ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ ސުވާލު އުފެދޭ: ރައީސް ނަޝީދު
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ހާލަތުގައި ޤާނޫނުއަސާސީ އިސްލާހު ކުރެވިދާނެކަމާއި މެދު ސުވާލު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި އެވެ.

އެ އިސްލާހުގައި ވަނީ، ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެމްބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން، ކުރިން އިންތިހާބު ކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެ މީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ. 

މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެކަމަށެވެ. ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވަނީ 7/2012 ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީ ކިޔާލުމުން ކުއްލި ނުރައްކަލަކީ ހާލަތެއްކަން ސާފުވާކަމަށެވެ. 

ކުއްލި ހާލުގެ ދަށުން ރައީސްއަށް ބާރުތަކެއް ހިފެހެއްޓޭކަމަށާއި، އެހެން ނަމަވެސް ރައިސް އެފަދަ އެއްވެސް ބާރެއް ހިފަހައްޓާފައި ނެތްކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އޮތް ގާނޫނީ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރަންޖެހޭ ކަމަށާއި އަދި މިއީކޮން ހާލަތެއްތޯ ދެނެގަންނަންޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ކުރިން ރާއްޖެ އޮތް ހާލަތާއި ގުޅޭގޮތުން މެމްބަރުން މަޝްވަރާ ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް