ads
ބާޒާރުކުރުމުގައި ޕްލާސްޓިކް ކޮތަޅުގެ ބޭނުން ކުރަނީ: ޕްލާސްޓިކް ކޮތަޅު ފީ ގެ ލިބެން ޖެހޭ ފައިސާގެ ތެރެއިން 1.54 މިލިއަން ރުފިޔާ ވަނީ ނުލިބި - ފޮޓޯ:ސީއެންއެމް
ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި ލިބެން ޖެހި، ނުލިބި 1.54 މިލިއަން ރުފިޔާ
ޕްލާސްޓިކް ކޮތަޅު ފީ ގެ ލިބެން ޖެހޭ ފައިސާގެ ތެރެއިން 1.54 މިލިއަން ރުފިޔާ ނުލިބި ވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން އާންމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި ލިބިފައި ވަނީ 8.65 މިލިއަން ރުފިޔާ އެވެ.

މީރާއިން ބުނެފައި ވަނީ ކޮތަޅު ފީ ގެ ގޮތުގައި ލިބެން ޖެހޭ ކަމަށް ރިޕޯޓުކޮށްފައިވާ 317 ފަރާތަކުން 1.54 މިލިއަން ރުފިޔާ ނުދައްކާވާ ކަމަށެވެ. ދައުލަތަށް ޕްލާސްޓިކް ކޮތަޅު ފީ އިން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 70 އިންސައްތަ ވަނީ ދަށްވެފަ އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކާ ނަމަ ނުވަތަ ހިލޭ ދިން ނަމަވެސް، އެ ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ފީ އެއް ނަގަން ޖެހެ އެވެ. ކޮތަޅު ވިއްކާ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ނަމަ، އޭގެ އަގުން ޖީއެސްޓީ ވެސް ނަގަން ޖެހެ އެވެ.

ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅު ފީ ގެ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ނަގާ ޖުމްލަ އަދަދު ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް