ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރު ތައާރަފްކުރި ފަހުން ވީއޭއާރަށް ފާޑުކިޔާ އެއް ކަމަކީ ވީއޭއާރުގެ ނިންމުންތަކުގެ މައުލޫމާތު ސަޕޯޓަރުންނަށް ނޭގުމެވެ. އެހެންނަމަވެސް ޔޫރޯ 2024 ގެ ސަޕޯޓަރުންނަށް ވީޑިއޯ އެސިސްޓެޑް ރެފްރީންގެ ނިންމުންތަކާ ބެހޭ ގޮތުން ކުރިއަށްވުރެ ތަފްސީލީ މައުލޫމާތު ދޭނެ ކަމަށް ޔޫއެފާ އިންތިޒާމްކުރާ ޔޫއެފާއިންވަނީ ބުނެފައެވެ.
ޔޫއެފާގެ ރެފްރީ ކޮމިޓީގެ ވެރިޔާ ރޮބަޓޯ ރޮސެޓީ ވިދާޅުވީ ޖަރުމަނުގެ ދަނޑުތަކުގައި ހުންނަ ސްކްރީންތަކުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ކޯލްތަކުގެ "ޓެކްނިކަލް އެކްސްޕްލެނޭޝަންސް" ލިބިގެންދާނެ ކަމަށާއި އެއީ ބެލުންތެރިންނަށް އެ މައުލޫމާތުގެ ތަފްސީލު ދިނުމަށް ކަމަށެވެ.
"ވީޑިއޯ އެސިސްޓެންޓަށް ފަހު، ނިންމުމުގެ ޓެކްނިކަލް ބަޔާން ދަނޑުތަކުގެ ޖަޔަންޓް ސްކްރީންތަކުން ދައްކާނެ، މިސާލަކަށް މިހެން ފެންނާނީ.. ޕެނަލްޓީ، ހޭންޑްބޯޅަ، ޖަރުމަނުގެ 9 ނަންބަރު ކުޅުންތެރިޔާ ބޯޅަގައި އަތްލީ، ނެޗުރަލް ނޫން ހާލަތެއްގައި ހުރީ. މިހެން ތަފްސީލްކޮށް ކިޔައިދޭނެ" އެލިއަންޒް އެރީނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮސެޓީ ވިދާޅުވި އެވެ.
ރޮސެޓީ ބުނީ ރެފްރީން ޓީމުތަކުގެ ކެޕްޓަނުންނަށް ތަފްސީލު ދެވޭނެ ކަމަށާއި ނަމަވެސް ނިންމުންތަކަށް ގޮންޖަހާ ނުވަތަ މައުލޫމާތު ހޯދުމަށް ޑިމާންޑް ކުރާ އެހެން ކުޅުންތެރިންނަށް އިންޒާރު ދޭނެ ކަމަށެވެ. މި އުސޫލު ޔޫއެފާ ކްލަބް މުބާރާތުގެ ތިން ފައިނަލުގައި ވެސް އަމަލުކުރިއެވެ.