ads
ބީސީސީގެ ސުޕަހީރޯ: ކިޔައިދެނީ ފްރީލާންސް މަސައްކަތްތެރިންގެ ހާލަތު - ފޮޓޯ:ބީސީސީ
ބީސީސީގެ "ސުޕަހީރޯ" އިން މި ކިޔައިދެނީ ފްރީލާންސް މަސައްކަތްތެރިންގެ ހާލަތު
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބޮޑު އީދާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބައްޕައިންގެ ދުވަހާ ގުޅިގެން ނެރުނު "ސުޕަހީރޯ" އިން ފްރީލާންސް މަސައްކަތްތެރިންގެ ހާލަތު ކިޔައިދީފި އެވެ.

ބީސީސީން ނެރުނު މި ކުރު ފިލްމުގައި ދައްކައިދެނީ ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ ތެރެއިން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

ސުޕަހީރޯގައި ފެންނަނީ ވީޑިއޯ ކޮންޓެންޓް ހަދައި އެ ވިއްކުމަށް މީހަކު އެކަނިމާ އެކަނި ކުރާ މަސައްކަތްތަކެވެ. އޭނާ ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ އެ މީހާއަށް ދިމާވާ އެންމެ އުދަނގޫ ކަންތައް ކަމުގައި ފިލްމުގައި ބުނެދެ އެވެ.

އޭނާގެ އެ މަސައްކަތް މީހުން ބަލައި ނުގަތުމާއި މަސައްކަތަށް އުޖޫރަ ހޯދަން ހުރި ދަތި އުދަނގޫތައް ސުޕަހީރޯގައި ވަރަށް ރަނގަޅަށް ދައްކައިދެ އެވެ. ދިރިއުޅުން ބިނާކޮށް ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތްތެރިޔާގެ ޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކުން ފައިސާ ދިނުމުގައިވާ އިހުމާލުގެ ސަބަބުން އޭނާއަށް ދެން ދިމާވާ ދަތިތައް ކިޔައިދެ އެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް "ސީއެންއެމް" އަށް ވިދާޅުވީ ސުޕަހީރޯ ހެދުމުގެ ވިސްނުން އައީ ބޮޑު އީދު ދުވަހާއި ބައްޕައިންގެ ދުވަހަކީ އާއިލާ އެކުގައި ފާހަގަކުރާ ދެ ދުވަހަށްވާއިރު، މި އަހަރުގެ ބޮޑު އީދު ދުވަހާއި ބައްޕައިންގެ ދުވަސް އެއް ދުވަހަކަށް ދިމާވުމާ އެކު، ދުވަސް އިތުރަށް ހާއްސަވާތީ ކަމަށެވެ.

"ރާއްޖޭގައި ފުދޭވަރަކަށް ގިނަ ބަޔަކު އެބައުޅޭ ފްރީލާންސްކޮށް ނޫނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކެއް. މި ބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް މި ވަނީ ޕްރޮޖެކްޓް ވައިސްކޮށް ވޯކްކުރައްވާއިރުގައި ރެގިއުލާކޮށް ޕޭމަންޓްސް ނުލިބުމާއި މިކަހަލަ ކަންކަން. އަޅުގަނޑުމެން ހިތަށް އެރީ އެއީ ވެސް އިޝޫއެއްގެ ގޮތުގައި ފާހަގަވެފައިވާތީ އާއެކު، އެންކަރޭޖްކުރަން ބޭނުންވޭ. މަސައްކަތްކޮށްފައި މަސައްކަތަށް ހައްގުވާ އުޖޫރައެއް ލިބުނީމަތާ އެ ބޭފުޅުންގެ ދިރިއުޅުމަށް ކުރާ ހަރަދުތައް ކުރެވޭނީ،" ސާމިހް ވިދާޅުވި އެވެ.

ސުޕަހީރޯއިން ދޭން ބޭނުންވީ މެސެޖެއްކަން ފާހަގަކުރައްވާ ސާމިހް ވިދާޅުވި ގޮތުގައި ފްރީލާންސަރުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ބީސީސީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމުގަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ގިނަ ކަންތައްތަކެއް ތަންފީޒު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާމިހް ވިދާޅުވެފައި ވަނީ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރަން ބައިވަރު ކަންކަން ކުރުމަށް ކެބިނެޓުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް ބީސީސީއަށް ބޮޑު މެންޑޭޓެއް ހަވާލުވެފައިވާ ކަމަށް ވެސް ސާމިހް ފާހަގަކުރެއްވި އެވެ.

ކުދި ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރާ ބީސީސީން އަންނަނީ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް