ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ވައްކަމުގެ އަމަލު ހިންގާ މީހުންނާ ދެކޮޅަށް ހެކި ލިބިއްޖެނަމަ ފިޔަވަޅު އަޅާނެ: ރައީސް
ރައްޔިތުންނަށް އިހްލާސްތެރިވާނެ ކަމަށާއި ކޮރަޕްޝަނާއި ވައްކަމުގެ އަމަލު ހިންގާ މީހުންނާ ދެކޮޅަށް ހެކި ލިބިއްޖެނަމަ އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

"ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން މީހުން ހައްޔަރު ނުކުރި ނަމަވެސް އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައިގެން ސަރުކާރުން ހޯދަމުންދާ އިގުތިސޯދީ ކާމިޔާބީތައް ފޮރުވަންކަމަށެެވެ. އެހެންކަމުން ޕީއެންސީގެ މައި ޖަގަހަކަމަށްވާ ޕީއެންސީ ހައުސް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހަގީގަތް ހާމަކޮށްދޭންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ނިޒާމުގެ ތެރެއިން ކަންކަން ބެލުމަކީ ބަދަލު ހިފުން ނޫން ކަމަށެވެ. މާތްﷲ އަންގަވާފައިވަނީ އަދުލްވެރި ވުމަށާ އެ ސިފަ އޮތްނަމަ ގައުމަށް އޮތީ ބަރަކާތްތެރިކަން ކަމަށެވެ. އެހެން ވީމަ ވައްކާ ކޮރަޕްޝަނަށް އެއްވެސް ފުުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް އެ ފުރުސަތެއް ނޯންނާނެ. އެއީ އަކީއެއް ބަދަލު ހިފުމެއް ނޫން. އެއީ އަދުލު އިންސާފު ގާއިމުކުރުން. އެކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ [އަދުލު އިންސާފު ގާއިމުކުރުން]. އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނާ އެކު ކުރިއަށް ވަޑައިގަތުމަށެވެ. އަދި ރައްޔިތުންނަށް ތެދުވެރިވެ އިހްލާސްތެރިވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހޭދަވެެގެން މިދިޔަ ހަތް މަސް ތެރޭގައި ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިޔާސީ ބަދަލު ހިފުން އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ފެނިގެން ނުދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މިރޭވެސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އެ ވައުދުވެވަޑައިގެންނެވި ގޮތަށް ފުއްދަވާ ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވި ކުރީ ސަރުކާރުން ހަރަދުތައް ފޫބައްދަން ފައިސާ ޗާޕުކުރިނަމަވެސް، އެއީ ގައުމަށް އެންމެ ފައިދާ ހުރި ނިންމުން ނޫންކަމަށާއި، އަދި އެއީ އިހްލާސްތެރި މަސައްކަތެއްވެސް ނޫންކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އިތުރުން، ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ސަރުކާރުން ލޯނު ނެގުންވެސް ހުއްޓާލާފައިވާކަމަށެވެ.

ހަރުގެ ހުޅުވަން ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް