ads
ޝިއުރީ
ކުރީގެ ޓީޓީ ޗެމްޕިއަން ޝިއުރީ އެމްއެމްޕީއާސީގެ އެމްޑީ ކަމަށް
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ އެއްވަނަ ޓޭބަލް ޓޭނިސް ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އައްޔަންކޮށްފި އެވެ.
Advertisement

ކުރީގެ ޓީޓީ ޗެމްޕިއަން، ޝިއުރީ، އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް އައްޔަން ކުރީ މިއަދު ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން، އަދި އެމްއެމްޕީއާރުސީންވެސް އެކަން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވިނަމަވެސް މީޑިއާތަކުން މިހާރުވަނީ އެމްއެމްޕީއާރުސީގެ ހުސްވެފައިވާ އެމްޑީ ކަމުގެ މަގާމަށް ޝިއުރީ އެޕޮއިންޓް ކުރިކަން ހާމަކޮށްފަ އެވެ.

ޝިއުރީއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަންގެ ފިރިކަލުންނެވެ.

ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސްކަންވެސް ފުރުއްވަމުން ގެންދަވާ ޝިއުރީ އެންމެ ފުރަތަމަ ފާހަގަވީ އުމުރުން އެންމެ 13 އަހަރުގައި ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕުގައި ވާދަކުރަން އިންގްލެންޑުގެ މެންޗެސްޓާ އަށް ދިޔަ ހިސާބުންނެވެ. އެ މުބާރާތުގައި މުޅި ދުނިޔެ އިން އެ ފަހަރު ވާދަކުރި އެންމެ ހަގު ކުޅުންތެރިޔަކީ އޭނާ އެވެ. އޭގެ ފަހުން ޝިއުރީވަނީ ގައުމީ ޓީޓީ ޗެމްޕިއަންކަން ފަސް އަހަރު ހޯދާފަ އެވެ.

މަތީ ތައުލީމް ހާސިލްކުރަން ނެގި ބްރޭކަށް ފަހު ދެން ޝިއުރީ ފެނުނީ ކޯޗެއްގެ ގޮތުންނެވެ. 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ކުޅުންތެރިން ތިން ރަން މެޑަލް ހޯދިއިރު ކޯޗިން ޓީމުގައި ޝިއުރީ ހިމެނުނެވެ. އަދި އެ ފަހަރު ތިން ރަން މެޑަލް ހޯދައި، މިހާރު އޮލިމްޕިކްސްއަށް ކޮލިފައިވެފައިވާ ޒުވާން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ޕާސަނަލް ކޯޗަކީ ވެސް އޭރު ޝިއުރީ އެވެ.

ޝިއުރީ އެންމެ ފަހުން މަސައްކަތް ކުރެއްވީ ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައި އިސްކޮށް މަސައްކަތް ކުރެއްވި އެވެ.

ފުރަތަމަ ފަހަރަށް ސިޔާސީ އިސް މަގާމަށް ޝިއުރީ އައްޔަން ކުރައްވާފައިވާއިރު، ޝިއުރިއަކީ ދިވެހި ކުޅިވަރު ކޮމިއުނިޓީގައި މަގުބޫލު ނަމެކެވެ. އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ޝިއުރީ އައްޔަން ކުރެއްވީ، މި ސަރުކާރުން އެމްއެމްޕީއާރުސީގެ މަގާމަށް ފުރަތަމަ އައްޔަންކުރި ފާތިމަތު ތައުފީގު މިދިޔަ މެއި މަހު މަގާމުން ވަކިކުރުމަށް ފަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް