްސާކޮށްފައިނުވާ އިހްސސާސްތަކެއް މިއަދު އަލީޒީގެ ކުރިމަތީގައި ހުޅުވާލަން މަޖުބޫރެވެ. ހިއްވަރުކުރަމުން ގެންދިޔައީ އަލީޒީގެ އިތުބާރު އައިޝާގެ މައްޗަށް ވަރުގަދަކުރެވޭތޯ އެވެ. ކިތަންމެ ކަޅު ސަފްހާއެއްވިޔަސް އަލީޒީއަށްޓަކައި ނިއުޅުވައިލުމަށް އައިޝާ ތައްޔާރެވެ. އަލީޒީގެ މޫނަށް ބަލައިލާފައި އަނެއްކާވެސް އައިޝާ ވާހަކަ ފެށި އެވެ.
"އުފަންދަރިޔަކަށްވެސް ބައްޕައަކު ހެޔޮވާނީ އަހަރެންގެ ބައްޕަ ނުވަތަ ދޮންބައްޕަ ހެޔޮ މިންވަރަށް.. އެއީ މާތް އިންސާނެއް..! ބައްޕަ އަހަރެންނާއި ގާތްގުޅުން ބާއްވަން، މާމަ އެއްގޮތަކަށްވެސް ބޭނުން ނުވާކަން އެނގޭއިރުވެސް އެކަމަށް ދުވަހަކުވެސް ބައްޕަ ރައްދު ނުދޭ.. މާމައަށްވެސް މަންމައަށްވެސް، އަހަރެންނަށްވެސް އެންމެބޮޑު ރައްކާތެރި ކަމަކަށް ދުނިޔޭގައި ވެގެންދިޔައީ އަހަރެންގެ ބައްޕަ.. އަހަރެންގެ އެހެން ބައްޕައެއް ނުހުންނާނެ..!! ދުވަހަކުވެސް އެމީހަކު އެނގޭކަށްވެސް ބބޭނުމެއް ނޫން..!! ބައްޕައެއްގެ ދަރަޖަ އެހެން އިންސާނަކަށް ދުވަހަކުވެސް ނުދޭނަން..!! މަންމަ ކަންކަންކުރީ ރަގަޅޭ އެންމެ ފަހަރަކުވެސް އަހަރެން ނުބުނާނަން...!! ދަރިންނަށްޓަކައި މަޔަކަށް، ނުވަތަ ބަފަޔަކަށްވަނީ އެ ކުއްޖަކު ދުނިޔެއަށް އައުމުގެ ވަސީލލަތެއްކަމަށް މެދުވެރިވި ދެމީހުންނެއް ނޫން.. މައިންބަފައިންނަކީ ލޯތްބާއި އޯގާތެރިކަމާއެކު ދަރިން، ދަރިންނަށް ހަދައި، ބަލައިބޮޑުކޮށް ދިރިއުޅުން ހޯދައިދޭ މީހުން.." އައިޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާ ފޮހެލީ ހިނިތުންވުމާއި އެކު އެވެ.
"ކައިވެންޏެއް ކުރާން މަންމަ ކަނޑައެޅިގެން ދެކޮޅުހެދީ ކޮން ސަބަބަކާހުރެކަން މާމަ ބުނެނުދިނަސް އަހހަރެންގެ ޒުވާންވަމުންއައި ސިކުނޑިއަށް އެކަންކަން ވިސްނެންފެށި.. މަންމައާއި މާމައާއި ދެމެދުގައި ހޫނުބަސްތައް ބަދަލުކުރާއަޑު ކިތަންމެ ދުވަހަކު އަޑުއެހިން.. އަހަރެން މަސައްކަތްކުރީ އެހާލަތައް އަހަރެންގެ ދިރިއުޅުން ދިޔަނުދިނުމަށް... އިވެމުންދިޔަ އަޑުތަކުން އަހަރެން އިބްރަތް ހާސިލްކުރީން" އައިޝާގެ ދިރިއުޅުމުގެ ސަފްހާތައް އުކަމުން ދިޔަ އެވެ.
"އެކުގައި ކިޔެވި ހުރިހާ ކުދިންގެ ބޯއިފްރެންޑްސް ނުވަތަ ކްރަޝް ތިބޭކަމަށް އެމީހުންބުނޭ.. ވަރަށް އޮލަކޮށް އެޒާތުގެ ވާހަކަވެސް އެމީހުން ދައްކާ.. އޭގެތެރެއަށް އަހަރެން ވަންނާން ބޭނުންނުވާތީ އެމީހުންނާއި އެ ގުޅުންވެސް ނުބޭއްވުނީ.. އޭގެ ނަތީޖާ މާރަގަޅެއްވެސް ނޫން.." އައިޝާގެ ހިންދިރުވާލުން އަލީޒީގެ ގައިން ހީނބިހި ނެގި އެވެ. ބުނަންއުޅެނީ ފަސޭހަ ކަމެއްގެ ވާހަކަ ނޫންކަން އެނގުނެވެ.
"ހަގީގަތުގައި އިތުބާރުގެ ހިތި ޒަހަރަށްވުރެން ރަގަޅަށް ތަޖުރިބާކުރެވުނު އެހެން އެއްކަމެއްވެސް ނެތް.. އަހަރެންގެ މާމައަކީ ވަރަށް ހިތްހެޔޮ އެކުވެރި މިޒާޖެއްގެ މީހެއް.. އެކަމަކު 'އިތުބާރު' އެއީ މާމައަށްވެސް ދުނިޔޭގައި ދަސްނުވި އެއްޗެއް... އަދިވެސް މަސައްކަތްކުރަމުން މިދަނީ އެ މިސާލުން ދުނިޔެ ތަޖުރިބާ ކުރެވޭތޯ.. މަންމައާއި ބައްޕައަށްވުރެން ގިނަވަގުތު އެކުގައި އުޅެވުނީ މާމައާއެކު.. އެންމެ ލޯބި ހަނދާންތައްވެސް ގުޅިފައިހުރީ މާމައާއެކު ހޭދަކުރެވުނު ދުވަސްތަކަށް..! މަހަށްގޮސް އުޅެނިކޮށް އިންޖީނު ދޯނީގައި ރޯވި ހާދިސާގައި ބައްޕަ ނިޔާވުމާއި އޭގެ ދޮޅުއަހަރު ފަހުން ހާޓްއެޓޭކެއްގައި މަންމަ ނިޔާވުމާއި.. ހުރިހާ އެކުވެރިންގެ ތެރެއިން އަހަރެން ބާކީވުން ހިމެނިގެން ދިޔައީ، ކޮށިވަޅިޔަކުން ހިތް ކުދިކުދި ކުރުންފަދަ ކަމަކަށް..!"
މާޒީގެ ހިރަފުސް ފޮޅާލަމުން އައިޝާ ހިތްވަރުކުރި އެވެ. ހަމަ އެންމެ ސަބަބަކަށްޓަކަ އެވެ. އަލީޒީގެ ހިތާމައަކީ ކޮބައިކަން އޭނާ ދެނެގަންނާން ބޭނުންވާތީ އެވެ. އަމިއްލަ ނަފުސުގެ އިތުބާރު އޭނާއަށް ވަޒަންކޮށްދިނުމަށެވެ. ހެޔޮއެދޭ އެކުވެރިޔަކާއި ހިއްސާކުރުމުން ލުއި ލިބޭނެކަން އިހްސާސްކޮށްދިނުމަށެވެ. އެކުވެރިޔާއަށް އެހީވުމަށްޓަކަ އެވެ!
އަލީޒީއާއި އޭނާއާއިދެމެދު މިއަދު ލެވުނު ބިއްލޫރިފާރު ތަޅައި ސުންނާފަތިކޮށްލުމަށްވުރެން ކުރީން ކުރާންޖެހޭ އެހެން އެއްވެސް ކަމެއް ނެތްކަމަށް އައިޝާ ގަބޫލުކުރި އެވެ. އަލީޒީއަކީ އައިޝާއަށް ކިހައި މުހިއްމު މީހެއްކަން ބުނެދޭން ބޭނުންވި އެވެ.
"އަލީޒީއަށް އިނގޭތަ..! މުންޝިރާއި އަހަރެން ފުރަތަމަ ދިމާވެގެން ދެމީހުންގެ ގުޅުން ފެށިގެން އައިއިރު އިތުބާރަކީ އަހަރެންގެ ފަރާތުން މުންޝިރަށް ލިބުނު އެއްޗެއް ނޫން.. އެކަމަކު ދުވަހަކުވެސް ޝަކުވާއެއް ނުކުރޭ.. މުންޝިރާއި ދިމާވެ، އަހަރުމެންގެ ގުޅުން ވަރުގަދަވެ، ދެމީހުންގެ ދެމެދުގައި ލޯބި އަށަގެންފިކަން އަހަރެންނަށް ޔަގީންވުމާއި ހަމައަށް، މާމަގެ އެ ނަސޭހަތް އަހަރެން ގަބޫލުކުރިން.. އަދި އެއަށްވުރެން ބޮޑު ހަގީގަތެއް ނެތްކަމަށްވެސް އެދުވަހާއި ހަމައަށް އަހަރެން ގަބޫލުކުރީން.. އަނިޔާވެރި ދުނިޔޭގައި.. ތެދުވެރިންނާއި އޯގާތެރިންވެސް ހިމެނޭކަމަށް ގަބޫލުކުރިން"
ނިދިފައި އޮތް އަޔާންގެ ކުދިކުދި އިނގިލިތަކުގައި އައިޝާ ފިރުމާލި އެވެ. ވެކްސިންގެ ސަބަބުން ރުއިމުގެ ބަދަލުގައި އަޔާން މިއަދު ގިނަވަގުތު ނިދާތީ އައިޝާ ހިތްހަމަޖެހުނެވެ.
"ރައްޓެއްސެއްގެ އެހީތެރިކަމަށް ނުވަތަ އެކުވެރިކަމަށް އެންމެ ބޭނުންވި ވަގުތު އަހަރެންނާއެކު ހަމަ އެކަކުވެސް ނެތް.. ކަޅުއަނދިރި ކަމަށްވުރެން އެކަނިވެރިކަމުގެ ބިރު މާ ހިތްދަތި...! އެމީހުންގެ ތުހުމަތަކީ ގަސްތުގައި އެނގިހުރެ، އަހަރެންގެ ރައްޓެއްސެއްގެ ލޯބިވެރިޔާއާއި އަހަރެން 'ރައްޓެހިވުން'.. އެއީ މުންޝިރު..! ހަގީގަތުގައިވެސް އަހަރެންނަށށް އެކަމެއް ނޭގެ.. އަހަރެންނާއި ދިމާއަށް އެމީހުން ވަރަށް ހަޑިކޮށް އެއްޗެހިކީ.. މަލާމާތްވެސްކުރި.. އެކަމަކު މުންޝިރު ބޭނުންނުވި އަހަރެން ދޫކޮށްލާކަށް.. އެކަނިވެ، ނިކަމެތިވި ދުވަހު އަތުގައި ހިފިމީހަކަށް އަހަރެން އިތުބާރުނުކޮށް ދެން ދުނިޔޭގެ ކޮން ބިތެއްގައި އަހަރެން ފިލާ އޮންނާންވީ..؟ އަހަރެން ދަސްކޮށްފިން ރައްޓެހިންނާއި، އިތުބާރު ދޭން ހައްގު މީހުންނާއި އިތުބާރު ކުރާންވީ މީހުން.. އަހަރެންނަށްޓަކައި އޭގެ ތިން މީހުން މިވަގުތު ދުނިޔޭގައި އެބަތިބި! އެހެންމީހަކު މުހިއްމެއްވެސް ނޫން.."
އައިޝާގެ ވާހަކަ މެދުކަނޑާލި އެވެ. އަލީޒީގެ ބޮލުގައި ފިރުމާލާފައި އަޔާންގެ ކޮލުގައިވެސް ޝަހާދަތް އިނގިލީގެ ނުފުށުން ލޯބިލޯބިކޮށް ފިރުމާލި އެވެ.
އައިޝާ އެބުނި ތިންމީހުންނަކީ ކޮބައިކަން ނުބުންޏަސް، އެއީ ކޮންބައެއްކަން އަލީޒީއަށް އެނގުނެވެ. އއައިޝާގެ ދުނިޔެއަކީ އެ ކުޑަކުޑަ އާއިލާކަމަށް ދެކޭއިރު، އަލީޒީއަށް ހެދުނު ބޮޑު ގޯސް އޭނާއަށް ވިސްނިއްޖެ އެވެ. ދުނިޔޭގެ ހުރިހާ ލޯތަކަށް ގެއްލިގެން ހުރިހާ ކަންފަތެއް ބަންދު ކުރުވައިގެން އަލީޒީ ފިލައިގެން އުޅުނަސް، އައިޝާއާއި މުންޝިރުބެއަކީ މިއަދު އަލީޒީއާއި އަޔާންގެ ދުނިޔެ އެވެ. ދަރިފުޅަށް ނަންކިޔުމުގައި އަލީޒީގެ ބައްޕަގެ ނަން އަޔާންގެ ނަމުގެ ފަހަތައް ލުމަކީ އެހެން މީހެއްގާތުގައި ނުބުންޏަސް، ސަލާމަތް ބުއްދިއަކަށް ފޮރުވޭނެކަމެއް ނޫންކަން އަލީޒީ ގަބޫލުކުރަންޖެހޭކަން އޭނާގެ ސިކުނޑި ބުނެދިނެވެ.
"އަހަންނަށް މަޢާފުކުރޭ.. ޕްލީޒް.. ތިދެމީން ނޫން އެހެންމީހަކު އަހަރެމެން ދެމައިންގެ ނެތް" އައިޝާގެ އަތުގައި އަލީޒީ ފިރުމާލިއެވެ. އެދުނު މަޢާފުގެ ތެދުވެރިކަން އަލީޒީގެ ލޮލުން ބަބުޅާލި ކަރުނަތިކި ހެކިދިނެވެ.
"އަހަރެންވެސް ހިއްސާކުރާވަރަކުން ދޯ އަލީޒީވެސް ހިއްސާކުރާނީ..! އަހަރެންގެ މާޒީއަކީވެސް ހާސްކަމެއްނެތް އޮމާން ދުވަސްތަކެއް ނޫން.. ސިއްރު ވާހަކައެއް ބުނެލާނެ ވަކި ހާއްސަ ރައްޓެއްސަކު ނެތްކަން އިހްސާސްވީ، މުންޝިރާ އަހަރެންގެ ކައިވެނި ހަމަޖެހިފައި އޮތް ދުވަހުގެ ހަވީރު..! ކައިވެނީ އޮތީ އެ ރޭ އަށެއް ޖަހާއިރު.. އަހަރެންގެ ނުވިސްނޭ މި ސިކުނޑިން ހެދި ގޯހުގެ ޒިންމާ ނަގާނީ އަހަރެންކަމެއް ނުވަތަ މާމަ ކަމެއް ނިންމާކަށް އަހަރެން ނެތިން..! އޭގެ ޖަވާބު ބޭނުމެއްވެސް ނޫން.. އަހަރެން ވަރަށް ރުއިން އެދުވަހު.. ރައްޓެހިންގެ ތުހުމަތުތައް ވަރަށް ލަދުވެތި.. ފަހު ވަގުތުވެސް މުންޝިރް ކައިރީގައި ބުނިން، އަހަރެން ދޫކޮށްލާފައި ރައުފާއާއި އިންނާށޭ.. އަހަރެން ދޫކޮށްލާފައި އެހެންމީހަކާ އިންނަށް ބޭނުންނުވީ މުންޝިރް! މައިންބަފައިން ނެތުމާއި، ހިތުގައި ރިހުމަކީ ކޮބައިކަން އެންމެ ފުރަތަމަ އިހްސާސްވީ އެދުވަހު.. އޭގެފަހުން މިއަދު!"
އަލީޒީއާއި ދިމާއަށް ނަޒަރު ހުއްޓާލަމުން އައިޝާގެ ވާހަކަ މެދުކަނޑާލީ އަލީޒީގެ ހަރަކާތްތައް ދެނެގަންނާން މިފަހަރު އޭނާ ބޭނުން ވާތީއެވެ.
އެދުވަހާއި މިއަދު އައިޝާ ހަމަހަމަކުރި ސަބަބަކީ ކޮބައިތޯ ސުވާލުކުރާން އަލީޒީގެ ހަށިގަނޑުގެ ކޮންމެ ވިންދެއް އޭނާއަށް މަޖުބޫރު ކުރަމުން ދިޔައެވެ. ނަމަވެސް އެސުވާލުގެ ލަފުޒުތައް ދުލުން ހާމައެއް ނުކުރެވުނެވެ. ވާހަކަ ކުރިއަށް ގެންދަން ޖެހޭނީ އައިޝާކަން އޭނާއަށް އެނގުނެވެ. ވެއްޓެންޖެހޭ ކޮންމެ އަޑިގަނޑަކަށް ވެއްޓެމުންވެސް މިއަދު އައިޝާ އެވާހަކަ ދައްކާނެއެވެ.
"އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކިގެން އުޅުނު މީހާ، އަހަރެންގެ މުންޝިރަކީ ހަގީގަތުގައި އޭނާގެ ލޯބިވެރިޔާ ކަމަށްބުނެ އެޅުވި ތުހުމަތައްފަހު އަހަރެން ފަލީހަތްކުރުމަށް އޭނާ ދެއްކި ވާހަކަތަކާއި އޭގެ ރައްދުގައި އަހަރެންނަށް ބުނެވޭނެ އެއްޗެއް ނެތުން، ގޮތް ހުސްވި.. މުންޝިރް ނޫން އެހެން މީހަކު އަހަރެންގެ ދިފާއުގައި އެދުވަހު ނެތް .. އަހަރުމެންގެ ކައިވެންޏަށް މުންޝިރުގެ އާއިލާ ދެކޮޅު.. އެދުވަހުން ފެށިގެން އެއާއިލާގެ އެކަކުވެސް އަހަރުމެންދެމީހުންނާއި ގުޅުމެއް ނުބާއްވާ... އެކަމަކު އަހަރެންގެ އުއްމީދަކީ އަދި ދުއާއަކީވެސް، ކޮންމެވެސް ދުވަހަކުން މުންޝިރުގެ އާއިލާ އޭނާއަށް މައާފުކޮށް އަހަރުމެން ދެމީހުންނަށް އެ އާއިލާއަށް މަރުހަބާ ކިޔުން.. އަހަރުމެންގެ ކައިވެނީގެފަހުން މުންޝިރު ނޫން އެހެން މީހަކު އަހަންނަށް މުހިއްމެއް ނޫން... އެކަމަކު ... އެއީ... ހަމައެކަނި އަލީޒީއާއި ދިމާވެ، އަހަރުމެންގެ އެކުވެރިކަން ބަދަހިވުމާއި ހަމައަށް.......!
ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެކަމަކު ދެންވެސް ވާހަކަދެއްކީ އައިޝާއެވެ.
"މިއަދު އަހަރެންގެ ހިތުގައި ރިހުނީ، އަހަރެންގެ އެންމެ ހާއްސަ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާ، އޭނާގެ ހަގީގަތް އަހަންނަށް ފޮރުވައި ވަޅުލާން މަސައްކަތްކުރީތީ.. މާޒީގެ ހަގީގަތް ބުނެދޭށޭ އެންމެ ފަހަރަކުވެސް ނުބުނަން.... އެކަމަކު އެވަރުގެ ވޭނެއް ތިޔަ ހަށިގަނޑާއި ސިކުނޑީގައި އުފެދެމުން ދިޔައިރު، ކުޑަކޮށްވެސް ބުނެނުލީ ކީއްވެ؟ އެހީތެރިވާނެ ފުރުސަތެއް އަހަންނަށް ނުދިނީ ކީއްވެ؟ އެހާލުގައި އަލީޒީ ފެނުނު ވަގުތު އަހަރެންގެ އަތުން އަޔާން ދޫވެގެން ނުވެއްޓުނީ ކިރިޔާ.. މުންޝިރާއި އަހަރެންގެ ދިރިއުޅުމުގައި.. އަޔާން އާއި އަލީޒީގެ މުހިއްމުކަން އަލީޒީއަށް ވިސްނޭނެ ކަމަށް އަހަރެން އުއްމީދުކުރަން" ކަރުނަ ފޮހެލަމުން އައިޝާ މިފަހަރު ވާހަކަ ފެށީ އަލީޒީގެ މޫނަށް ބަލަމުންނެވެ.
އައިޝާގެ ހަޔާތުން ކުރިން ނޭގިއޮތް ޝައުގުވެރި ސަފްހާތައް އޭނާ ހުޅުވާލި އެވެ. ހިތުގެ ޝަކުވާތަކާއި އެކުވެރިކަމުގެ އަގު އޭނާ އަދާކުރި އެވެ. އައިޝާގެ މައުލޫ އަލީޒީއަށް ވަރަށް ޝައުގުވެރި އެވެ. އޭނާގެ ހަރަކާތްތަކުން އައިޝާއަށް އެކަން އެނގިއްޖެ އެވެ.
"އަހަރެން މުންޝިރުދެކެ ވަރަށް ވަރަށް ލޯބިވޭ.. ! މުންޝިރަށް އިތުބާރު ނުކޮށް އަހަރެން ކިހިނެއް އޭނާއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ؟ އަލީޒީއަށް އިނގޭތަ... އަހަރެންގެ ވާހަކަ ނުނިމެނީސް މުންޝިރު، ހަމައެކަނި ފޯނު ކަނޑާލީ މިއަދު... ގޭތެރޭގެ ކަންކަން މުޅީން ރަގަޅު ނޫންކަން ކޮންމެވެސް ގޮތަކުން އިހްސާސްވެގެން މިއަދު އެ ގުޅީ.. އަހަރެން ކިހިނެއް އަލީޒީއަށް ދިމާވެފަ އޮތް ހާދިސާ ކިޔައިދޭނީ.. އޭނާގާތު އަހަރެން ކީކޭ ބުނާނީ؟ އަލީޒީއަށް މުންޝިރުގެ ކޮއްކޮގެ މަގާމު ދިނީމައިވެސް އަހަރެންގެ އަޅާލުން ނުދިނޭ ބުނެވޭނެ ޖާގަ މީގައި ނެތް ތަ؟ މާދަމާ ރަށަށް އަންނާނެ.. އަހަރެން ބުނާނީ ކީކޭ؟ ހަދާނީ ކިހިނެއް؟"
އައިޝާގެ އަޑު ބެދިއްޖެ އެވެ. އޭނާގެ މެސެޖް އަލީޒީގެ ހިތުގެ އެންމެ ފުނަށް ފޯރައިފި އެވެ.
އެބުނީ ކީކޭކަން ވިސްނުމާއެކު، އަލީޒީ އައިޝާއަށް ބަލައިލި އެވެ. އޭނާގެ އެ ބުނެލުމުގެ އަސަރާއި އެ ބުނި ޖުމުލައިގެ ތެދުކަން އެއަޑުއިވުނު ކޮންމެ ހިތަކުން އެ ރިހުން އިހްސާސްކުރާނެ އެވެ.
"މުޅި އުމުރު މާމަ ދިން ނަސޭހަތުން ބައެއް އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލި.. އެކަކަށްވެސް އިތުބާރު ނުކުރުމަށް މާމަ ދިން ނަސޭހަތް އަހަންނަށް ކަމަކު ނުދިޔަ.."
ލުއި ހިނިތުންވުމަކާއެކު އައިޝާ ބުނެލި އެވެ. ޝައުގުވެރިކަމާއެކު އަލީޒީ ބަލައިލީ އައިޝާގެ ލޮލަށެވެ.
"އިތުބާރު ނުކުރެވޭ ގުޅުމެއްގައި ދިރުމެއްވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.. މި ކުޑަކުޑަ އާއިލާގައި އިތުބާރުގެ މޫ ނެތިއްޔާ، މި ގޮތުގައި އަބަދަށް ތިބެވޭނެހެން ހީވޭތަ؟" އަލީޒީގެ ބޮލަށް އައިޝާ ބޮމެއް ގޮއްވާލި ފަދަ އެވެ.
އަލީޒީގެ އެސްފިޔަތައް ތަންކޮޅެއް އަވަސްއަވަހަށް ހަރަކާތް ކޮށްލި އެވެ. ހަށިގަނޑުގެ ލޭހިނގުން އަވަސްވެ، ކަންފަތުން ހޫނު އާތްވެއް ނިކުންނާން ފެށި އެވެ. މާޒީގެ އެންމެ ބިރުވެރި ސަފްހާ އަލީޒީގެ ކުރިމަތީގައި ހުޅުވުނެވެ. މަގުމަތީން އަލީޒީގެ ކުރިމައްޗަށް ވެއްޓުނު އަންހެންކުއްޖާގެ ހީލަތްތެރިކަން އެދުވަހު އެނގުނު ނަމަ އެވެ. ވިސްނާލުމެއްނެތި އިތުބާރުކޮށް އޭނާބުނި ތަނަކަށް އަލީޒީގެ ކޮނޑުލަފިކޮއްގެން އެކުއްޖާ ގެންގޮސް ދިނުމަށް އެއްބަސް ނުވެވުނުނަމަ، މިއަދުގެ މިހާލަތު އަލީޒީއަށް ކުރިމަތި ނުވީހެވެ. ބެދޭމަޅިއެއް ނުފެނުނަސް، އިންސާނުންގެ ހަރަކާތްތައް ފެނެ އެވެ. ހީލަތްތެރި ރަހުމުކުޑަ އެ އަމަލުތައް ތަރުޖަމާކުރާން ދަސްކުރަން ޖެހެ އެވެ. މިއީ ތަކުރާރުކޮށް އިންސާނާ ފެއިލްވާ ފިލާވަޅެވެ. ނިއްކުރީގައި ލިޔެފައި ނެތަސް، ފުރަތަމަ ނަޒަރުން އިންސާނާގެ ރަހުމުކުޑަ ހީލަތްތެރި ރޭވުން ދެނެގަންނާން ދަސްކުރާން ޖެހެ އެވެ. ކޮންމެ ހިނިތުންވުމަކީ ހެޔޮއެދުމުގެ ދަޢުވަތެއް ނޫނެވެ.
މައިންބަފައިންގެ ހިޔާވަހިން ބޭރުކޮށް، ގޮތްހުސްވެ ނިކަމެއްޗެއްގެ ގޮތުގައި ރައްފުށުގެ ކުލީކޮޓަރިއެއްގައި އަލީޒީ އިންނާން ޖެހުނީ އިތުބާރުގެ ހިތިތަޖުރިބާގެ ސަބަބުންނެވެ. ކުށެއް ނެތި އެތަށް ތުހުމަތެއްގެ ޝިކާރައަކަށްވީ އެވެ. އެންމެ ލޯބިވާ މީހުން ގެއްލި ދުނިޔޭގައި އެކަނި ވީ އެވެ. ނުކުރާ ކުށެއްގެ އަބަދު މުޅި އުމުރަށް އުފުލާން ޖެހުނީ އެވެ. ހެޔޮހިތުން އެޅި ފިޔަވަޅު، ދިރިއުޅުން ސުންނާފަތިކޮށް، މުޅި ދުނިޔެއަށް ބޭޒާރުކުރީ އެވެ. ނުފިލާނެ ލައްގަނޑެއް މުޅިއުމުރަށް ހިތުގައި ހަރުލެއްވީ އެވެ. ނަމަވެސް ދިރިހުރުން މަޖުބޫރެވެ. ފުރާނައިގައި ވިންދެއް ހުރީތީ އެވެ.
ފެހުމާއި އަތްތެރި މަސައްކަތުގެ ވޯކްޝޮޕް ތެރެއިން ދިމާވެ، އަލީޒީއާއި އައިޝާގެ ގުޅުމަކީ އިއްތިފާގެކެވެ. ދެމީހުންގެ ދެމެދު އުފެދުނީ އާދަޔާ ހިލާފް ގުޅުމެކެވެ. ކާކު، ނުވަތަ ކޮންހާލަތެއްގައި ހުރި މީހެއްކަންވެސް އޮޅުންފިލުވުމެއްނެތި، އައިޝާ އަލީޒީއަށް ދިން އިއްޒަތާއި ގަދަރު އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ އެވެ. ފުރިހަމަ ބުއްދިއެއްގައި މިއަދު އަލީޒީ ހުރުމުގެ ހުރިހައި އުފަލެއްގެ ހައްގުވެރިއަކީ އައިޝާ އެވެ.
މިއަދު އައިޝާ ހިތުގައި ޖެހިއްޖެ އެވެ. އަލީޒީގެ ސަބަބުންނެވެ. ނުވަތަ އެދެމެދުގައިވާ 'ގޮތް ނޭގޭ ދުރުކަމެއްގެ' ސަބަބުންނެވެ.
-ނުނިމޭ-