ads
މިފްކޯގެ މުވައްޒަފުން ބޭރުގައި ނިދާފައި: މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް އޭއެފްސީ ޝަޓްޑައުން ކޮށްފައިވާއިރު، އޮޕަރޭޝަން ފެށޭނެ ދުވަހެއް ނޭނގެ - ފޮޓޯ:މިފްކޯ
މަސްވެރިންގެ ޑިމާންޑާ އެކު އޭއެފްސީ "ޝަޓްޑައުން"، އޮޕަރޭޝަން ފެށޭނެ ދުވަހެއް ނޭނގެ
މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ) "ޝަޓްޑައުން" ކުރެވިފައިވާ ކަމަށާއި ތަނުގެ ހިދުމަތް އަލުން ފެށޭނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.
Advertisement

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ މަސްވެރިންގެ މުޒާހަރާ ކުރިއަށް ދާތީ އައްޑޫ ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން ވަނީ މެދުކަނޑާލެވިފައި ކަމަށެވެ. މިއަދުގެ ހަވީރު ހަތަރެއްގެ ފަހުން ކޮމްޕްލެކްސްއިން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭއެފްސީ ކައިރީގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯއިން ނިންމާފައެއް ނުވޭ. އެކަމަކު މުޒާހަރާ ކުރިއަށްދާ ނަމަ، އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޭއެފްސީ އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް އަދި ދަންނަވަން ދަތި،" ހާލަތު މިހާރު އޮތް ގޮތުން އޭއެފްސީގެ ހިދުމަތް އަލުން ފަށަން ދަތިކަން ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވެފައި ވަނީ އިއްޔެގެ މުޒާހަރާގައި ބައިވެރިވި މަސްވެރިން ވަނީ ސްޓާފް ކެންޓީން ބަންދުކޮށްފައި ހުއްޓާ ކުޑަދޮރަކުން އެތަނަށް ވަދެ ތަނުގައި ހުރި ކާބޯތަކެތީގެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކަމަޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލުމުގެ ސަބަބުން އޭއެފްސީގެ މުވައްޒަފުން ރޭގައި ނިދާފައި ވަނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ކެއިންބުއިމާއި ފާހާނާކުރުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދި އެކަމަށް ހުރަސް އެޅިފައިވާ ކަމުގަ އެވެ.

"ރޭގައި ފުލުހުން ރިކުއެސްޓްކޮށްގެން އޭއެފްސީއަށް ކަރަންޓު ދިނުމުން މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ގެއްލުން ލިބިދާނެ ފަދަ ހާލަތަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ކަރަންޓު ފަހުން ޖެހުނީ ކަނޑާލަން،" މަސްވެރިންގެ ޑިމާންޑަކީ އެކަމަޑޭޝަނާއި ބްލޮކާއި އެޑްމިން ބިލްޑިން އަދި ކެފެޓީރިއާއިން ކަރަންޓު ކަނޑާލާފައި ބެހެއްޓުންކަން ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވި އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަންކަމުގެ އިތުރުން މަސްވެރިންގެ ޑިމާންޑަކީ އެ ފަރާތްތަކަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދެއްކުން ކަމަށެވެ. އީދު ބަންދަށް މިފްކޯއިން 46 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަން އިބްރާހިމް ފާހަގަކުރެއްވި އެވެ. އީދަށްފަހު ހުޅުވޭ ހަފުތާގައި ނުދެވި ހުރި ފައިސާ ދައްކައި ނިންމަން މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި، ސަރުކާރާ އެކު މަޝްވަރާކޮށް ގޮތެއް ހޯދޭނެ ކަމަށް އޭރު ހާމަކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބްރާހިމް ވިދާޅުވެފައި ވަނީ އެގޮތުގެ މަތިން އޮޑިވެރިންނަށް މިހާތަނަށް ނުދެއްކިވާ ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އިއްޔެގެ މެންދުރުފަހު 2:40 އިން ފެށިގެން ހަވީރު 5:09 އަށް ސައިޓުގައި އެއްވެސް ގޮތަކަށް ކަރަންޓު ނެތި ޕަވާ އޮފް ކުރެވި ސިސްޓަމް ޝަޓްޑައުން ކުރެވިފައި ވަނީ. ހަވީރު 5:09 އިން މިއަދުގެ މިވަގުތާ ހަމަޔަށް. އެކަމަޑޭޝަންސް ބްލޮކާއި އެޑްމިން ބްލޮކާއި މިސްކިތާއި ކެފެޓީރިއާއިން ވަނީ ޕަވާ އޮފް ކުރެވިފައި މަސްވެރިންގެ ޑިމާންޑްގެ ސަބަބުން،" އޭއެފްސީގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނައިރު، އޭގެތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށާއި ކުންފުނީގެ އެޗްއާރު ޓީމުން ވަރަށް ގާތުން ކަންކަން ބަލަމުން އަންނަކަން ފާހަގަކުރައްވާ އިބްރާހިމް ވިދާޅުވި އެވެ.

މިފްކޯއިން ވަނީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖު ވީހާވެސް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް އެ ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި މަސްވެރިކަމުގެ ސިނާއަތަށް ވެސް ލިބޭނެ ދެރައެއް ކަމަށް މިފްކޯއިން ބުނެ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށް މިފްކޯއިން ބުނި ގޮތުގައި މުވައްޒަފުންގެ ހައްގުގައި ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް