އިސްމައަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
އިސްމައަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުށީގައި ހުއްޓާ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިސްމަ މާލެ ގެނައީ ރޭ 1:00 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ. އިސްމައަށް އެޑީކޭ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސްކަމަށް "މިހާރު" ނޫހުން ބުނެ އެވެ.
އުމުރުން 47 އަހަރުގެ އިސްމަ ނޫސްވެރިކަމުގައި ހިދުމަތްކުރާތް 28 އަހަރުވަނީ ވެފަ އެވެ. އާފަތިސް ނޫހުން ނޫސްވެރިކަމަށް ނުކުތް އިސްމަ ވަނީ "ހަވީރު" ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކޮށްފަ އެވެ.
އިސްމާއިލް ނަސީރަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ވަނީ ލިބިފަ އެވެ.