ކުރީގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޮނާލްޑީނީއޯ، އޭނާ ނިސްބަތްވާ ގައުމީ ޓީމުގެ ކުޅުމާމެދު ފާޑުކީއިރު، މިމަހު އެމެރިކާގައި ފަށާ ކޮޕާ އެމެރިކާގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއް ނުބަލާނެ ކަމަށް ރޮނާލްޑީނިއޯވަނީ ބުނެފައެވެ.
ބްރެޒިލްގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރި ރޮނާލްޑީނިއޯ ބުނެފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ނުބަލާތާ، ލިބޭ އެއްވެސް ކާމިޔާބީއެއްގައިވެސް އޭނާ ބައިވެރިނުވާނެ ކަމަށެވެ.
ރޮނާލްޑީނިއޯ ބުނީ، ވޭތިވެދިޔަ ދުވަސްތަކަށް ބަލާއިރު، ބްރެޒިލްގައި މިހާރު އޮތީ މިހާތަނަށް އެ ގައުމުން ނެގޭނެ އެންމެ ފެންވަރު ދަށް ޓީމު ކަމަށެވެ. ޓީމުގައި އެ ޓީމު ލީޑު ކުރާނެ އެއްވެސް މީހަކު ނެތް ކަމަށް ވޯލްޑްކަޕް ކާމިޔާބުކޮށް، އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައިވާ ރޮނާލްޑީނިއޯ ބުންޏެވެ.