
އިމިގްރޭޝަނުން ބުނީ ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހު އޮން އެރަވައިލް ވިސާ ދޫކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންކަމަށެވެ. އަދި މި ނިންމުމަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއްކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖެއިން ލަންކާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް 90 ދުވަހުގެ ވިސާ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެގައުމުން ޖަހާދެމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މީ ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތްކަމާއި އެކުވެރިކަން ރަމުޒުކޮށްދޭ ކަމެއްކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް ދާދި ފަހުން ވަނީ ނިންމައިފައެވެ. މި ނިންމުން ނިންމާ އިއުލާންކުރީވެސް ލަންކާގެ ރައީދސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ސްރީލަންކާ އަކީ ދިވެހީން އެންމެ ގިނަ އަދަދަކަށް ގޮސް އުޅޭ އެއް ގައުމެވެ. ބޭސްފަރުވާގެ ބޭނުން ނޫނަސް، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން އެ ގައުމަށް ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ. އޭގެ އިތުރުން ސްރީލަންކާ އަކީ އެންމެ ގިނަ ދިވެހީން ދިރިއުޅޭ ވެސް އެއް ގައުމެވެ.
ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް މިއަހަރު 60 އަހަރު ވަނީ ފުރިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ