ރޭ ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ މިހާރު ރާއްޖެއަށް ނުގެނެވިފަ 100 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް މައުލޫމާތު ލިބެމުންދާކަމަށާއި އަދި އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންކަމަށް މައުލޫމާތުލިބިފައިވާކަަމަށެވެ.
އެ މަސައްކަތަކީ ޑިޕްލޮމެޓިކް މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދެވޭނީ އެކްސެސްލިބިގެން ނުވަތަ ކަމާގުޅޭ ހުއްދަ ލިބިގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު ހޯމް މިނިސްޓްރީން ދަނީ އެމަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދަމުންކަމަށްވެސް އިހުސާނު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސީރިއާ ފަދަ ތަންތަނަކީ ހަނގަރުރާމަވެރި މާހައުލުތަކެއް ކަމަށާއި، އެފަދަ ތަންތަނަށް ދަތުރުކުރުމަށްފަހު ކޮންމެވެސް ބައެއްގެ އަތްދަށުވެ ދިވެހިން ހާލުގައި ޖެހެމުންދާ ކަމަށެވެ.
ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު ޖެނުއަރީ މަހު ރާއްޖެއަށް ގެނެސްފައި ވެއެވެ. އެއީ 6 މީހަކާއި 15 ކުޑަ ކުއްޖެކެވެ. އަދި އެމީހުން ރިހެބިލިޓޭޓް ކުރެވޭނެކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.
ދިވެހި ރައްޔިތަކު އެއްވެސް ތަނެއްގައި ހާލުގައިޖެހިފައި ނުބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ފޮރިން މިނިސްޓްރީއާ ގުޅިގެން އެމީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.