
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްތަކުން ހުށަހަޅަމުން އަންނަކަމަށެވެ. ހާއްސަކޮށް ފަތުރުވެރިކަން ފުޅާވެފައި އޮންނަ ރަށްތަކުގެ ރައްޔިތުން ޕިކްނިކް ހަދަން ދާނެ ތަނެއް ނެތިގެން މި ހުށައެޅުން އަންނަ ވަރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭން ނިންމަވާފައިވާކަން ރައީސް މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކަމުގެ ދިރާސާ މަސައްކަތްކަމަށާއި، އަމަލީގޮތުން އެމަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާކުރާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.