ރަކުލްގެ ގެ ހުންނަ ގުގުރާމްގެ ސަރަހައްދުގައި ދިރިއުޅޭ 200 އާއިލާއަކަށް ކެއްކުމުގެ މަސައްކަތްކުރަނީ ރާކުލް ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ.
ރަކުލް ބުނި ގޮތުގައި ލޮކްޑައުނުގެ މުއްދަތުގައި 200 އާއިލާއަށް ކާންދޭން އާއިލާއިން ނިންމިއިރު ކޮންމެ ދުވަހެއްގެ ދެ އިރު އެ އާއިލާތަކަށް ކާންދޭނެ އެވެ.
މިދިޔަ މާޗު މަހުގެ 25 ގައި އިންޑިއާ ލޮކްޑައުންކުރީ 21 ދުވަހަށެވެ. ރަކުލް ބުނީ މި މުއްދަތު އިތުރުކުރި ނަމަވެސް އެމީހުންނަށް އޭނާ ކާންދޭނެ ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މިކަން އެހާ ކާމިޔާބު ކަމާއެކު ކުރެވެމުންދަނީ އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެވެ. އެމީހުން ދަނީ ކެއްކުމުގެ އިންތިޒާމުތައް ކައިރިން ބަލަމުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އިންޑިއާ ލޮކްޑައުން ކުރިިއިރު ބޭރަށް ނިކުމެ އުޅޭ ފަރާތްތަކަށް އެގައުމުން ހަރުކަށި އަދަބު ވެސް ދެ އެވެ. ބިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ގިނަ އަދަދެއްގެ ފަގީރުން ދިރިއުޅޭއިރު ގިނަ ބަޔަކު މަގުމަތީގައި ވެސް ދިރިއުޅެ އެވެ.