ads
މަސްވެރިން މީގެ ކުރިން ބޭއްވި މުޒާހަރާގައި މާލޭ ބޭރުމަތީގައި: މިފްކޯއިން ބުނީ މަސްވެރިންނަށް ދޭން ހުރީ އެއް މަހާއި 14 ދުވަހަށްވާ 52 މިލިއަން ރުފިޔާ ކަމަށް - ފޮޓޯ:އެކްސް
މަސްވެރިންނަށް ދޭން ހުރީ އެއް މަހާއި 14 ދުވަހަށްވާ 52 މިލިއަން ރުފިޔާ: މިފްކޯ
މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ހުރީ އެއް މަހާއި 14 ދުވަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފި އެވެ.
Advertisement

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ މަސްވެރިން އެ ކުންފުންޏަށް ކިރާ މަހާ އެކު ދޭން ޖެހޭ ފައިސާގެ އަދަދު އަބަދުވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ބެކްލޮގަކީ މަސް ކިރާ ނިސްބަތަކުން ދުވަހުން ދުވަހަށް އިތުރުވާނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވެފައި ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އީދު ބަންދާ ހަމައަށް ހުރި އަދަދުން 46 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފައިވާ ކަމަށެވެ. މިއަދާ ހަމައަށް މަސްވެރިން ކިރާފައި މަހަށް ދޭން ޖެހޭ ހުރީ 52.6 މިލިއަން ރުފިޔާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އަޅުގަނޑުމެން ހިސާބުކޮށް ބަލާއިރު މިހާތަނަށް މަސްވެރިން ކިރި މަހަށް ނުދެވި ހުރީ 52.6 މިލިއަން ރުފިޔާ. މާނައަކީ މަހުން ނުވަތަ ދުވަހުން ބަލަންޏާ އެއީ އެއް މަހާއި 14 ދުވަހަށްވާ ފައިސާ،" އިބްރާހިމް ވިދާޅުވި އެވެ.

މިފްކޯގެ އޮފިޝަލް ވިދާޅުވި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގައި މުޒާހަރާ ކުރަމުން އަންނަ މަސްވެރިންގެ ޑިމާންޑަކީ ހަމައެކަނި ކިރި މަހަށް ފައިސާ ދިނުން ނޫން ކަމަށާއި އެ މީހުންގެ ޑިމާންޑްތަކުގެ ތެރޭގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ނުވަތަ ރައީސްގެ މަންދޫބަކު އެ މީހުންނާ ބައްދަލުކުރުން ހިމެނޭ ކަމުގަ އެވެ. އެކަންކަމުގެ ތެރެއިން މި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެފައިވާ ކަން ވެސް އިބްރާހިމް ފާހަގަކުރެއްވި އެވެ.

"މަސްވެރިން މިހާރު އެބުނާ އަދަދަކީ ރަނގަޅު އަދަދެއް ނޫން. މިހާރު ނުދެވިވާ ކަމަށް އެ ބުނާ ދެ މަސް ނޫނީ ތިން މަސް ދުވަހުގެ ފައިސާ، 100 މިލިއަން ރުފިޔާއަކީ އަސްލު އަދަދެއް ނޫން. މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނީންނާނެ އެއްވެސް ބިލަކަށް ލާރި ދީފައެއް. މެއި ނުވައަކުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންގެ އަތުން ކިރި މަހަށްވާ ދޭން ޖެހެނީ 52.6 މިލިއަން ރުފިޔާ އޭ،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ކަމުން މިފްކޯއަށް މަސްކިރާ ރޭޓު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މިފްކޯއިން މިއަދު ބުނެފައި ވަނީ މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް އައްޑޫ ފިޝަރީސް ކޮމްޕްލެކްސް "ޝަޓްޑައުން" ކުރެވިފައިވާ ކަމަށާއި މިވަގުތު ހާލަތު އޮތް ގޮތުން ތަނުގެ ހިދުމަތް އަލުން ފެށޭނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވީ ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަަނަށްވުރެ ގިނަ ރުފިޔާ ދޫނުކޮށް ހުރުމުންނެވެ. މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ފައިސާ ދޫކުރުމަށް މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް