
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ޓީމެއްގެ ގޮތުގައި ގުޅިގެން، ޕްލޭން ކުރެވިގެން ސްޓްރެޓެޖިކް މަސައްކަތްތަކެއް އެމްއެމްޕީއާރުސީ އާއެކު ކުރެވޭ ނަމަ ލޯ ސީޒަނާއި ސީޒަންގައި މި އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލު ވެވޭނެ ކަމަށެވެ.
އަހަރުގެ މިހާތަނަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އަންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މި އަހަރު ނިންމާނީ ކަނޑައެޅި އަމާޒު ކަމުގައިވާ ދެ މިލިއަން ފަތުރުވެރިންނާ އެކުގައި ކަމުގަ އެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު، މި އަހަރު ނިމޭއިރު 2.1 މިލިއަން ނުވަތަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 936,258 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިިދިޔަ އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިން އައި އަދަދާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 854,405 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5,709 ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. މި މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދަށް ފަތުރުވެރިން އަންނަ ކަމަށްވާ ނަމަ، މަހުގެ 28 ނުވަތަ 29 ވަނަ ދުވަހު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.