ads
ކްރޫޒްލައިނާއަކުން މާލެއަށް ފޭބި ފަތުރުވެރިންތަކެއް: މިދިޔަ އަހަރަށް ވުރެ މި އަހަރު އިގުތިސޯދު ކުރިއަރާ ދުވެލި ހަލުއިވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައި - ފޮޓޯ:މާޔާ
މިދިޔަ އަހަރަށް ވުރެ މި އަހަރު އިގުތިސޯދު ކުރިއަރާ ދުވެލި ހަލުއިވާނެ
މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާ ދުވެލި ހަލުއިވާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭއިން އާންމުކުރި ކުއާޓާލީ އިކޮނޮމިކް ބްލެޓިން ރިޕޯޓުގައިވާ ގޮތުގައި މި އަހަރު އިގުތިސޯދީ ދުވެލި ހުންނާނީ 4.9 އިންސައްތައިގަ އެވެ. މިދިޔަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުރީ ހަތަރު އިންސައްތައިގައި ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުވަމުން ދިއުމާ އެކު، އިގުތިސޯދަށް އަންނަ ކުރިއެރުންތަކުގަައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެމްއެމްއޭއިން ބުނެފައި ވަނީ އެ ސިނާއަތުގައި މުހިންމު މާކެޓުތައް ކަމަށްވާ ޗައިނާ އާއި ޔޫރަޕުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުންތަކާ އެކު ދަތުރުފަތުރާއި މުވާސަލާތީ ސިނާއަތަށް އަންނަ ކުރިއެރުންތަކަކީ ވެސް އިގުތިސޯދީ ދުވެލި ހަލުއި ވުމަށް ލިބޭ ބާރެއް ކަމަށެވެ.

މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ހަލުއިވާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވާއިރު، އަހަރު ފުރަތަމަ ކުއާޓަރުގައި މަސްވެރިކަން ފިޔަވައި ރާއްޖޭގެ އިގުތިސޯދުގައި ހިމެނޭ މައިގަނޑު އެެހެން ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެމްއެމްއޭއިން އާންމުކުރާ ކުއާޓާލީ އިކޮނޮމިކް ބްލެޓިންގައި އިގުތިސޯދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާއަތްތަކަށް އަންނަ ކުރިއެރުންތަކުގެ ތަފުސީލާއި އިގުތިސޯދާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމަނަ އެވެ. މި ރިޕޯޓު ނެރުމުގެ މަގުސަދަކީ ކުރު މުއްދަތުގައި އިގުތިސޯދަށް އަންނަ ބަދަލުތަކާއި އަތުވެދާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް