 
                                                                                                
                    މިހާރު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މަތިވެރީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އަންނަ އިންތިހާބުގެ ކުރިން ލާމަރުކަޒީ ގާނޫނަށް ގެންނާނެ ބަދަލުތަކުގެ ވާހަކަތައް ހިއްސާކުރައްވާފަ އެވެ.
އެގޮތުން ގެންނަ އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ފާހަގަކުރެއްވީ މިހާރު އޮންނަ އަތޮޅު ކައުންސިލްތައް އުވާލުމެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންކަމުން ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލް ހޮވަން ވޯޓުލާން ނުޖެހޭނެކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މަސައްކަތް ކުރާނީ ސީދާ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތަކާ ގުޅިގެންކަމަށެވެ.
ރައީސް ވިދާޅުވީ މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލިހުގެ ކުރިއަށް އޮތް ދައުރު ފަށާއިރަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް މަޖިލިހަށް ފޮނުއްވާނެ ކަަމަށެވެ. 
މީގެ އިތުރުން ކައުންސިލްތައް ކުޑަކުރުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުގެ އަދަދު މަދުކުރުންވެސް މަޖިލިހަށް އިސްލާހު ހުށައަޅުއްވާނެކަމަށްް ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އަދަދަށް ގެންނަ ބަދަލުތައް
މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ރައްޔިތުން ވޯޓުދީގެން ހޮވާ ފުލްޓައިމް މުވައްޒަފަކަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެންނާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 
ލާމަރުކަޒީ ގާނޫނަށް މި މަހުގެ ކުރީކޮޅުވެސް އިސްލާހުތައް ގެނެސް މިދިޔަ ހަފުތާގައި ވަނީ އެ އިސްލާހުތަކަށް އަމަލުކުރަން ފަށައިފަ އެވެ.
ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާ ލާމަރުކަޒީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް އަތޮޅު ކައުންސިލް ވެސް އުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.