ސާމިހް "ސީއެންއެމް" އަށް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވަރަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރަން ބައިވަރު ކަންކަން ކުރުމަށް ކެބިނެޓުން ނިންމަވާފައިވާ ކަމަށް ސާމިހް ވިދާޅުވި އެވެ. ސާމިހް ވިދާޅުވެފައި ވަނީ އެ ނިންމެވުމާ އެއްގޮތަށް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން ބީސީސީއަށް ބޮޑު މެންޑޭޓެއް ހަވާލުވެފައިވާ ކަމަށެވެ.
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރަން ކުރަން ބީސީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކްރިއޭޓާ ހަބްއެއް ގާއިމުކުރުމުގެ މަސައްކަތް ބީސީސީން ކުރަމުން އަންނަ ކަމަށް ސާމިހް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާއި މަސައްކަތަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީސީސީން ކްރިއޭޓާސް ކޮންފްލުއެންސްތަކެއް ބާއްވާފައިވާ ކަމުގަ އެވެ.
ސާމިހް ވިދާޅުވީ އެފަދަ މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި ވަނީ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރާއިރު ގަވައިދުން އެ މަސައްކަތްތަކެއް އުޖޫރަ ނުލިބުން ކަމަށެވެ. މަސައްކަތެއް ކުރުމަށްފަހު އެ މަސައްކަތަކަށް ހައްގުވާ އުޖޫރައެއް ލިބިގެން ނޫނީ އެ ފަރާތްތަކުގެ ދިރިއުޅުމަށް ކުރާ ހަރަދުތައް ނުކުރެވޭނެ ކަމަށް ސާމިހް ފާހަގަކުރެއްވި އެވެ.
އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ގޮތުން މި ބޮޑު އީދާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ބައްޕައިންގެ ދުވަހާ ގުޅުވައިގެން "ސުޕަހީރޯ" ގެ ނަމުގައި ކުރު ފިލްމެއް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބީސީސީގެ މި ކުރު ފިލްމުގައި ދައްކައިދެނީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ ތެރެއިން އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކެވެ.
ސުޕަހީރޯގައި ފެންނަނީ ވީޑިއޯ ކޮންޓެންޓް ހަދައި އެ ވިއްކުމަށް މީހަކު އެކަނިމާ އެކަނި ކުރާ މަސައްކަތްތަކެވެ. އޭނާ ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބުމަކީ އެ މީހާއަށް ދިމާވާ އެންމެ އުދަނގޫ ކަންތައް ކަމުގައި ފިލްމުގައި ބުނެދެ އެވެ. އޭނާގެ އެ މަސައްކަތް މީހުން ބަލައި ނުގަތުމާއި މަސައްކަތަށް އުޖޫރަ ހޯދަން ހުރި ދަތި އުދަނގޫތައް ސުޕަހީރޯގައި ވަރަށް ރަނގަޅަށް ދައްކައިދެ އެވެ. ދިރިއުޅުން ބިނާކޮށް ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތްތެރިޔާގެ ޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކުން ފައިސާ ދިނުމުގައިވާ އިހުމާލުގެ ސަބަބުން އޭނާއަށް ދެން ދިމާވާ ދަތިތައް ކިޔައިދެ އެވެ.
ސުޕަހީރޯއިން ދޭން ބޭނުންވީ މެސެޖެއްކަން ފާހަގަކުރައްވާ ސާމިހް ވިދާޅުވެފައި ވަނީ ފްރީލާންސަރުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ބީސީސީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ގިނަ ކަންތައްތަކެއް ތަންފީޒު ކުރެވޭނެ ކަމަށް ސާމިހް ވިދާޅުވި އެވެ.
ކުދި ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރާ ބީސީސީން އަންނަނީ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.