ads
ދޫކޮށްފައި ނުދާށޭ.. - 12 ވަނަ ބައި
އެޕިސޯޑް 12

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ޖީންސްގެ ޖީބުން ފޯނު ނަގާފައި ސްކްރީނަށް ބަލައިލި އެވެ. ސްކްރީން ދިއްލިގެން ދިޔަ ވަގުތު މުންޝިރުގެ ލޮލާއި ހަމައަށް ހިނިތުންވުން ފޯރިކަމުގެ ހަބަރެއް އޭނާއަށް ނުވި އެވެ. އަޔާންއާއެކު އައިޝާ ވަގުތު ހޭދަކުރަނިކޮށް މީގެ ތިން ދުވަސް ކުރީން އަލީޒީ ނަގާފައިވާ ފޮޓޯއެކެވެ. އުފާވެރި މަންޒަރަށް ބަލަހައްޓައިގެން މުންޝިރަށް އިނދެވުނެވެ. ސްކްރީންގައި ފިރުމާލީ ނުހަނު ލޯބިންނެވެ. 

އައިޝާއަށް ގުޅާލެވުނުއިރެއް މުންޝިރަށް ނުވެސް އެނގުނެވެ. 'ހެލޯ' ގޮވާހެން ހީވެގެން ފޯނަށް ބަލައިލެވުނުއިރު ކޯލްގައި ދޮޅު މިނެޓް ހޭދަވެއްޖެ އެވެ. 

"ހެއި... ބިއުޓިފުލް!!" އިޝްގުން ފުރިގެންވީ ގޮވާލުމެކެވެ.

އައިޝާގެ މުޅި ހަށިގަނޑުން ހީނބިހި ނެގި އެވެ. މުންޝިރުގެ އެންމެ ގޮވައިލުމަކުންވެސް އައިޝާގެ ހަށިގަނޑު ކޮންޓްރޯލް، އޭނާގެ އިހްތިޔާރުން ބޭރުވެއްޖެ އެވެ. އެކަކު އަނެކަކަށް ބޭނުންވަނީ ކިހައި މިންވަރަކަށް ކަމެއް ދުލުން ހހާމަކުރާކަށް ނުޖެހެ އެވެ. އެދެމެދުގައި ކުޑަވެސް ނުތަނަވަސްކަމެއް ވީކަމުގެ އިޝާރާތެއް އޮންނާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. 

"ވަރަށް ބޮޑަށް މިސްވޭ.. އައި ނީޑް ޔޫ ..." އައިޝާގެ ހިތުގެ އެންމެ އިހްލާސްތެރި އަޑު އިއްވާލި އެވެ.

ތަފާތު ވިންދެން މުންޝިރްގެ ހިތުގައި ޖަހައިލި އެވެ. ލިބުނު ސިގުނަލާއެކު ހިތުގެ ހާލަތު ދެނެގަންނާން ހިނދުކޮޅެއްވެސް ނުނެގި އެވެ. މުންޝިރްގެ ގައިގާ ބީހެމުންދިޔަ  މަޑުމަޑު ވައިރޯޅީގެ އަޑު، ރުކުގެ ފަންވަތްތަކުގެ އެހީގައި އައިޝާގެ ކަންފަތާއި ހަމައަށް ފޯރި އެވެ. ކިތަންމެ ދުރުގައިވިޔަސް ރޭގަނޑުގެ ހަމަހިމޭން މާހައުލުގައި ދެހިތުގައި ޖަހަމުންދިޔައީ އެއް ވިންދެކެވެ. ކުރަމުން ދިޔަ އިހްސާސްތަކުގައި ވަނީ އެއް ރިހުމެކެވެ. ފަރުވާއެއްގެ ގޮތުގައި ހިތް އެދެނީ އެއް ކަމެކެވެ. ނަމަވެސް ވަގުތާއި ހާލަތު އެ އެދުމަށް ފުރުސަތެއް ނުދިނެވެ. 

"މާދަމާ ރަށަށް ދެވޭކައްނެތް.. ވަރަށް ބުރަ ދުވަހެއް.. އަހަރެން ނެތަސް، ތިކޮޅުގެ ހުރިހާ ކަމެއް އައިޝާ ބަލަހައްޓާނެކަން ޔަގީން.. އެކަމަކު... ވަރަށް މިސްވޭ.. ވަރަށް ލޯބިވޭ.. ކިތަންމެ ބޭނުންވިޔަސް...!!" މުންޝިރުގެ ޖުމުލަ ކކިތަންމެހާވެސް ޖަޒުބާތީ އެވެ.

އެ އަޑުގައި ހުރި ރިހުމާއި ނުތަނަވަސްކަން އައިޝާއަށް ތަފްސީލް ބޭނުމެއް ނުވި އެވެ. ޖުމުލަ ފުރިހަމަ ނުކޮށް ނިންމާލިޔަސް، ހަމަހިމޭންކަމުގެ މުއާމަލާތު ދެފަރާތުން ކުރެވެމުން ދިޔަ އެވެ. ނޭވާގެ އަޑު ދެހިތަށް ތަސައްލީއެއް ކަމުގައި ފުދުނެވެ. ނަމަވެސް ސިކުނޑީގެ އަރާރުންވުން މުންޝިރަށް ހައްލެއް ނުވި އެވެ. ދުލުގައި ހުރި ޖުމުލަތައް ހިއްސާނުކޮށް މިރެއަކު ހަމަޖެހުމެއް ނުލިބޭނެކަން ޔަގީނެވެ. ހިޔާލީ އޮއެވަރުގައި ޖެހެވުނުވަގުތު ސިއްސައިގެންދިޔައީ އައިޝާގެ ގިސްލުމުގެ އަޑަށެވެ. ވިސްނުންތެރިކަމާއެކު ނޫނީ އެންމެ ލަފްޒެއްވެސް މިވަގުތު ދުލުން ބޭރުކުރެވެން ނެތްކަން މުންޝިރަށް އެގެ އއެވެ. 

"މިހައި ދުރުގަ ހުއްޓައި ތިހައި ހިތްދަތިކޮށް ރޮންޏާ، އަހަރެން ކިހިނެއް ކެތް ކުރާނީ...؟ ހިތައް އަރާ، ދުވަހަކުވެސް އަހަރެންގެ އަތުގެ ތެރެއިން އައިޝާ ނުނެރި ދުނިޔޭގެ ހުރިހައި ރިހުމަކަށް ފޮރުވައިގެން އުޅެވޭނެ ދުވަހެއް އަންނާނެބާއޭ.. !! އެދުވަހަކުން ދުނިޔެއާއިމެދު އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން.. އިން ޝާ ﷲ އަހަރުމެން ދިރިއުޅޭނީ ވަރަށް އުފަލުގައި.. އެއީ އަލީޒީގެ ދެމައިންނާއި އަހަރުމެން ދެމީހުންގެ ހިތްގައިމު ދުނިޔެ..!! އެކަކު އަނެކެއްގެ އެހީތެރިކަމާއެކު އަހަރުމެންގެ އުފާވެރި މުސްތަގުބަލް އަރާސްތުކުރާނީ، އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން..!  އަހަރެން އައިޝާދެކެ.. ވަރަށް ލޯބިވޭ! ކެއްތެރިކަމާއެކު މަޑުމަޑުން ކަންކަން ހައްލުކުރެވޭތޯ މަސައްކަތް ފަށަން ހިނގާ..! ކިތަންމެ ދުރުގައި ތިއްބަސް ދެ ހިތުގެ ދުރުކަމެއް އަހަރުމެން ދެމެދުގައި ނުވާނެ..!"

މުންޝިރުގެ ފަހު ލަފްޒާއެކު ހަށިފުރާ އައިޝާ ނޭވާއެއް ދޫކޮށްލި އެވެ. ހުރިހައި ރިހުމެއް ހިނދުކޮޅެއްގެ ތެރޭގައި ނެތިދިޔައީ އެވެ. އެއަޑު އަހަން އޭނާ ކެތްމަދުވެފައިވާ މިންވަރު ލޯބިވާ ފިރިމީހާ ދެނެގަތްފި އެވެ. ރަށުން ބޭރުގައި މަސައްކަތް ކުރުމަކީ ކިހައިވަރެއްގެ އުނދަގޫ ކަމެއްކަން އިނގޭނީ އެކަން ތަހަންމަލްކުރާ އާއިލާތަކަށެވެ.

"އިން ޝާ ﷲ އެދުވަސް އަންނާނެ..!! އަހަރެން އަބަދުވެސް މަސައްކަތްކުރަނީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައި ދިރިއުޅުމާއި ކުރިމަތިލެވޭތޯ..! އެކަމަކު.. އެއް ދުވަހަށްވުރެން އަނެއް ދުވަހު، އަހަރެންގެ ހިތްވަރު އެލި، އަމިއްލަ ނަފުސުގެ އިތުބާރު ގެއްލެމުންދާކަމުގެ އިހްސާސް މިހާރަކަށް އައިސް ވަރަށް ބޮޑަށްކުރެވޭ.. މިރޭގެ މި ކަރުނައަކީ  އަހަރުމެން ދެމީހުންގެ ދެމެދު އޮތް ދުރުކަމާއި ނުވަތަ ލޯތްބާއި ގުޅުންހުރި ކަމެއް ނޫން.." ބުނެދެވެން އޮތް ވަރަށް އައިޝާވެސް ބުނނެދެވޭތޯ މަސައްކަތްކުރި އެވެ. 

"މިރޭ ވަރަށް ބޭނުން..!!" ކެތްތެރިކަން ކޮޅުންލާން ފެށުމުން މުންޝިރުގެ އިހްސާސްތައް ބުނެދިނެވެ. އައިޝާގެ މޫޑް ބަދަލުކުރެވޭތޯ މަސައްކަތްކުރާންވެސް ބޭނުމެވެ. 

ފެންނާން އިން ހަނދަށް މުންޝިރަށް ބަލައިލެވުނެވެ. ތަރިތަކުގެ ވިދުން ކިތަންމެ ގަދަޔަސް، އެ ހަނދުގެ ވާޖިބާއި ނުލައި ރޭގަނޑުގެ ޖަޒްބާތުތައް ހިތްތަކާއި ހަމައަށް ނުފޯރާނެ އެވެ. ދެހިތެއްގެ ގުޅުމަކީ އެ މިސާލެވެ. ކިތަންމެ ލޯތްބެއް ހިތުގައި ވިޔަސް، ތަސައްލީއެއް ލިބޭނީ ޖަހަމުންދާ މަސްތީ ވިންދުގައި އެއް ރާގެއް އެކުލެވިގެންނެވެ. 

"އަހަރެންވެސް..!!" ދެހިތެއްގެ ތެޅުން މިއުޒިކެއް ފަދައިން ވަޔާއެކު ދަތުރުކޮށްލި ވަގުތުގައި އައިޝާގެ ގައިން ހީބިހި ނެގި އެވެ. 

ލޯތްބާއި ގާތްކަމަށް ހިތް އެދުނަސް، އައިޝާގެ ސިކުނޑީގައި އަރާރުންވަމުންދިޔައީ ރިހުމާއި ނުތަނަވަސްކަމެވެ. އެ އިހްސާސްތައް މުންޝިރާއި ހިއްސާކުރާން މިއަށްވުރެން ރަގަޅު ވަގުތެއް އައިޝާ ބޭނުމެވެ. މާދަމާވެސް ކޮޅަށް ހުއްނާނެ ހިތްވަރެއް ބޭނުންވެ އެވެ. ލޯބިވާ މީހުންނާއި ދެމެދު ލެވިފައިވާ ދުރުކަމުގެ ފާލަމަކީ ހާދަހައި ވޭންދެނިވި ގަދަ ރިހުމެކެވެ.

.....................

ނިދީގައި  ފުރޮޅެލި ކުޑަކުޑަ ދަރިފުޅުގެ ކޮލުގައި އަލީޒީ ފިރުމާލި އެވެ. ދުނިޔޭގެ އެއްވެސް ބަހުރުވައެއް  ފަހުމު ނުވިޔަސް، މައިމީހާގެ ލޯތްބާއި އޯގާތެރިކަމާއި މައިވަންތަ ކުލުނު އެދަރިފުޅު ދެނެގަތްފި އެވެ. އަލީޒީގެ ލޮބުވެތި ފިރުމައިލުމާއެކު ކުރިއަށްވުރެންވެސް މަންމައާއި ގާތަށް އަޔާން ޖެހިލި އެވެ. އަލީޒީގެ ތުންފަތް ދަރިފުޅުގެ ނިއްކުރީގައި ޖައްސާލާފައި ލޯބިކޮށްލި އެވެ. ދުވަމުންދިޔަ ހިތްގައިމު މަޑުމަޑު މީރުވަސް އަލީޒީގެ އެންމެ ހިމަނާރާއި ހަމައަށް ދަތުރުކުރި ވަގުތުގގައި ދެ ލޯ މަރައިލާފައި ހިނިތުންވި އެވެ.

"މި މަންމަ ދުނިޔެއަށް ބޭޒާރުކޮށް ހިތްދަތިކުރީ ކާކުތޯ ނުވަތަ ކޮންބައެއްތޯ ބެލުން މުހިއްމެއް ނޫން.. މުހިއްމުވަނީ އެ ގަދަ ތޫފާނުގައި  ކުރިމަތިވި ހުރިހައި ގޮންޖެހުމަކަށް ކުރިމަތިލައި، މިއަދު ހިނިތުންވުމުގެ ސަބަބެއްކަމުގައި ދދަރިފުޅު މިންވަރުކުރެއްވީތީ... މިއަށްވުރެން ވަކި ބޮޑު އުފަލެއް އިހްސާސްކުރެވުނު ދުވަހެއް މިހާރަކު ހަނދާނެއް ނެތް..!"

ފަނޑު އަލީގައިވެސް އަޔާންގެ ފުށްކޮޅެއްފަދަ ދޮންކަން އަލީޒީއަށް ފާހަގަކުރެވުނެވެ. ކުޑަކުޑަ އަތުގެ ހިމަ އިނގިލިތަކުގައި އަލީޒީ ފިރުމައިލި އެވެ. ދެމައިންގެ އިނގިލިތަކާއި ނިޔަފަތިތަކުގެ ބައްޓަމާއި ކުލައިގައި ކުޑަވެސް ތަފާތެއް ނެތެވެ. 

ލޮލުން ވެއްޓުނު ކަރުނަ އަލީޒީ ފޮހެލި އެވެ. ހިތަށް ތަދުވީ އަލީޒީގެ ބައްޕަގެ ހަނދާންތަކުންނެވެ. ކިތަންމެ ފަހަރަކު ބައްޕަގެ އަތުގެ ތެރޭގައި އަލީޒީގެ ކުޑަކުޑަ އަތް ބާއްވާލާފައި ބުނެލާނެ އެވެ.

"މިއީ ހަމަ މުހައްމަދު ޒަރީރްގެ އަތްތިލަ" ބައްޕަގެ އޯގާތެރި ލޯތްބާއި އަސަރުގަދަ ހަނދާންތައް އަލީޒީގެ ހިތަކުން ނުފިލާނެ އެވެ.

އިންސާނުން ލޮލުން ކަރުނައަޅައި ރޮނީ އެމީހުންގެ ބަލިކަށިކަމަކުން ނޫނެވެ. އެހެނެއްކަމަކު، ދިގުމާޒީގައި ކުރެވުނު ގަދަ ހިތްވަރާއި ހިފެހެއްޓުނު ކަރުނަތަކަށް ތަސައްލީއެއްގެ ގޮތުގަ އެވެ. 

ލޯތްބާއެކު އަޔާންއަށް ބަލައިލި އެވެ. މަންމަގެ ލޮބުވެތި ފިރުމައިލުމުން، ހުވަފެނީ ހިނިތުންވުމަކާއެކު އަރާމު ނިދީގެ ތެރެއަށް އަޔާން ރުޖޫއަވުމުން އަލީޒީއަށް ލިބުނީ ހިތްހަމަޖެހުމެވެ.  

"ލޯބިވާ ދަރިފުޅާ... މަންމަ މިއަދު ދިރިމިހުރީ ދަރިފުޅުގެ ސަބަބުން.. ހަމައެކަނި ތި ދަރިފުޅަށްޓަކައި.. މި މަންމައަކީ ހިތްވަރު ގަދަ މަންމައެއްކަމުގައި ދަރިފުޅަށް ސާބިތުކޮށްދެވޭތޯ މަސައްކަތްކުރާނަން.. ކޮންމެ ހާލެއްގައި، ކިތަންމެ ވޭނެއްގައި ދިރިއުޅެން ޖެހުނަސް އުއްމީދު ކަނޑާ ނުލާނަން.. މަންމަގެ ހަމައެކަނި އުއްމީދަކީ، ދަރިފުޅަކީ ހިތްވަރުގަދަ އަދި ކިޔަމަންތެރިކަމާއެކު އެންމެންނަށް އިހްތިރާމްކުރާ ކުއްޖެއްގެ ގޮތުގައި ބޮޑުވެ، ހިތްވަރާއެކު ދަރިފުޅުގެ ދުނިޔެ އަރާސްތުކުރުން... ހެޔޮލަފާ، ދީންވެރި ކުއްޖެއްގެ ގޮތުގައި ދަރިފުޅުގެ ދިރިއުޅުން ފުރިހަމަކޮށްދެވިއްޖެނަމަ، މަންމަގެ ހުރިހައި އުފަލެއް ހާސިލްވީ... މަންމައަށް ހިތްވަރުކުރެވޭނީ ދަރިފުޅު ކިބައިން ހިތްވަރު ލިބިގެން.. ﷲގެ އިރާދަފުޅާއެކު އަހަރުމެން ދިރިތިބޭނީ އެކަކު އަނެކަކަށްޓަކައި.." 

އަޔާން ނަގައި އަލީޒީގެ މޭމަތީގައި ބާއްވާލި އެވެ. އަދި ފިރުމާލަމުން ދަރިފުޅުގެ ނިއްކުރީގައި ތުންފފަތް ބީއްސާލި އެވެ.

................

ދިރިއުޅުމުގެ އެތަށް ވާހަކަތަކެއް ދެކެވިއްޖެ އެވެ. އަޔާންގެ ކޮންމެ ހަރަކާތެއް މުންޝިރަށް ކިޔައިދިނުމަކީ އައިޝާގެ އުފަލެކެވެ. ފޯނު ބާއްވަން އެކަކުވެސް ބޭނުމެއް ނޫނެވެ.  ބާލީހުގައި އައިޝާ ހަމަޖެހިލި އެވެ. ދެލޯ މަރައިލީ ހިތްވަރު ލިބޭތޯ އެވެ.

ހަމަހިމޭންކަމުގެ ވަގުތުކޮޅެއް އައީ ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ދިނީތީ އެވެ. އަޔާންގެ ލޯބި ވާހަކަތަކުގެ އިތުރަށް ދައްކަން އޮތް މުހިއްމު ވާހަކައެއް އެބައޮތްކަން ދެމީހުންނަށްވެސް އިގެ އެވެ. އެކަކު ވިސްނަމުންދިޔައީ އެވާހަކަ ފަށާނެ ގޮތަކާއި މެދުގަ އެވެ. އަނެކަކު އިންތިޒާރުކުރަމުންދިޔައީ އެއަޑު އިވޭނެ ވަގުތަކަށެވެ.  

"އަހަރުމެންނަށް އަންދާޒާކުރެވޭ ވަރަށްވުރެން އަލީޒީގެ މާޒީ މާ އަނދިރި.. އެއީ ދުވަހަކުވެސް ފަސޭހހަވުމެއް ނެތް ޒަހަމުތަކެއް.. އެއަށް ފަރުވާއެއް ނުވެސް ކުރެވޭނެ.. އެ ރިހުމެއް ދުވަހަކުވެސް ނުކެނޑޭނެ"

ހަމަހިމޭންކަމުގެ ތެރެއިން އައިޝާގެ އަޑު މިފަހަރު މުންޝިރުގެ ހިތް ބިރުގަންނަވާލި އެވެ. ބުނަން އެއުޅެނީ ކީކޭބާ އެވެ. ވެގެންއުޅެނީ ބޮޑު ގޮތެއްކަން މުންޝިރުގެ ތޫނު ވިސްނުމުން ދެނެގަތެވެ. ނަމަވެސް އެވާހަކަތަކަށް އައިޝާ ވަގގުތުބޭނުންވާކަން އޭނާއަށް އިގެ އެވެ. އެވަގުތު ދިނުމަށް މުންޝިރު ތައްޔާރެވެ. 

"ކޮންމެވެސް އަމާން މަގެއް ފެންނާނެ.. ހިތްވަރުކޮށްލާ.. ގަދަ އޮއެވަރާއި، ބިޔަރާޅުތަކުތެރޭގައި ހިތްވަރުގަދަކޮށްލާފަ، ކުރިމަތިލާ! އަހަރެންގެ އައިޝާއަށް ވާނެ.. ގެނބެމުންދާ ވަގުތު ހިމަ ހޯލިކޮޅެއް ފެނުނަސް އެއީ  ޖަވާހިރެއްކަމުގައި ފުދޭނެޔޭ  ބުނާއަޑު އަހަން ...!! އަލީޒީއަށްޓަކައި އެ ހިމަ ހޯލިކޮޅުގެ ދައުރު އަދާކުރާންޖެހުނަސް، ފަސް ނުޖެހޭތި..! އަހަރެންގެ އެހީއެއް ބޭނުންވެއްޖެ ކޮންމެ ވަގުތަކު ދާދިގާތުގައި ހުރެދޭނަން... މި ދެމެދުގެ ދުރުމިނަކީ ހަމަ އެންމެ ފޯންކޯލެއްގެ މިންވަރު..!"

ބޭނުންވެއްޖެ ކޮންމެ އެހީތެރިކަމެއް މުންޝިރުގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން އައިޝާއަށް އާކޮށށްދިނެވެ. 

"މިކަހަލަ ހަނދުވަރީ ރެއެއްގެ ހިތްފަސޭހަ މާހައުލެއްގައި ތިބެ މިކަންކަމާއިމެދު ވިސްނާލަން ވަރަށް ބޭނުން... ދުރުގައި މިހެން ހުންނާކަށް ފަސޭހައެއް ނޫން.. ބުނެދޭން ނޭގޭ މި އިހްސާސާއެކު ނިދާނީ ކިހިނެއް؟" 

އަނބިމީހާގެ ނުތަނަވަސްކަން ފިލުވާލަދިނުމަށް އެ ހިތް އެދެމުންދާ މިންވަރު ބުނެދޭކަށް މުންޝިރަށް މިރޭ ފަސޭހައެއް ނޫނެވެ. 

އައިޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަދޭން އެންމެ ގާތުގައި ނުވިޔަސް، އެ ތުންފަތުގެ ތުރުތުރުއެޅުން މުންޝިރަށް އިހްސާސްވި އެވެ. އައިޝާގެ އެއްވެސް އިޝާރާތެއް ނެތެވެ. މަޑުމަޑު ނޭވާގެ އަޑު މުންޝިރުގެ ހިޔާލްތައް ގަޑުބަޑުކޮއްލި އެވެ. އަހާނެ އެއްޗެއް ނުވަތަ ކުރާނެ ސުވާލެއް ނޭގުނެވެ. އައިޝާ އެއްޗެއް ބުނާނެވަގުތެއްގެ އިންތިޒާރުގައި ހުރީ އެވެ. ހަމަޖެހިލުމަށްފަހު ރުކުގައި ބޮލުގެ ފުއްކިބަ ޖައްސާލާފައި ދެ ލޯ މަރާލި އެވެ. މަޑުމަޑު ވައިރޯޅީގެ ފިނިކަން ލިބިގަތުމަށެވެ. 

"އަނދިރިކަން ނޫނީ އަލީޒީ ވަށައިގެން ނުވޭ.. މިދުނިޔޭގައި އަހަރުމެން އިންސާނުންނަށްޓަކައި އެންމެ ރައްކާތެރި މަންޒިލަކީ އަމިއްލަ ގެއާއި ގެދޮރު.. އެކަމަކު އެންމެ ފުން ހިތާމައާއި އެންމެ ގަދަ ރިހުމުގެ އަސްލަކީ އެއީކަމަށް ވެއްޖެނަމަ ދެން، ދުނިޔެއާއިމެދު އޮންނާނީ ކޮން އުއްމީދެއް..؟! އިތުބާރުކުރާނީ ކާކަށް..؟ އެހީއަށް އެދި އަތް އުފުލާލާނީ ކާކު ކުރިމަތީގައި..؟ ހާދަހައި ވޭނެކޭ އެ އުފުލަނީ" 

ހިމޭންކަމުގެ ތެރެއިން މުންޝިރުގެ ކަންފަތުގެ ހިދުރިއަށް ބާރުގަދަ ތޫފާނެއް އައިޝާ ފޮނުވާލި އެވެ. ދެ ލޯ ބޮޑުކޮށްލެވުނީ ބާރުގަދަ އެއްޗަކުން ފުށްކިބައިގައި ޖެހުނުހެން ހީވެގެންނެވެ. އައިޝާގެ ޖުމުލަ މުންޝިރު ވަށައިގެން ހަލަބޮލިކޮށްލި އެވެ. ބުނާނެ އެއްޗެއް ނޭގުމުން ކުއްލިޔަކަށް މުޅި މީހާ ދާހިއްލަން ފެށި އެވެ. ނަމަވެސް މިއީ މުންޝިރުގެ މެދުހަށީން ހިތްވަރު ނެރެންޖެހޭ 'އުނދަގޫ' ވަގުތެއްކަން އޭނާ ހަނދާން ނައްތައިނުލި އެވެ. އައިޝާގެ ދެ ކޮނޑުގައި ހިފައި އޭނާއަށް ހިތްވަރުދޭން މިވަގުތު ހުރި ހަމައެކަނި މީހަކީ މުންޝިރެވެ. 

"ކޮންމެ ހާލެއްގައިވިޔަސް، މަންމައަކީ މަންމަ..! އެ ހަގީގާތް ބަދަލެއް ނުކުރެވޭނެ..! ކިތަންމެ ފަހަރަކު، ތަކުރާރުކޮށް އޭނާގެ އިހްސާސްތަކުގައި ކިތަންމެ ގަދަ ވޭނެއް އެޅިޔަސް، ފަސޭހަނުވެ އޮތް ބޮޑު ފާރުގަނޑެއް އޮތަސް، އޭނާގެ ދަރިފފުޅަށް ލޯތްބާއި އޯގާތެރިވުމުގައި ހިތްވަރު ކުރުން، ފުރިހަމަ މަންމައަކު ހުއްޓައެއް ނުލާނެ.. އަދި އެ ދަރިފުޅަށްޓަކައި މިއަދަށްވުރެ ފަހި އަމާން، މާދަމާއަކަށް ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުންވެސް އެ މަންމަ ހުއްޓައެއް ނުލާނެ..! ތިމާއަށް ހިތްދަތިކަންދީ އަނިޔާވެރިވި މީހަކަށްޓަކައި ކަރުނަ އެޅުމުގެ ބޭނުމަކީ ކޮބައި...!!؟؟ އަލީޒީގެ ކޮނޑުގައި މިއަދު އެޅިފައިވަނީ ބަރު،ބޮޑު ޒިންމާއެއް..! އަލީޒީއަށް މި ނަސޭހަތް އަބަދުވެސް އައިޝާ ހަންދާންކޮށްދޭތި..!" 

މުންޝިރުގެ ލޮލުން ވެއްޓުނު ކަރުނަ އޭނާ ފޮހެލި އެވެ. އެ ކަރުނައިގެ ބުރަދަން އައިޝާއަށް އިހްސާސްނނުވާނެކަން މުންޝިރަށް ހީވިނަމަ އެއީ ހަގީގަތެއް ނޫނެވެ.  

"ކުށެއް ނެތް އެ އަންހެންކުއްޖާއަށް ނުލިބޭ އަނިޔާއެއް މި އުޑުދަށުގައިވާނެހެން ހިޔެއް ނުވޭ.." މުންޝިރުގެ އަޑު ނީވި އިރުކޮޅެއް ވުމުން އަނެއްކާވެސް އެއްޗެއް ބުނެލީ އައިޝާ އެވެ. 

...............

މޭމަތީގައި ނިދާލާފައި އޮތް އަޔާން މަޑުމަޑުން ނަގާފައި އެނދުގައި ބާއްވައިލި އެވެ. އިރުކޮޅެއްވާންދެން ދަރިފުޅަށް ބަލަން އިނދެފައި އަލީޒީ ތެދުވި އެވެ. އަޔާން ވަށައިގެން ބާލީސް ބަހައްޓާލާފައި އަލީޒީ ފަރުވާތެރިކަމާއެކު ފިޔަވަޅުނަގަމުން ދުރަށް ޖެހިލާފައި ފަނޑުއަލިކަމުގެ ތެރެއިން ކޮޓަރިއަށް ބަލައިލި އެވެ. އައިޝާ  ގެނެސް ބަހައްޓާފައި ހުރި ކޮތަޅަށް އަލީޒީގެ ނަޒަރު ހުއްޓުނެވެ. ފަހާފޮށި ކައިރީގައި އެވަރުގެ ތިން ކޮތަޅު ހުއްޓެވެ. ކުރަންހުރި މަސައްކަތް ހިތަށް އައުމުން ހިންދިރުވައިލެވުނެވެ. ތުވާލި އަޅުވާ ހަރުން ތުވާލި ނަގައިގެން ފާހާނާއަށް ވަނީ އަދިވެސް އެއްފަހަރު އަޔާންއަށް ބަލައިލާފަ އެވެ. 

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް